ވަރުގަދަ މިލާން ޑާބީ ކާމިޔާބުކޮށް އިންޓަ އެއްވަނައަށް

މިލާން ކޮޅަށް ގޯލު ޖެހުމަށް ފަހު އިންޓަގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ// ސްޓީފެން ކްރީކް

އިޓާލިއަން ލީގުގައި ކުޅެވޭ އެންމެ ވާދަވެރި އެއް މެޗު ކަމަށްވާ މިލާން ޑާބީގައި ފަހަތުން އަރައި އޭސީ މިލާން ބަލިކޮށް އިންޓަ މިލާން ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

މީގެ އަހަރުތަކެއް ކުރިން ދުނިޔޭގެ އެއްވަނަ ދެވަނައިގައި ވެސް ނަން ކިޔާލެވުނު ދެ މިލާން ރޭ ކުޅުނު ފޯރިގަދަ މެޗު ނިމިގެން ދިޔައީ 2-4ގެ ނަތީޖާއަކުން އިންޓަ ކުރި ހޯދައިގެންނެވެ. މި މޮޅާ އެކު އިންޓަ މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 23 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމާ އެންމެ ގާތުން ދެން ވާދަކުރާ ޔުވެންޓަސް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހެލަސް ވެރޯނާ އަތުން ބަލިވި އިރު އެ ޓީމަށް ވެސް ވަނީ 54 ޕޮއިންޓް ލިބިފަ އެވެ. އެކަމަކު އިންޓަ ތާވަލުން ކުރި ހޯދަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މިލާންގެ ސެންސީރޯ ސްޓޭޑިއަމުގައި 75817 ސަޕޯޓަރުން ކުރިމަތީ ކުޅުނު އެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. މިލާނުން ފުރަތަމަ ހާފު ނިމެންދިޔައިރު ހަމަލާތައް އިތުރުކޮށް 40 ވަނަ މިނަޓުގައި ވަނީ ލީޑު ނަގައިފަ އެވެ. އެ ގޯލަކީ ފްރީ ޓްރާންސްފާއެއްގައި މި ސީޒަނުގެ ނިޔަލަށް އެ ޓީމަށް ބަދަލުވި ޒްލަޓާން އިބްރަހިމޯވިޗް ދިން ޕާހަކުން އަންޓޭ ރެބިޗް ޖެހި ގޯލެކެވެ. އިބްރަހިމޯވިޗް ވަނީ އޭގެ ފަސްމިނަޓު ފަހުން މިލާންގެ ދެވަނަ ގޯލު ޖަހައިދީފަ އެވެ.

ފުރަތަމަ ހާފުގައި ހެދުނު ގޯސްތަކުން ހިތްވަރު ލިބިގަނެ ދެވަނަ ހާފަށް އިންޓައިން ނުކުތީ މޮޅުވުމަށް އަމާޒު ހިފައިގެންނެވެ. ނަތީޖާއެއްގެ ގޮތުން 10 ވަރަކަށް މިނަޓުގެ ތެރޭގައި މަތި މައްޗަށް ދެ ގޯލު ޖަހައި އިންޓައިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ދެ ގޯލު އެ ޓީމަށް ޖަހައިދިނީ މާސެލޯ ބްރޮޒޯވިޗްއާއި މަތިއަސް ވެސީނޯ އެވެ.

މެޗުގައި އިންޓައިން ފުރަތަމަ ފަހަރަށް ލީޑު ނެގީ 70 ވަނަ މިނަޓުގައި ސްޓެފަން ޑިވްރާއި ޖެހި ގޯލުންނެވެ. އަދި މެޗުގެ އިތުރު ވަގުތު އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައިދިނީ ރޮމެލޫ ލުކާކޫ އެވެ.

comment ކޮމެންޓް