މިނިމަމް ވޭޖް ކަނޑައަޅަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ --- ފޮޓޯ/ މަޖިލިސް

މިނިމަމް ވޭޖް ކަނޑައަޅަން، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އެވެ. މާދަމާގެ މަޖިލީހުގައި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވަން ވަނީ ތާވަލުކޮށްފަ އެވެ.

މެމްބަރު އީސަ 'ސަން' އަށް ވިދާޅުވީ މާދަމާ ފުރަތަމަ ކިޔުން އިއްވާ ބިލުގައި އެންމެ ކުޑަ މިނުން ދެވޭ އުޖޫރައަކީ ކިހާވަރެއް ކަމެއް ލިޔެފައި ނުވާނެ ކަމަށެވެ. އެންމެ ކުޑަމިނުން ދެވޭ އިޖޫރައަކީ ކިހާވަރެއް ކަމެއް ކަނޑައެޅުމުގެ ބާރު ދޭނީ ވޭޖް ބޯޑަށް ކަމަށް ބެލެވެ އެވެ.

"ގާނޫނުގައި އަދަދެއް ކަނޑައެއް ނާޅާނެ." އީސަ ވިދާޅުވި އެވެ.

އިތުރު ތަފްސީލެއް އީސަ ނުދެއްވަ އެވެ. މިނިމަމް ވޭޖާ ގުޅިގެން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތަފްސީލެއް ލިބޭނީ މާދަމާ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުންނެވެ.

އުޖޫރައާ ގުޅޭ ގޮތުން ލަފާދޭ ބޯޑެއް މިހާރުވެސް އޮވެ އެވެ، އެއީ ވަޒީފާއާ ބެހޭ ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާފައިވާ ބޯޑެކެވެ. އެ ބޯޑު އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަސް މެމްބަރެއްގެ މައްޗަށެވެ.

އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައެޅުމުގެ ބާރު މިހާރު ގާނޫނުންވެސް އެ ބޯޑަށް ލިބިގެންވެ އެވެ. ވަޒީފާއާ ބެހޭ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ބޯޑުން މިނިސްޓަރަށް ދޭ ލަފާ ދިރާސާކުރުމަށް ފަހު ވަކި މަސައްކަތަކާ ގުޅޭގޮތުން ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ގޮތުން ނުވަތަ ބަދަލުކުރުމުގެ ގޮތުން ނުވަތަ ނުވަތަ ބާތިލު ކުރުމުގެ ގޮތުން މިނިސްޓަރަށް އަމުރެއް ނެރެވިދާނެ ކަމަށެވެ.

މިހާރު ގާނޫނުގައި ބުނެފައިވާ ގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާއިރު މުވައްޒަފަކަށް ގަޑިއަކަށް ޖެހޭނެ އަދަދާއި މަސައްކަތުގެ ބަޔަކަށް ޖެހޭނެ އަދަދާއި އަދި އިތުރު ގަޑީގައި ލިބޭނެ މިންވަރުވެސް ކަނޑައެޅި ދާނެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވާގޮތުން އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރައެއް ދިނުމަށް މިނިސްޓަރު އަމުރުކޮށް ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ޖޫރިމަނާވެސް ކުރެވެ އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައިވެސް އެމްޑީޕީއިން ވީ އެންމެ ބޮޑު ވައުދަކީ އެއީ އެވެ. މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅަނީ ކިހާވަރެއް ކަމެއް ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އެހެންނަމަވެސް މުސާރައާއި އުޖޫރައާއި ބެހޭ ގޮތުން ލަފާދޭ ބޯޑެއް ރައީސް އެކުލަވާލާފައިވާއިރު އެ ބޯޑުން މިހާރު ވަނީ ދިރާސާ ރިޕޯޓެއް ތައްޔާރުކޮށް ރައީސަށް އަރުވާފަ އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްވެސް ވިދާޅުވެފައިވަނީ މިނިމަން ވޭޖް ކަނޑައެޅުމުން އިގްތިސާދަށް ލޮޅުމެއް އަންނާނެ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން އެކަން ކުރާނެ ކަމަށެވެ.

މިނިމަމް ވޭޖް ކަނޑައެޅުން ލަސްވަމުން ދާތީ ،ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

comment ކޮމެންޓް