ކުރީގެ އައިފޯނުތައް ލަސްކުރާތީ އެޕަލް 25 މިލިއަން ޔޫރޯއިން ޖޫރިމަނާ

އައިފޯން އެކްސް: އާ އައިފޯނެއް ނެރުމުން ކުރީގެ އައިފޯނު ލަސްކުރާ ކަން ގިނަ ބަޔަކަށް ވަނީ ފާހަގަވެފައި --- ފޮޓޯ : އެންގެޖެޓް

އެޕަލް ކުންފުނީގެ އާ އައިފޯނުތައް ނެރުމުން އެކުންފުނީގެ ކުރީގެ އައިފޯނު މޮޑެލްތަކުގެ ފޯނުތައް ގަސްތުގައި ލަސްކުރާ މައްސަލައިގައި އެކުންފުނި 25 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފި އެވެ.

އެޕަލް ޖޫރިމަނާކުރުމަށް އެދިފައިވަނީ ފްރާންސްގެ ކުންފުންޏެއް ކަމަށްވާ ޑީޖީސީސީއާރުއެފް އިންނެވެ. އެކުންފުންޏަކީ ތަންތަނުން މަކަރުހަދައި އޮޅުވާލުމުގެ އަމަލުތައް ބަލައި ކުންފުންޏެކެވެ.

ޑީޖީސީސީއާރުއެފް އިން ބުނެފައިވަނީ އެޕަލް އިން އެކުންފުނީގެ ފޯނުތައް ގަސްތުގައި ލަސްކުރާއިރު އެ ވާހަކަ އައިފޯނު ގެންގުޅޭ ފަރާތްތަކަށް އަންގާފައި ނުވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެޕަލް އިން ވަނީ 2017 ވަނަ އަހަރުގައި، އެކުންފުނީގެ ކުރީގެ ސްމާޓްފޯނުތައް ލަސްކުރާ ކަމަށް އެއްބަސްވެފައެވެ. ނަމަވެސް އެޕަލް އިން ބުނެފައިވަނީ ކުރީގެ އައިފޯނުތައް ލަސްކުރަނީ އެ ފޯނުތަކުގެ އުމުރު ދިގުކުރުމުގެ ގޮތުން ކަމަށެވެ.

އެޕަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފްރާންސްގެ ކުންފުންޏާ ދެމެދު އޮތް މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ.

އެޕަލް އިން ކުރީގެ އައިފޯނު ލަސްކުރަނީ ކީއްވެ؟

ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އާ އައިފޯނެއް ނެރޭއިރަށް ކުރީގެ އައިފޯނުތައް ލަސްކުރަނީ ކަސްޓަމަރުން އާ އައިފޯނު ގަތުމަށް ބާރު އެޅުމަށެވެ.

އެޕަލް އިން ބުނެފައިވަނީ ކުރީގެ އައިފޯނު ލަސްކުރަނީ އޭގެ އުމުރާ ގުޅިގެން ކަމަށާއި އާ ފޯނެއް ގަތުމަށް ބާރުއެޅުމުގެ ގޮތުން ނޫން ކަމަށެވެ.

އައިފޯނުގައި ބޭނުންކުރާ ލިތިއަމް އަޔޯން ބެޓެރީގެ އުމުރު ކުރުވަމުންދާތީ ފޯނު އަޕްޑޭޓު ކުރާވަރަކަށް ކުއްލިއަކަށް ފޯނު ނިވެން އެކަށީގެންވާ ކަމަށް އެޕަލް އިން ބުނެއެވެ. ފޯނު ލަސްކުރަނީ ފޯނުގެ އެކި ބައިތައް ހަލާކުވުމުން ރައްކާތެރިކުރުމަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް