ކޮމަންވެލްތާއި އިނގިރޭސިވިލާތުގެ އިސްވެރިންނާ ޝާހިދު ބައްދަލުކުރައްވައިފި

ފޮޓޯ/ފޮރިން މިނިސްޓްރީ

ކޮމަންވެލްތާއި އިނގިރޭސިވިލާތުގެ އިސްވެރިންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރަކަށް އަނެއްކާވެސް ވުމާއި ގުޅިގެން ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި ދިވެހި ދިދަ ނެންގެވުމަށާއި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާއި ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު ވަނީ ރާއްޖޭގެ ދިދަ މަލްބަރޯ ހައުސްގެ ބަގީޗާގައި ނެންގެވުމަށްފަހު ކޮމަންވެލްތުގެ ބޯޑް އޮފް ގަވާނަސް އާއި ބައްދަލުކުރައްވާފައެވެ.

އަދި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރީޝިއާ ސްކޮޓްލެންޑާއި ބައްދަލުކުރައްވައި، ކޮމަންވެލްތުން ރާއްޖެއަށް ފޯރުކޮށްދެވިދާނެ އެހީތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވަނީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގެ ނަން އެމްބަސީއިން ހައިކޮމިޝަނަށް ބަދަލުވުމާއި ގުޅިގެން ނަންބޯޑު ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް މިނިސްޓަރު ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ.

ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ކޮމަންވެލްތު ފައުންޑޭޝަންގެ ޑިރެކްޓާ ޖެނެރަލް އޭން ގަލަހާރްއާއި މިނިސްޓަރު ވަނީ ބައްދަލުކުރައްވައިފައެވެ. އަދި ކޮމަންވެލްތު ފައުންޑޭޝަނާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ރޯޔަލް ކޮމަންވެލްތު ސޮސައިޓީގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާ ޑރ. ލިންޑާ ޔޫ އާއިވެސް މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައި، ކޮމަންވެލްތު ސޮސައިޓީއާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަން (ސީޕީއޭ)ގެ ސެކްރެޓަރީ ޖެނެރަލް ޖާވިސް މަތިއާ ވެސް މިނިސްޓަރު ވަނީ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ބައިވެރިވެވަޑައިގަތެވެ.

ސީޕީއޭ ގެ މެމްބަރަކަށް ރާއްޖެ ވުމަށް ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާއިރު، ސީޕީއޭގެ އެކްސްކޯއިން އަންނަ އެޕްރީލް މަހު ރާއްޖޭގެ މެމްބާޝިޕްއަށް ރުހުން ދޭނެއެވެ.

ކޮމަންވެލްތުގެ އިސްވެރިންގެ އިތުރުން އިނގިރޭސި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާވެސް މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ.

އެގޮތުން އިނގިރޭސިވިލާތުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ އިންޓަނޭޝަނަލް އެންވަޔަރަމަންޓް އެންޑް އެނިމަލް ވެލްފެއާ ލޯޑް ޒެކް ގޯލްޑްސްމިތުއާ ބައްދަލުކުރައްވައި، ކުރިއަށް އޮތް ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމާއި، މޫސުމީ ބަދަލުތަކާއި ބެހޭ ބައިނަލްއަގުވާމީ ސަމިޓް ނުވަތަ ކޮޕް-26 އާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އިނގިރޭސި ފޮރިން އޮފީހުގެ މިނިސްޓާ ފޯ ދަ ކޮމަންވެލްތު، ޔޫއެން އެންޑް ސައުތު އޭޝިއާ ލޯޑް އަހްމަދު އޮފް ވިމްބެލްޑަންއާއި ވެސް މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވިއެވެ. މިނިސްޓަރު ވަނީ ރާއްޖެ ކޮމަންވެލްތަށް ވަނުމަށް ކުރި ދަތުރުގައި، އެކި ފަހަރުމަތިން ލޯޑް އަހްމަދު އާއި ބައްދަލުކުރައްވައިފައިވެއެވެ.

މިފަހަރުގެ ބައްދަލުވުމުގައިވެސް ރާއްޖެ ކޮމަންވެލްތަށް އަލުން ވަނުމާއި ގުޅޭ ގޮތުންނާއި، އިނގިރޭސިވިލާތާ ދިވެހިރާއްޖެއާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރު ޝާހިދުގެ އަރިހުގައި މި ބައްދަލުވުންތަކުގައި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިޒަލް އާއި، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމްގެ އިތުރުން ރައީސް އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް ސަބްރާ ނޫރަންދީން ވެސް ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް