ގާނޫނާ ހިލާފު އަމުރަށް ތަބާވާ ފުލުހުން އެއް އަހަރަށް ޖަލަށް ލަނީ

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު --- ފޮޓޯ/ މަޖިލިސް

އެއްވެސް ފުލުހެއްގެ މައްޗަށް ގާނޫނާ ހިލާފު އަމުރެއް ކުރުމާއި، ގާނޫނާ ހިލާފަށް ކުރާ އަމުރަކަށް ފުލުހަކު ނުވަތަ ފުލުހުން ތަބާވެއްޖެ ނަމަ އެމީހެއްގެ މައްޗަށް ޖިނާއީ ދައުވާކޮށް އަދަބެއްގެ ގޮތުން އެއް އަހަރަށް ޖަލަށް ލުން ނުވަތަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިމިދިޔަ ހަފްތާގައި މަޖިލީހަށް ހުށަހެޅި 'ފުލުހުންގެ ހިދުމަތުގެ ބިލު' ގައި ހިމަނައިފި އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލު މަޖިލީހަށް ހުށަހެޅެއްވީ ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން ނިމިދިޔަ ހަފްތާގެ ހޯމަ ދުވަހު ވަނީ އިއްވާފަ އެވެ. ނަމަވެސް އަދި އިބްތިދާއީ ބަހުސް މަރުހަލާ ނުފަށަ އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުގައި ފުލުހުން ކުރާ ކުށްކުށާއި ގުޅޭގޮތުން ވަކި ބާބެއް ވަނީ ހިމަނާފަ އެވެ. އެ ބިލުގެ 20 ވަނަ ބާބުގައި ފުލުހުންގެ ޔުނިފޯމާއި ޝަރަފުގެ ނިޝާން ގާނޫނަށް ހިލާފަށް ބޭނުން ކުރުމުން އަޅާނެ ފިޔަވަޅާއި ގާނޫނާ ހިލާފު އަމުރު ކުރާ ފުލުހުންނާއި އެ އަމުރަށް ތަބާވާ ފުލުހުންނަށް އަޅާނެ ފިޔަވަޅުވެސް ވަނީ ހިމަނާފަ އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުގެ 133 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެއްވެސް ފުލުހަކު އެހެން ފުލުހެއްގެ މައްޗަށް ގާނޫނާ ހިލާފު އަމުރެއް ކުރުމަކީ ކުށެއް ކަމަށެވެ. އަދި ހަމަ އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ އެއްވެސް ފުލުހަކު ގާނޫނާ ހިލާފު އަމުރަކަށް ކިޔަމަންވުމަކީވެސް ކުށެއް ކަމަށެވެ.

އެ ކުށް ކުރާ ފުލުހުން 50،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް ނުވަތަ އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލު ގާނޫނަކަށްވެ އެ ގާނޫނުގެ ދަށުން ޖިނާއީ ދައުވާ ކުރި ނަމަވެސް، އެހެން ގާނޫނެއްގައި ޖިނާއީ ދައުވާ ކަމަށް ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ނަމަ އެ ގާނޫނެއްގެ ދަށުންވެސް ދައުވާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި އެއީ އެއް ކުށަކަށް ދެ އަދަބެއް ދިނުން ކަމުގައި ނުބެލެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ފުލުހުން ވަޒީފާއަށް ފިލުމަކީވެސް ޖިނާއީ ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އެގޮތުން ވަޒީފާ ދޫކޮށް ފިލައިގެން ދާން އުޅުމާއި ނުވަތަ ގޮސްފި ނަމަވެސް އެ ކުރަނީ ޖިނާއީ ކުށެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެކުށުގެ އަދަބެއް ކަމަށްވެސް ބިލުގައި ބުނެފައިވަނީ 50،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ އެއް އަހަރަށް ޖަލަށް ލުމެވެ.

އޭގެ އިތުރުން ފުލުހުންގެ ޔުނިފޯމާއި ޝަރަފުގެ ނިޝާން ގާނޫނާ ހިލާފަށް ބޭނުންކޮށްފި ނަމަ 10،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް އެއްމަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ބިލުގަައި ވަނީ ބުނެފަ އެވެ.

ފުލުހުންގެ ޔުނިފޯމާއި ޝަރަފުގެ ނިޝާން ގާނޫނާ ހިލާފަށް ބޭނުން ކުރުން ކަމަށް ބުނެފައިވަނީ ފުލުހުންގެ އިދާރާގެ ހުއްދަ ހޯދުމަކާއި ނުލައި ފުލުހެއް ކަމަށް ދައްކައި ދިނުމުގެ ގޮތުން ފުލުހުންގެ ޔުނިފޯމު ނުވަތަ ފުލުހުން ބޭނުންކުރާ އެއްވެސް ރިބަނެއް އެއްވެސް ބޭނުން ކުރުމެވެ.

ފުލުހުންގެ ހިދުމަތާއި ގުޅޭ ގިނަ ކަންތައްތަކެއް ހިމަނާފައިވާ އެ ބިލުގެ އިބްތިދާއީ ބަހުސް މިހަފްތާގައި ކުރިއަށް ދާނެ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް