ފޭސްބުކުގެ ރަސްމީ ޓުވިޓާ އެކައުންޓާއި އިންސްޓަގްރާމް އެކައުންޓު ބަޔަކު ހެކްކޮށްފި އެވެ.
އަވާމައިން ކިޔާ ގުރޫޕަކުން މިދިޔަ ހުކުރު ދުވަހު ފޭސްބުކުގެ އެކައުންޓުތައް ހެކް ކުރުމަށް ފަހު ވަނީ "ފޭސްބުކު ވެސް ހެކް ކުރެވޭ ކަމަށާއި ނަމަވެސް އެމީހުންގެ ސެކިއުރިޓީ ޓުވިޓާއަށް ވުރެ ރަނގަޅު" ކަމަށް ބުނެފައިވާ ފޮޓޯއެއް ޕޯސްޓުކޮށްފަ އެވެ. އަދި އޭގައި ވަނީ އަވާމައިންގެ އީމެއިލް އާއި ވެބްސައިޓުގެ މައުލޫމާތު ދީފަ އެވެ.
ޓުވިޓާއިން ވަނީ ހެކް ކުރި އެކައުންޓު ފުރަތަމަ 'ލޮކް' ކުރުމަށް ފަހު، އަނެއްކާ ވެސް އެ އެކައުންޓު ފޭސްބުކާ ހަވާލުކޮށްފައިވާ ކަމަށް ބުނެފަ އެވެ.
އަވާމައިންއަކީ މީގެ ކުރިން ވެސް އެހެން ކުންފުނިތަކާއި މަޝްހޫރު މީހުންގެ އެކައުންޓުތައް ހެކްކޮށްފަައިވާ ގުރޫޕެކެވެ. އެގޮތުން އެ ގުރޫޕުން ވަނީ ޓުވިޓާގެ ބާނީ ޖެކް ޑޯސީ އާއި ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއި އަދި ނެޓްފްލިކްސް އާއި އީއެސްޕީއެންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށްފަ އެވެ.