އޮސަސޫނާ އަތުން ރެއާލް މޮޅުވި އިރު ފަސްފަހަތުން ބާސާ ފަރަގު ކުޑަކޮށްފި

ރެއާލް ބެޓިސްއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ގޯލު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ// ޑެނިއެލް ލެވިސް

ސްޕެނިޝް ލީގުގެ 23 ވަނަ ހަފްތާގެ މެޗުތަކުގައި ރޭ އޮސަސޫނާ ބަލިކޮށް ރެއާލް ލީޑު ދެމެހެއްޓި އިރު، ޖެހިގެން އައި މެޗުގައި ރެއާލް ބެޓިސް ބަލިކޮށް ބާސެލޯނާއިން ފަރަގު ކުޑަ ކޮށްފި އެވެ.

އޮސަސޫނާގެ ދަނޑުގައި ރޭ ކުޅުނު މެޗުން ރެއާލް މެޑްރިޑް ކުރި ހޯދީ 1-4 ގެ ނަތީޖާއަކުންނެވެ. އެ މޮޅާ އެކު ރެއާލް މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 23 މެޗުން ލިބުނު 52 ޕޮއިންޓާ އެކު އެވެ. އެ ޓީމާއި އެންމެ ގާތުން ދެން ވާދަކުރާ ބާސެލޯނާ ރޭ ރަށުން ބޭރުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުން 2-3ގެ ނަތީޖާ އަކުން މޮޅުވި އިރު އެ ޓީމަށް ލިބިފައި ވަނީ 49 ޕޮއިންޓް އެވެ. ތިންވަނާގައި އޮތް ގެޓާފޭއަށް ލިބެނީ 42 ޕޮއިންޓް އެވެ.

އޮސަސޫނާކޮޅަށް ގޯލު ޖެހުމަށް ފަހު ރެއާލްގެ ތަރިން ސެލަބްރޭޓް ކުރަނީ ---

ކޮޕާ ޑެލްރޭގައި ލިބުނު ނާކާމީޔާބީއާ އެކު ރެއާލުން ރޭގެ މެޗަށް ނުކުތީ ބަދަލުތަކަކާ އެކު އެވެ. އެގޮތުން ފަހަކަށް އައިސް ބެންޗުން ގިނަ މެޗުތަކުން ފަށައި، އިސްކޯ ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ.

މެޗު ފެށިގެން މޮޅަށް ރެއާލުން ކުޅެމުން ދަނިކޮށް އޮސަސޫނާގެ ފޯވާޑް އުނޭ ގާސިއާ ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އޮސަސޫނާގެ ގޯލާ އެކު ރެއާލްގެ ކުޅުން އިތުރަށް ރަނގަޅުކޮށް ހަމަލާތައް އިތުރުކުރި އެވެ.

ނަތީޖާއެއްގެ ގޮތުން ރެއާލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ގޯލު ޖަހައި ލީޑު އޮސަސޫނާ އަތުން ގެންގޮސްފަ އެވެ. އެ ދެ ގޯލު އެ ޓީމަށް ޖަހައިދިނީ އިސްކޯއާއި ޓީމުގެ ކެޕްޓަން ސާޖިއޯ ރަމޯސް އެވެ.

ދެވަނަ ހާފު ފެށިގެން ވެސް ރެއާލުން ގިނަ ހަމަލާތަކެއް އުފެއްދި އިރު އެ ހާފުގައި ވެސް އެ ޓީމުން އިތުރު ދެ ގޯލު ޖެހި އެވެ. މި ދެ ގޯލަކީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ނުކުތް ލުކަސް ވަޒްކުއޭޒްއާއި ލޫކާ ޖޮވިޗް ޖެހި ގޯލުތަކެކެވެ.

ރެއާލުން އޮސަސޫނާ ބަލިކޮށް ހަ ޕޮއިންޓްގެ ލީޑެއް އެއްވަނައިގައި ނަގާފައިވަނިކޮށް ރަށުން ބޭރުގައި ބާސެލޯނާއަށް ކުރިމަތިވީ އުނދަގޫ އިމްތިހާނެކެވެ. ދެފަހަރެއްގެ މަތިން ފަހަތުން އަރައި އެއްވަރުކޮށް މެޗު ނިމުމުގެ ކުރިން ލީޑު ނެގި އިރު އެ މެޗުގައި ގިނަ ކާޑުތަކެއް ފެނިގެން ގޮސްފައިވެ އެވެ.

އެގޮތުން ދެ ރަތް ކާޑަކާއި އަށް ރީންދޫ ކާޑެއް އެ މެޗުގައި ފެނިފައިވާ އިރު މެޗުގައި އެންމެ ވިދާލީ ފްރާންސްގެ އޮލިމްޕިއާކޯސްއަށް ކުރިން ކުޅުނު ނަބީލް ފެކީރް އެވެ. ފެކީރް ހިފަހައްޓަން ބާސެލޯނާގެ ޑިފެންސަށް ބާރުބޮޑުވެގެން ދިޔަ ނަމަވެސް އޭނާއަށް މެޗުގެ ދެވަނަ ހާފުގައި ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ފެކީރްއަށް ރަތް ކާޑު ދެއްކީ ބާސެލޯނާގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްއަށް ކުރި ފައުލަކާ ގުޅިގެން ރީންދޫ ކާޑު ދައްކާފައި ވަނިކޮށް ރެފްރީއަށް ފާޑު ކިއުމުންނެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި އޭނާ ވަނީ ތިން އެސިސްޓް ކޮށްފަ އެވެ. އަދި މެޗުގެ ތެރޭގައި ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި އިރު ބެޓިސްގެ ކީޕަރު ޖޮއެލް ރުބްލެސް ވަނީ އެ ހަމަލާތައް ދިފާއުކޮށްފަ އެވެ.

comment ކޮމެންޓް