އެފްއޭއެމް އިންތިހާބު: ވާދަވެރިއަކު ނެތި ބައްސާމްގެ ބާރު ގަދަވެފައި!

މާފަންނު ސްޓޭޑިއަމްގައި ތަރައްގީކުރި ޓާފް ދަނޑު ރަސްމީކޮށް ހުޅުވުން: އެ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ސައީދު --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެފްއޭއެމްގެ އިންތިހާބު ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ކުރިން ފަށަން ހަމަޖެހިފައިވާ އިރު މިހާތަނަށް އިންތިހާބުގައި ވާދަކުރާނެ ކަން ރަސްމީކޮށް އިއުލާން ކޮށްފައި ވަނީ މިހާރު ވެސް އެފްއޭއެމްގެ ރައީސް އަކަށް ހުންނެވި، ބައްސާމް އަދީލް ޖަލީލް އެވެ. ބައްސާމް ވަނީ އިތުރު ކެނޑިޑޭޓުން ވެސް ޝައުގުވެރިކަން ހުރި ނަމަ ވާދަ ކުރުމަށް ގޮވާލައްވައިފަ އެވެ.

މީގެ ދެތިން މަހެއް ކުރިއަށް ބަލާލަން ހިނގާށެވެ. ނޭޕާލްގައި ކުރިއަށް ދިޔަ ދެކުނު އޭޝިޔާގެ ގައުމުތަކަަށް ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގައި އެއްވެސް މެޗަކުން މޮޅުނުވެ ރާއްޖެ ކެޓުމުން ބައްސާމްހާ ގޯސް މީހެއް ނެތެވެ. އޭގެ ތަންކޮޅެއް ކުރިއަށް ޖެހިލާ އިރު ބައްސާމް އަދި އެފްއޭއެމްގެ އިސްވެރިންގެ ކޮރަޕްޝަނުގެ ވާހަކަތަކެއް ފެންމަތިވެ އެފްއޭއެމް ތެރޭގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ގެ އޮފީހެއް ހިންގި ކަމުގެ ޒުވާބެއްގައި އެފްއޭއެމަށް ފާޑު ނުކިޔާ ހަމަ އެކަކުވެސް ނެތެވެ.

ރާއްޖޭގެ މަތީ ފަންތީގެ ބޮޑެތި ހުރިހާ ކުލަބުތަކުން އޭރު މަސައްކަތް ކުރީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިގެން ބައްސާމް ބޭރު ކުރާށެވެ. އެކަމަކު އޭރު އެކަން ނުވީ ބައެއް ކުލަބުތަކުން ބައްސާމް ކޮޅަށް އެރުމުންނެވެ. އަދި ގޮތުގައި ހިފަހައްޓާލައިގެން ބާކީ ތިބި ނިއުރޭޑިއަންޓާއި ވިކްޓަރީ މިހާރު ވަނީ ފުޓުބޯޅައިގެ ޗާޓުން ވެސް ފުހެލައިފަ އެވެ. އެއީ ވެސް ބައްސާމްއަށް ގިނަބައެއްގެ ނުރުހުން ފާޅު ކުރި އެއް ސަބަބެވެ.

ހަމަ ގައިމުވެސް ވޭތުވެ ދިޔަ ދެ ތިން އަހަރެއްގެ ތެރޭގައި ފުޓުބޯޅައިގެ ތެރޭ ބޮޑު ހާޖާނެއް ހިނގައިފި އެވެ. ސުވާލަކީ އޭގެންވީ ފައިދާއެއް އެބައޮތް ހެއްޔެވެ؟ ސަރަހައްދުގެ އެހެން ގައުމުތައް މަޑު މަޑުން ކުރިއަރަމުން އައިސް ކުރިން ރާއްޖެ ގޮސް ހައެއްކަ އަށެއްކަ ގޯލު ޖަހައި މޮޅުވެގެން އަންނަ ޓީމުތައް ކައިރިން ވެސް މިހާރު ރާއްޖެއަކަށް މޮޅެއް ނުހޯދެ އެވެ.

އިންތިހާބު ބައްސާމުގެ ކޮޅަށް ބަރުވެފައި

އިންތިހާބަށް ދުވަސް ކައިރިވަމުން އަންނަ އިރު ބައްސާމްއަށް މިހާރުވެސް ވަނީ ކާމިޔާބީގެ ކުލަމަތި ފެނިފަ އެވެ. ރާއްޖޭގައި މިވަގުތު އެންމެ ނަން ކިޔާލެވޭ ތިން ކުލަބެއް ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން ގްރީންސްޓްރީޓުން ވެސް ވަނީ ބައްސާމަށް ބައިއަތު ހިފައި އިންތިހާބުގައި ތާއީދު ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

މިއީ އިންތިހާބު ކާމިޔާބު ކުރުމަށް ބައްސާމަށް ލިބޭ ވަރުގަދަ ހިތްވަރެކެވެ. ކުރީ ފަހަރުގެ އިންތިހާބު އެންމެ ތިން ވޯޓުގެ ތަފާތަކުން ކާމިޔާބު ކުރި ބައްސާމް މިފަހަރު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރާނެ ކަމަށް ބެލެވިފައިވާ އިރު އޭނާއާ ވާދަކުރުމަށް އެއްވެސް ވާދަވެރިއެއް އަދި ފުރަތަމަ ސަފަށް ނުކުމެފައެއް ނުވެ އެވެ.

އިއްޔެއާ ހަމައަށް އެފްއޭއެމްއަށް އެންމެ ވަރުގަދައަށް ފާޑުކިޔަމުން އައި ފަރާތްތަކަށް ވެސް އެފްއޭއެމްގެ މަތީ މަގާމުތަކެއް ދީ ރުހުން ހޯދި ކަމަށް މިހާރު ބުނުމުގެ ޖާގަ އެބައޮތެވެ. މިއީ ވެސް ބައްސާމްގެ ކެމްޕެއިނުގެ ތެރެއިން ކުޅުނު ވިސްނުންތޫނު ކުޅިގަނޑެއް ނޫން ހެއްޔެވެ؟

ހަމަ އެގޮތަށް އަހަރު ފެށިގެން އައި އިރު އެފްއޭއެމް އޮތީ ގިނަ ފަރާތްތަކަކަށް ދަރާފަ އެވެ. ބްރޯޑްކާސްޓިންގް ޕާޓްނަރު ވީޓީވީއާއި ކުޅުންތެރިންގެ ދަތުރުތައް ބެލެހެއްޓި އޭސް ޓްރެވެލްސްގެ އިތުރުން ބައެއް ކުޅުންތެރިންނަށް ވެސް ބޮޑެތި އަދަދުން ދަރައިގެން ގޮސް، ކޯޓާ ހިސާބަށް މައްސަލަތައް ދިޔަ އެވެ. އެކަމަކު އިންތިހާބު އިއުލާން ކުރުމުގެ ކުރިން އެފްއޭއެމުން ވަނީ އެފައިސާތައް ވެސް ދައްކައި ހަލާސްކޮށްފަ އެވެ.

"އިންތިހާބުގެ މުއްދަތު ހަމަވުމުގެ ނުވަ މަސް ކުރިން އާ އިންތިހާބެއް ބޭއްވުމަށް ރާއްޖޭގެ ފުޓުބޯޅަ އާއިލާއަށާއި ކުލަބުތައް ގާތުން އެދެން. ފީފާ އާއި އޭއެފްސީގެ ބެލުމުގެ ދަށުން ބާއްވާ މި އިންތިހާބު ވެގެން ދާނީ ދެފުށް ފެންނަ އަމާން އޮމާން އިންތިހާބަކަށް،" ބައްސާމް ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވި އެވެ.

ބައްސާމްގެ ކެމްޕެއިން ދުވަހަކަށް ވުރެން ދުވަހެއް ވަރުގަދަ ކުރަމުން އަންނަ އިރު، އޭނާއާ ވާދަކޮށްލަން ނުކެރިގެން އުޅެނީ ކީއްވެ ހެއްޔެވެ؟ ދެން ތިބި ބަޔަކަށް ބައްސާމް ވަރިހަމަވެގެން ތިއްބާ އަނެއްކާވެސް އަންނަ އަހަރުގެ މިދުވަހު ތިބޭނީ ފާޑު ކިޔާލަ ކިޔާލަ އެވެ.

އެފްއޭއެމްގައި ކުރިން ވަޒީފާއަދާކުރައްވާފައިވާ ބައްސާމް އެތަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އެންމެ ފުރަތަމަ ގެނައީ ޑިސެމްބަރު 2014 ގައި ނޯމަލައިޒޭޝަން ކޮމިޓީން ހަވާލުވުމަށް ފަހު އެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު މަގާމުން ދުރުވުމުން، ކޮމިޓީގެ ޗެއާމަންގެ މަގާމަށް ބައްސާމް ވަނީ ވާދަކުރައްވާފަ އެވެ.

އޭނާ ދެ ވަނަ ފަހަރަށް ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވީ، 2016 ވަނަ އަހަރުގެ މޭ މަހު އެފްއޭއެމްގެ ރައީސްގެ މަގާމަށް ތޯރިގް އިންތިހާބުވުމުންނެވެ. އެކަމަކު ވަކި ހިސާބަކުން ތޯރިގް ވަނީ އެ މަގާމުން ބައްސާމް ވަކިކުރައްވައިފަ އެވެ. އެ މައްސަލަގަނޑުގެ ތެރެއިން ބައްސާމަށް ތާއީދުކުރާ އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާ ދިނުމާ އެކު އެކްސްކޯ އުވި އަލުން އިންތިހާބެއް ބާއްވަން ޖެހުނީ އެވެ. އެ ހިސާބުން ފެށިގެން ބައްސާމްގެ ބާރު މުޅި އެފްއޭއެމްގައި ގަދަ އެވެ. މިފަހަރުވެސް މަންޒަރު މިފެންނަނީ އެގޮތަށެވެ.

comment ކޮމެންޓް