ނުރައްކާތެރި ކެމިކަލް މެނޭޖްކުރަން ޔޫއެންޑީޕީއާއެކު ސޮއިކޮށްފި

ނުރައްކާތެރި ކެމިކަލް މެނޭޖްކުރަން ޔޫއެންޑީޕީއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ނުރައްކާތެރި ކެމިކަލް މެނޭޖްކުރަން މަޝްރޫއެއް ހިންގަން އެންވަޔަރަމަންޓް މިނިސްޓްރީން ޔޫއެންޑީޕީއާއެކު ސޮއިކޮށްފިއެވެ.

މިއީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ މާލީ އެހީތެރިކަމާއެކު ކެމިކަލްތައް މެނޭޖްކުރުން ހަރުދަނާކުރަން ހިންގާ މަޝްރޫއެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ އދ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ ރެސިޑެންޓް ކޯޑިނޭޓަރު އަކީކޯ ފުޖީ އެވެ.

އެ މަޝްރޫއުގެ ދަށުން ހާއްސަގޮތެއްގައި ޕާސިސްޓަންޓް އޯގޭނިކް ޕޮލިއުޓަންޓްސް (މާހައުލުގައި ގިނަ ދުވަހު ހަރުލާފަ ހުންނަ) އިންސާނުންގެ ސިއްހަތަށާއި ތިމާވެއްޓަށް ގެއްލުންހުރި ކެމިކަލްސް ރައްކާތެރި ގޮތުގައި ނައްތާލުން ހިމެނެއެވެ.

އެ މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި 1989 ކުރިން އުފައްދާފައިވާ ދިވެހިރާއްޖޭގައި ހުރިކަމަށް ފާހަގަކުރެވޭ 24 ޓަނުގެ ޕީސީބީ (ޕޮލިކްލޮރިނޭޓެޑް ބައިފެނީލް) އެކުލެވޭ ކަރަންޓު ހިދުމަތްދޭ ޓްރާންސްފޯމަރުތަކުގައި ހުރި ތެލާއި ޕީސީބީ ބޭނުންކޮށްފައި ހުރި ޓްރާންސްފޯމަރުތައް ރައްކާތެރި ގޮތުގައި ނައްތާލުމަށް ހިމެނެއެވެ. ޕީސީބީ އުފެއްދުން 1970 އަހަރުން ފެށިގެން މުޅި ދުނިޔެއިން ވަނީ ހުއްޓާވެސްލައިފައެވެ.

އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން ނުރައްކާތެރި ކެމިކަލްތައް ލޭބަލްކޮށް، ގުދަންކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމަށް ހަރުދަނާ ނިޒާމުތައް އެކުލަވާލައި، ކެމިކަލްތައް ރައްކާތެރި ގޮތުގައި ބޭނުންކުރުމާއި ،މެނޭޖްކޮށް، ކެމިކަލްތައް ދިވެހިރާއްޖެއަށް އެތެރެކުރުން ރެގިލޭއްޓްކުރުމަށް ޤާނޫނީ އޮނިގަޑެއް އެކުލަވާލުންވެސް ހިމެނޭކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް