އިމްރާންގެ ވާހަކަތަކާ މެދު ނަޝީދު ކަންބޮޑުވެ ވަޑައިގެންފި

ފެބްރުއަރީ 3، 2020: ރައީސް ނަޝީދު ހަފްލާއެއްގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިދިޔަ ބުރާސްފަތި ދުވަހު މާފުށީގައި ފަތުރުވެރިއަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރީ ގޯސްކޮށް ނޫން ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވާތީ، ރައީސް މުހައްމަދު ނަޝީދު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ނިވާކަންކުޑަކޮށް ހުރި ޓޫރިސްޓަކު ހައްޔަރު ކުރުމުގައި، ފުލުހުން އަމަލު ކުރީ އެހާ ގޯސްކޮށް ކަމަށް ދެންނެވޭކަށް ނެތް ކަމަށެވެ. އެހެން ނަމަވެސް އެ ހާލަތު އެއަށް ވުރެ ރަނގަޅަށް ފުލުުހުންނަށް ހޭންޑުލް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެން ފުލުހުން "އެރުމަކީ" ރާއްޖޭގެ ރީތިނަން ބޭރުގައި ކިލަބުވެ، ޓޫރިޒަމް ވިޔަފާރިއަށް އަސަރު ކުރާނެ ކަންކަން ކަމަށެވެ.

"މާފުށީގައި ޓޫރިސްޓަކު ހައްޔަރުކުރީ ގޯހުން ނޫން ކަމަށް ދެކެވޭ ކަމީ ކަންބޮޑުވުން އިތުރުވާ ކަމެއް،" އިމްރާންގެ ވާހަކަތަކަށް އިޝާރާތް ކުރައްވާ މަޖިލީހުގެ ރައީސް ޓްވީޓް ކުރެއްވި އެވެ.

ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވެސް އެ މައްސަލައިގައި ވިދާޅުވެފައި ވަނީ، އަންހެން ޓޫރިސްޓް ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރީ އެންމެ ރަނގަޅަށް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު އަންނަނީ ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ބަލަމުންނެވެ.

ކޮމިޝަނަރު ހަމީދު ވަނީ އެކަމާ ގުޅިގެން ޓޫރިސްޓާއި އާންމުންގެ ކިބައިން މާފަށް ވެސް އެދިވަޑައިގެންފަ އެވެ.

ޓޫރިސްޓު ހައްޔަރު ކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ އިރު، ބޭރުގެ މީޑިއާތަކުގެ ސަމާލުކަމަށް ވެސް އެ ހާދިސާ ވަނީ އައިސްފަ އެވެ.

އެކަމާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައިވާ އިރު، އެއް ބަޔަކު ބުނަނީ އެފަދަ ގޮތަކަށް ފުލުހުން އަމަލު ކުރަން ޖެހުނީ އަންހެން ޓޫރިސްޓަށް ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ނަސޭހަތް އަޑުނާހާ ނިވާކަންކުޑަކޮށް އޭނާ ރަށު ތެރޭގައި އުޅެން ފެށުމުން ކަމަށެވެ.

comment ކޮމެންޓް