ސީޒަންގެ ހަތަރުވަނަ މޮޅާ އެކު ސެލްޓާ ރެލިގޭޝަން ޒޯނުން ދެ ޕޮއިންޓް ކުރިއަށް

ސެލްޓާއާއި ސެވިއްޔާ ކުޅުނު މެޗެއްގެ ތެރެއިން ---

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ސްޕެއިނުގެ ސެލްޓާ ވީގޯއަށް ލީގުގައި ލިބުނު ހަތަރުވަނަ މޮޅާ އެކު ރެލިގޭޝަން ޒޯނުން ދެ ޕޮއިންޓް ބޭރަށް ޖެހިލައިފި އެވެ.

ސެލްޓާގެ މުނިސިޕަލް ދެ ބަލައިދޯސް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި ސެވިއްޔާ އަތުން ހޯދި މޮޅާ އެކު ސެލްޓާ މިވަގުތު އޮތީ 20 ޕޮއިންޓާ އެކު ތާވަލުގެ 17 ވަނައިގަ އެވެ. ގައިގަނޑަކަށް ފަސް މަސްދުވަސް ވަންދެން ރެލިގޭޝަން ޒޯނުގައި އޮތުމަށްފަހު ސެލްޓާ ޒޯނުން ބޭރުވެފައިވާ އިރު އެ ޓީމުގެ ދަށުގައި ދެން އޮތް ތިން ޓީމުވެސް އޮތީ 18 ޕޮއިންޓާ އެކު އެވެ.

ރޭ ކުޅުނު މެޗުގައި ތާވަލުގެ ފަސްވަނައިގައި އޮތް ސެވިއްޔާއިން ގޯލު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ސެލްޓާއިން ވަނީ ދެ ގޯލު ޖަހައިފަ އެވެ. ސެލްޓާއިން މެޗުގައި ޖެހި ދެ ގޯލު އެ ޓީމަށް ޖަހައިދިނީ އިއާގޯ އަސްޕަސްއާއި ޕިއޮނޭ ސިސްޓޯ އެވެ.

އެންމެ ފަހުން ލީގުގައި ސެލްޓާއަށް މޮޅެއް ލިބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު 24 ވަނަ ދުވަހު ވިލަރެއާލް އަތުންނެވެ. އެއަަށްފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުން އެއްވަރުވި އިރު ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. މި ސީޒަނުގައި ސެލްޓާ މިހާތަނަށް ލީގުގައި މޮޅުވީ ހަތަރު މެޗެވެ.

ސެލްޓާއިން މިފަހަރުގެ ސީޒަނާއި ކުރިމަތިލީ ބޮޑު އުންމީދަކާ އެކު އެވެ. ބާސެލޯނާގެ ދެ ކުޅުންތެރިން ކަމަށްވާ ޑެނިސް ސުއަރޭޒްއާއި ރަފީނިއާ އަލަކަންޓްރާ ވެސް ޓީމުގައި ހިމެނިގެން އެ ޓީމުން ލީގާއި ކުރިމަތިލި ނަމަވެސް މިހާތަނަށް އެދެވޭ ކުޅުމެއް އަދި ނަތީޖާއެއްވެސް ނެރެވިފައެއް ނުވެ އެވެ.

ރާއްޖެ އިން ސެލްޓަ ވީގޯއާއެކު ދެމެދު ސްޕޮންސާޝިޕް ހެދުމަށް އެއްބަސްވެފައި ވަނީ އަހަރަކު 900،000 އެމެރިކާ ޑޮލަރަށެވެ. އަހަރުން އަހަރަށް އެގްރީމެންޓަށް ބަދަލު ގެނެވޭ ގޮތަށް ހަދާ މި އެއްބަސްވުމާއެކު ރާއްޖެ އިން ތިން އަހަރުގެ ތެރޭގައި ސެލްޓް ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމާއި އެ ޓީމުން ބޭނުން ކުރާ ޕްރޮޕެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިން ވެސް ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރާނެ އެވެ. މި އެއްބަސްވުމަށް ތިން އަހަރު ތެރޭގައި ރާއްޖެ އިން 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ.

comment ކޮމެންޓް