އަނެއްކާވެސް އެންޓި ޑިފެކްޝަން ގާނޫނެއްގެ ބަހުސް

ފެބްރުއަރީ 3، 2020: މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން ---- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކަށް، ޕީޕީއެމް ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ހަމަޖެހުމާއެކު އެންޓި ޑިފެކްޝަން ގާނޫނެއް މުހިންމު ކަމަށް މެމްބަރުންނަށް ގަބޫލުކުރެވި، އެ އަޑު މަޖިލީހުގައި މިއަދު ގަދަވެގެން ހިނގައްޖެ އެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީ އިން ވަކިކުރުމުން ވިޔަސް ގޮނޑި ގެއްލޭ ގާނޫނެއް ފާސްކޮށްފަ އެވެ.

އެންޓި ޑިފެކްޝަން ގާނޫން ހަދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ސުޕްރީމު ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. އެ ހުކުމުގައި އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން ވަނީ ލާޒިމްކޮށްފަ އެވެ.

ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެެއް އެ ޕާޓީ ދޫކޮށް ދިއުން ހުއްޓުވުމަށް، އެންޓި ޑިފެކްޝަންގެ ގާނޫނު މަޖިލީހަށް ހުށަހެޅުއްވީ އޭރުގެ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.

އެންޓި ޑިފެކްޝަން ބިލަށް ބަހުސް ކުރި އިރު، ބިލަށް ތާއީދު ކުރީ ޕީޕީއެމް އިންނެވެ. ބިލް ފާސްވެ ތަސްދީގުވެގެން ދިއުމުން އެ ގާނޫނު އުވާލަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.

ނަމަވެސް އެ ގާނޫނުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގާނޫނު އަސާސީ އިން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅޭކަމަށް ބުނެ ވިލިފުށީ ދާއިރާގެ އޭރުގެ މެންބަރު ރިޔާޒު ރަޝީދު ވަނީ އެ ގާނޫނު އުވާލަން ފަހުން ހުށަހަޅައިފަ އެވެ.

އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކޮށްފައި ވަނީ 37 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ބާތިލް ކުރަން ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓް ދެއްވިއިރު، ވަކި ގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ ފަސް މެމްބަރުން ތިއްބެވިއެވެ.

އެންޓި- ޑިފެކްޝަން ގާނޫނު އުވާލުމުގެ ބިލް އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަސްދީގު ކުރެއްވީ 13 ނޮވެމްބަރު 2018 ގައެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު -- ފޮޓޯ/މަޖިލިސް

އޭގެ ފަހުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަނެއްކާ މިވަނީ އެންޓި ޑިފެކްޝަން ގާނޫނެއްގެ ވާހަކަ ދެކެވިފަ އެވެ. އެންޓި ޑިފެކްޝަން ގާނޫނެއްގެ ވާހަކަ ދެކެވުނީ އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ޕީޕީއެމްއާ ގުޅިވަޑައިގަތުމުންނެވެ.

މެމްބަރު ޕީޕީއެމްއާ ގުޅިވަޑައިގެން އެކަމުގެ ހުރިހާ ލިޔުންތައް މަޖިލީހަށް ހުށަހެޅުމާ ގުޅިގެން، މަޖިލީހުގައި ޕީޕީއެމް ތަމްސީލުކުރައްވާ މެމްބަރުންގެ އަދަދު ހަޔަކަށް ވަނީ އަރައިފަ އެވެ. އަދި މަޖިލީހުގައި އިދިކޮޅު ސިޔާސީ އެންމެ ބޮޑު ޕާޓީއަކަށް ޕީޕީއެމް ވަނީ ވެގެން ގޮސްފަ އެވެ.

މިކަމާ އެންމެ ފުރަތަމަ ހިތްހަމަނުޖެހުމުގެ ރާގެއްގައި ވާހަކަދެއްކެވީ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ---- ފޮޓޯ/ މަޖިލިސް

"އަޅުގަނޑު ހަނދާންވާ ގޮތުގައި އަމިއްލަފުޅަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިންތިހާބުވެވަޑައިގަތީ އެބޭފުޅާގެ ދާއިރާގެ ރައްޔިތުންގެ ގާތުގައި ތިމަންނާ މީ ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެމްބަރެއް ކަމަށް ވިދާޅުވަމުން،" ނަޝީދު ވިދާޅުވި އެވެ.

މައިނޯރިޓީ ލީޑަރު އިއުލާނުކުރައްވަމުން ނަޝީދު ވިދާޅުވީ އިންތިހާބުވުމަށްފަހު "ދާއިރާގެ ރައްޔިތުންގެ ރުހުމެއް، އެދުމެއް، ހިތުގައި އޮތް ގޮތެއް އޮޅުން ނުފިލުވައި" މެމްބަރަކު ޕާޓީ ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގާނޫނުން ވެސް އަދި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުން ވެސް ހުރަސް ނާޅާ ކަމަށެވެ.

އެއަށްފަހު ނަޝީދު ވަނީ ކޮންމެ ޕާޓީއަކުން އަދި އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވަޑައިގެންފައި ތިބި މެމްބަރުންގެ ތެރެއިން އެއް މެމްބަރަކަށް ވާހަކަދެއްކުމުގެ ފުރުސަތު ދެއްވައިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ރާއްޖޭގައި ތައާރަފްކުރުމަށް އެންމެ ފުރަތަމަ ވާހަކަ ދެކެވުނު އިރުވެސް އެންމެ މުހިންމު ކަމަކަށް ވެފައި އޮތީ، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ އިތުބާރު ހޯދުން ކަމަށެވެ.

ސިޔާސީ ޕާޓީއަށް އިތުބާރު ލިބެނީ އެއީ އެ ސިޔާސީ ޕާޓީގެ ވިސްނުމާ ފިކުރު ރައްޔިތުންނާ ހަމައަށް ގެންގޮސް ރައްޔިތުންނަށް އެ ވިސްނުން ވިސްނައިދީގެން އެ ކެންޑިޑޭޓުން ގޮނޑިއަށް ހޮވުމުން ކަމަށެވެ.

ހަސަން ލަތީފު -- ފައިލް ފޮޓޯ/ މަޖިލިސް

އަދި ހޮވުމަށްފަހު އެ ސިޔާސީ ފިކުރު އަދި ވިސްނުމަކީ އެ ޕާޓީއެއްގެ ވިސްނުމާ ފިކުރު ކަމުގައި ހަދާ އެއާ އެއްގޮތަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެމުން ގެންދާތީ ކަމަށެވެ.

"އެހެން ނަމަވެސް މި ދެންނެވި ގޮތަށް އެ ވިސްނުމާ ފިކުރު ހޮވުމަށްފަހު އެހެން ގޮތަކަށް ބަދަލުކޮށްލެވޭ ކަމަށް ވަންޏާ އެ ބަދަލު ކުރެވޭނެ ހަމަތަކާ އުސޫލުތަކެއް ބަޔާންކުރެވެން ޖެހޭނެ،" ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ވަކި ޕާޓީއެއްގެ ފިކުރުގައި ރައްޔިތުންގެ ގާތަށް ގޮސް، ގޮނޑިއަށް ހޮވުމަށްފަހު މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި އެ މެމްބަރު އިންތިހާބު ކުރުމަށް ވޯޓުދިން ރައްޔިތުންގެ ހިޔާލު ނުހޯދާ އެހެން ޕާޓީއަކަށް ބަދަލުވެވޭ ގޮތަށް އޮތުމަކީ އެމްޑީޕީން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

"އެއީ ގާނޫނެއްގެ ތެރެއިން ހިނގަން ޖެހޭނެ ކަމެއް. މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރާ އިރު މަޖިލީހަށް ހޮވުނު ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވާ ކަމުގައި ވާނަމަ އެއީ އޭނާއަށް ވޯޓުދިން ރައްޔިތުންގެ ބަހެއް އެކަމުގައި އޮންނަން ޖެހޭނެ ކަމެއް ކަމަށް ދެކެން،" ހަސަން ލަތީފު ވިދާޅުވި އެވެ.

އެމްޑީޕީއިން ރައްޔިތުން މަޖިލިސް އިންތިހާބަށް އެކުލަވާލި ވައުދުނާމާ، "އެޖެންޑާ 19"ގައި އެންޓި ޑިފެކްޝަން ގާނޫނެއް ގެނައުމަށް ވައުދުވެފައިވެ އެވެ.

އިދިކޮޅު ޕީއެންސީގެ ލީޑަރު އަދި މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެންޓި ޑިފެކްޝަން ގާނޫނެއް ގެނައީ ފްލޯ ކްރޮސް ކުރުމުގެ މައްސަލަތަކަށް ހައްލެއް ގެނައުމަށް ކަމަށެވެ.

ނަމަވެސް އެ ގާނޫނު އުވާލަން ޖެހުނީ އޭރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ބޭފުޅުންނަށާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ވެސް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރެވިގެން ކަމަށެވެ.

މެމްބަރު އާދަމް ޝަރީފް އުމަރު - ފޮޓޯ / މަޖިލިސް އިދާރާ

"އެހެން ނަމަވެސް މިއަދު އަނެއްކާ ވެސް ހަމަ އެ ލަވަ، އެ ބެރު ޖަހަން ފެއްޓީމާ، މިއީ އަޅުގަނޑުމެން ވިސްނާ ފިކުރު ކޮށްލަން ޖެހޭނެ ކަމެއް. އެހެން ނަމަވެސް އަޅުގަނޑު ހަމަ މިއަދު ވެސް ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ އަދިވެސް ވާދަވެރި ޕާޓީތަކަށް އިތުރު މެމްބަރުން ލިބިގެން ދާނޭ،" ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ލީޑަރު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ރައްޔިތުން އެންޓި ޑިފެކްޝަން ގާނޫނު ބަލައިގެން ކަމަށާއި އެ ގާނޫނު ކަމުނުދިޔައީ ސިޔާސީ ލީޑަރުންނަށް ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުމުގެ ކުރިން އެ ގާނޫނު އުވިގެން ދިޔަ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން މެމްބަރަކު އިންތިހާބު ކުރަނީ "ސޯޝަލް ކޮންޓްރެކްޓް" އެއްގެ ދަށުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

"އެހެންކަމަށް ވެއްޖެ ނަމަ، ވަކިން ހާއްސަކޮށް ވަކި ސިޔާސީ ޕާޓީއެއްގެ ފިކުރުގައި ހުރެ އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުމަކީ އެއީ މިދަންނަވާ ރައްޔިތުންގެ ސޯޝަލް ކޮންޓްރެކްޓާ ހިލާފުވާ ކަމެއް. އަދި އެއީ ފައްކާވެފަ ހުންނަ ޑިމޮކްރަސީތަކުގައި އެންމެ ރަނގަޅު ގޮތް ކަމަށް މިއަދު ނުވޭ،" ޝިޔާމް ވިދާޅުވިއެވެ.

ނަމަވެސް މައިނޯރިޓީ ލީޑަރު ކަނޑައެޅުމާ އެކު، ސަރުކާރު ކިތަންމެ ބޮޑު ނަމަވެސް ވާދަވެރި ސިޔާސީ ޕާޓީތަކާ އެކީގައި، ރަނގަޅު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަމިއްލަ މެމްބަރުންގެ ތެރެއިން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވީ އެމީހަކު ހޮވޭ ގޮތަކަށް ހުރެ ދައުރު ނިންމާލުމަކީ ތާއީދު ކުރައްވާ ގޮތް ކަމަށެވެ.

"ރައްޔިތުން ގާތަށް މިދަނީ ވަކި ސިފައެއްގައި. ވަކި ހިސާބަކުން ރައްޔިތުންނަށް ގެއްލި، ސިފަ ބަދަލުވަނީ. އެއަށްފަހު އަނެއްކާވެސް ބަދަލުވަނީ އެގޮތަށް ގޮސް ބޯވައެއް ހެން އުޅެފަ އަނެއްކާވެސް އައި ސިފައިގައި ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން ދިޔައީމާ ރައްޔިތުން ބަލައެއް ނުގަނެ،" މެމްބަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް --- ފޮޓޯ/ މަޖިލިސް

އެހެންކަމުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވުން، ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވުމަށްފަހު ސިޔާސީ ޕާޓީއަކާ ގުޅުމަކީ ގަބޫލުކުރާ ސިޔާސަތެއް ނޫންކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.

އިންތިހާބުވާ ގޮތުގައި ހުރެ ދައުރު ނުނިންމޭ ކަމަށް ވާނަމަ ސިޔާސީ ފަރާތްތަކަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވާ ކަމަށާއި އެހެންކަމުން ކެތްތެރިކަމާއެކ އިންތިހާބުވި ގޮތުގައި ހުރެ ދައުރު ނިންމާލުމަކީ މުހިންމު ކަމެއް ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ޖެހުނީ އެ "ދަނޑިވަޅު" ކަމުނުގޮސްގެން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ކުރިއަށް އޮތް ތަނުގައި އަނެއްކާވެސް އެންޓި ޑިފެކްޝަން ގެ ގާނޫނެއް އަންނާނެ ކަމަށް،" މެމްބަރު ވިދާޅުވިއެވެ.

އެވަގުތު މަޖިލީހުގެ ތަޅުމުގައި ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭގެ އެއްވެސް މެމްބަރަކު ވަޑަައިގެން ނެތުމުގެ ސަބަބުން، އެ ޕާޓީގެ ފަރާތުން މިކަމާމެދު ދެކޭގޮތް ހާމަކޮށްފައެއް ނުވެއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު ފަހުން، އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ކާސިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެސް ވަނީ ޑީއާރްޕީ އާ ގުޅިވަޑައިގެންފައެވެ.

އޭރު ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފައި ވަނީ މަޖިލީހަށް މެމްބަރަކު އިންތިހާބުވާ ޕާޓީން ވަކިވުމުން ނުވަތަ އިންތިހާބުވާ ޕާޓީން ވަކިކުރުމުން ނުވަތަ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށެވެ.

އެހެން ނަމަވެސް މިނިވަން މެމްބަރަކު ޕާޓީއަކަށް ބަދަލުވިޔަސް ގޮނޑި ނުގެއްލޭނޭ ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ. އަދި ވިޕްލައިނާ ހިލާފުވެގެން ވެސް ގޮނޑި ނުގެއްލޭނެ ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން ޕާޓީން އަޅާ ސުލޫކީ ފިޔަވަޅަކުން ގޮނޑި ނުގެއްލޭނެ ކަަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ ގާނޫނުގެ ސަބަބުން އޭރު މަޖިލީހުގައި ތިއްބެވި 12 މެމްބަރެއްގެ ގޮނޑި ގެއްލުނެވެ. އެ މެމްބަރުންގެ ގޮނޑިއާ މެދު ގާތްގަނޑަކަށް އެއް އަހަރު ވަންދެން ސުވާލު އުފެދިފައި އޮތުމަށް ފަހު، ރިޔާސީ އިންތިހާބުގެ ފަހުން ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އަދި އެފަހުން އެ މެމްބަރުންނަށް ވަނީ މުސާރަ އާއި އެލަވަންސްގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ވެސް ދީފަ އެވެ.

comment ކޮމެންޓް