އަސީލް މަރާލި މައްސަލައިގައި އެއް ކުއްޖަކަށް އިއްވި ހުކުމް ދަމަހައްޓައިފި

ތ. ތިމަރަފުށީ ބްލޫނިޔާގޭ އަސީލު އަހްމަދު: އޭނާގެ މަރުގެ މައްސަލައިގަ 13 އަހަރުގެ ޖަލު ހުކުމެއް އިއްވި މީހެއްގެ ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓާފައި -- ސަންފައިލް ފޮޓޯ

ދެހާސް ސާދަ ވަނަ އަހަރުގެ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ތ. ތިމަރަފުށީ ބްލޫނިޔާގޭ އަސީލް އަހުމަދު،19، މަރާލި މައްސަލައާ ގުޅިގެން ޓެރެރިޒަމްގެ ދައުވާ އޭރު ސާބިތުވި ކުޑަކުއްޖެއްގެ ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.

ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ދެ ކުއްޖަކު 13 އަހަރާއި ހަތަރު މަހަށް ޖަލަށްލުމަށް ޖުވެނައިލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ގައެވެ.

ހާދިސާ ހިނގި އިރު އެ ދެ ކުދިންގެ އުމުރަކީ ވެސް 16 އަހަރެވެ. އަދި އެ ހުކުމް ހައި ކޯޓުން މިދިޔަ ހަފްތާގައި ދެމެހެއްޓި، އެކަކަށް މި މަހު 22 އަހަރު ފުރޭނެ އެވެ.

އެ ދެ ކުދިންގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާގައި ބުނަނީ، 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 23 ވަނަ ދުވަހުގެ ރޭ 8:45 ހާއިރު ދީދި ގޯޅިތެރޭގައި ހުންނަ އަގޯރާ އެކްސްޕްރެސް ފިހާރަ ކުރިމަތީގައި އަސީލް ކުދިންތަކަކާ އެކު ތިއްބައި އެ ދެ ކުދިން އިތުރު ބަޔަކާ އެކު އެތަނަށްގޮސް އެމީހުންނަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.

އަސީލަށް ހަމަލާ ދިން މީހުން ތިބީ މޫނު ނިވާކޮށްގެން ނަމަވެސް ހެކި ބަސް ދިން ބައެއް މީހުނަށް އެ މީހުން ދެނެގަނެވޭ ކަމަށް ބުނެފައިވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އެގޮތުން ހައި ކޯޓުން ހުކުމް ދެމެހެއްޓި މީހާ ފެނިދެނިވެ ދަންނަ މީހުން ވެސް އެއީ އަސީލަށް ހަމަލަ ދިނީ އޭނާ ކަމަށް ހެކިބަސް ދީފައިވެ އެވެ.

އެގޮތުން އޭނާ އަށް ވަނަމެއްގެ ގޮތުގައި ބޭނުންކުރާ ނަމުން ހަމަލާ ދިނުމުގައި ބައިވެރިވި މީހަކު ގޮވި އަޑު ވެސް އިވުނު ކަމަށް ސިއްރުން ހެކިބަސް ދިން މީހަކު ވަނީ ބުނެފަ އެވެ.

އެ ހެކިބަސް ނަފީ ކުރެވޭ ވަރުގެ ދިފާއީ ހެއްކެއް ހުށަހެޅިފައި ނުވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.

އަހުމަދު އަސީލްގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވެ އެވެ. އަސީލަށް ލިބުނު އަނިޔާގެ ސީރިއަސް ކަމުން އޭނާގެ ފައި ވެސް ވަނީ ބުރިކޮށްލައިފަ އެވެ.

އޭނާ މަރުވީ ވަޅީގެ ހަމަލާގައި ލިބިފައިވާ ޒަހަމްތަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދާތާ، ހަތް ދުވަސް ފަހުން 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

comment ކޮމެންޓް