އެސްއެސްސީގައި ގުރުއާން އިމްތިހާނު ހަދަން ޖެހޭތީ މަޖިލީހަށް ޕެޓިޝަނެއް!

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ

ސެކަންޑަރީ ސުކޫލު ސެޓްފިކެޓު (އެސްއެސްސީ) ގައި ގުރުއާން މާއްދާއިން އިމްތިހާނު ހަދަން ޖެހޭތީ ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ބެލިނިވެރިންގެ ފަރާތުން އެ ޕެޓިޝަން ސްޕޮންސާކޮށް މަޖިލީހަށް ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ޕެޓިޝަން އިއްވަވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ޕެޓިޝަނުގައި ޖުމްލަ 18 ސުކޫލަކުން 400 ބެލެނިވެރިން ސޮއިކޮށްފައިވާ ކަމަށެވެ. އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވަނީ، މިއަހަރު ގްރޭޑް 10 ގައި ކިޔަވާ ކުދިންގެ ތެރެއިން ސްޓްރީމްތައް ކަނޑައެޅި އިރު ކިޔަވަން ޖެހޭ މަޖުބޫރު މާއްދާތަކާއި އޮޕްޝަނަލް މާއްދާތަކުގައި ގުރުއާން މި މާއްދާ ހިމެނިފައި ނުވާއިރު ކުއްލިއަކަށް އެ މާއްދާ މަޖުބޫރު ކުރުމުން ދިމާވާނެ ދަތިތަކެވެ.

"ދަރިވަރުންނާއި ޓީޗަރުން ތަމްރީނު ނުކޮށް ކުއްލިއަކަށް ގުރުއާން މާއްދާއިން ގައުމީ ފެންވަރުގެ އިމްތިހާނެއް ބޭއްވުމަށް ކަނޑައެޅުން،" ޕެޓިޝަނުގައި ބެލެނިވެރިން ހިމަނާފައިވެ އެވެ.

އޭގެ އިތުރުން ދަރިވަރުން ގުރުއާން މާއްދާގެ އިމްތިހާނަށް ތައްޔާރުވެފައި ނެތުމުން އެ މާއްދާއަށް އިތުރު ވަގުތު ދޭން ޖެހި ކިޔަވަމުން ދާ އެހެން މާއްދާތަކަށް ބުރުއަރާ ކަމަށް ބެލެނިވެރިން ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ. އަދިވެސް އިތުރު ކަންތައްތަކެއް އެ ޕެޓިޝަނުގައި ހިމަނާފައިވެ އެވެ.

އެ ޕެޓިޝަން، މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ފޮނުވުމަށް މަޖިހީގު ރައީސް މިއަދު ވަނީ ނިންމަވާފަ އެވެ.

ގުރުއާން މާއްދާއަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހަދަައި މިއަހަރު ފެށުނު އިރު ވަނީ ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފަ އެވެ. ގުރުއާނަކީ އިހްތިޔާރީ މާއްދާއަކަަށް ހަދަން އެއްވެސް އިރެއްގައި ވިސްނުމެއް ނެތްކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް