މަހަށް ގޮސް ފީނަން އުޅުނު މީހަކު ޑިކޯވެގެން ފަރުވާ ދެނީ

މީގެ ކުރިން މަހަށްގޮސް ފީނަން އުޅުނިކޮށް ޑިކޯވި މީހަކު މާލެ ގެންނަނީ--- ފޮޓޯ: އެމްއެންޑީއެފް

މަހަށް ގޮސް ފީނަން އުޅުނު މީހަކު ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑިކޯ)ވެގެން ފަރުވާ ދޭން ފަށައިފިއެެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްވެރިކަން ކުރަން އުޅުނު "މީރާ" ނަމަކަށް ކިޔާ ދޯންޏަކުން ފުޅިއަޅައިގެން ފީނަން ފޭބި 27 އަހަރުގެ ދިވެއްސަކު އަވަސް ފަރުވާއަށް އެމްއެންޑީއެފް ސަދާން އޭރިއާގެ އެހީތެރިކަމާއެކު ގދ. ތިނަދޫގައި ހުންނަ ހޮސްޕިޓަލްއަށް މިއަދު ހެނދުނު ގެންގޮސްދީފައިވާ ކަމަށެވެ.

މިދިޔަ މަހު ވެސް ގދ. ކޮނޮއްޓާ ހިސާބުގައި މަސްވެރިކުރަން އުޅުނު މީހަކަށް ޑިކޯވެގެން ފަރުވާދިނެވެ. އަދި މިދިޔަ ނޮވެމްބަރު މަހު ވެސް ދެ މީހަކު ގދ. އަތޮޅުގައި ޑިކޯވެގެން ބަނޑޮސްގައި އެކަމަށް ފަރުވާދޭ ތަނުގައާއި އަދި އައިޖީއެމްއެޗްގައި ފަރުވާދިނެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެން ހޯދަން ފީނުމުގައި ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން، ރައްކާތެރި ގޮތުގައި ފީނުމުގެ ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރު ފެށިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން އައްޑޫގައި މިހާރު ހުރި ޑީކޮމްޕްރެޝަން ޗެމްބަރުގެ ހިދުމަތް އަންނަ މަހުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެެވެ.

ފީނުމުގައި ޑިކޯވުމުގެ މައްސަލައަކީ ރާއްޖޭގައި އާންމު ކަމެކެެވެ. އެ މައްސަލަ އިތުރުވާތީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިދިޔަ ނޮވެމްބަރު މަހު މަޖިލީހަށް މައްސަލައެއް ވެސް ހުށަހެޅި އެވެ.

comment ކޮމެންޓް