އެމްބީސީއަށް ދައުލަތުގެ ބަޖެޓްގައި ފައިސާ ނުހިމެނުމުން މަޖިލީހުން ގޮތެއް ނިންމަނީ

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީއަށާއި ރައްޔިތުންގެ މަޖިލީހަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ހުށަހެޅި 145.2 މިލިއަން ރުފިޔާގެ ބަޖެޓުން އެއްވެސް ފައިސާއެއް ފިނޭންސުން މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓްގައި ހިމަނާފައި ނުވުމުން އެ ކޯޕަރޭޝަނަށް ބަޖެޓް ކަނޑައެޅުމާމެދު ގޮތެއް ނިންމާމެ ކަމަށް ބަޖެޓް ދިރާސާ ކުރާ ކޮމެޓީން މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިވަން މުއައްސަސާތަކާއެކު ބަޖެޓް ކޮމެޓީން ބާއްވާ މަޝްވަރާތަކުގައި އެމްބީސީއާއެކު މަޝަވަރާ ކުރުމަށްފަހު ކޮމެޓީ ޖަލްސާއަށް ދިޔަ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ އެމްބީސީގެ ބަޖެޓާ ބެހޭ ގޮތުން މާލިއްޔަތު ކޮމެޓީ ވެސް ގޮތެއް ނިންމިދާނެ ކަމަށެވެ. ނަމަވެސް 2012 އަހަރުގެ ބަޖެޓް ދިރާސާކޮށް ނިންމާއިރު އެކަމާމެދު ބަޖެޓް ކޮމެޓީން ގޮތެއް ނިންމާނެ ކަމަށެވެ.

ގާސިމް އެހެން ވިދާޅުވީ އެމްބީސީގެ ގާނޫނުގެ 25 މާއްދާގެ (ހ) ރިޔާއަތްކޮށެވެ. އެ މައްދާގެ (ހ)ގައި ބުނެފައި ވަނީ ކޮންމެ އަހަރެއްގެ ވެސް ތިން މަސް ދުވަސް ފެށުމުގެ ކުރިން ވިދިވިދިގެން އަންނަ އަހަރަށް ހިނގާނެ ކަމަށް ލަފާކުރާ ހަރަދާއި ލިބޭނެ ކަމަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ މައްޗަށް ބިނާކޮށް ބަޖެޓެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެ އެވެ. އަދި އެއަހަރަށް ހިނގާފައިވާ މާލީ ހިސާބުތައް ރާއްޖޭގައި ލައިސަންސް ލިބިފައިވާ އޮޑިޓް ފާމަކުން އޮޑިޓް ކުރުމަށްފަހު ބަޖެޓް ހުށަހަޅަންވާނެ ކަމަށް ބުނެފައިވެ އެވެ.

ގާސިމް ވިދާޅުވީ އެމްބީސީން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓްގައި އެ ކޯޕަރޭޝަންގެ މިއަހަރުގެ މާލީ ހިސާބުތައް އޮޑިޓް ފާމަކުން އޮޑިޓް ކުރުމަށްފަހު ހުށަހަޅާފައި ނުވާ ކަމަށެވެ.

އެމްބީސީން މަޖިލީހުގައި ބުނެފައި ވަނީ މާލީ ހިސާބުތައް އޮޑިޓް ނުކުރެވުނީ އޮޑިޓް ފާމަކާ އެ ފަދަ މަސައްކަތެއް ހަވާލު ކުރާނެ ފައިސާއެއް ފިނޭންސުން ދީފައި ނުވާތީ އެވެ.

މިދިޔަ އަހަރު ވެސް އެމްބީސީއަށް ބަޖެޓް ދައުލަތުގެ ބަޖެޓްގައި ހިމަނާފައި ނުވުމުން ބަޖެޓް ކޮމެޓީ އާއި މާލިއްޔަތު ކޮމެޓިން އެމްބީސީއަށް ކަނޑައެޅި ބަޖެޓްގެ ތެރެއިން ފިނޭންސުން ދީފައި ވަނީ ބައެއް މާލީ ހަރަދުތަކެވެ. އަދި އެ ފައިސާ ދިނުމަށް ފިނޭންސުން އެކި އުޒުރު ވެސް ދައްކާފައިވެ އެވެ.

އެމްބީސީން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާ ބަޖެޓް ދައުލަތުގެ ބަޖެޓްގައި ހިމަނާފައި ނުވާއިރު، އެމްބީސީގެ ގާނޫނުގެ 26 ވަނަ މާއްދާގައި (ހ)ގައި ބުނެފައި ވަނީ އެމްބީސީން ހުށަހަޅާ ބަޖެޓްގައި ދައުލަތުގެ އެހީއަށް ސިދާ އެދިފައިވާނަމަ، އެ ފައިސާ ދައުލަތުގެ މާލިއްޔާއިން ހަމަޖައްސައި ދޭންވާނެ ކަމަށެވެ.
ބަޖެޓް ކޮމެޓިއަށް އެމްބީސީ އިއްޔެ ހާޒިރު ކުރުމުން އެ ކޯޕަރޭޝަންގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ އެމްބީސީގެ "ފިޔަ" ކޮށާލާފައިވާ ކަމަށެވެ. މާލީ އެކި ބޭނުންތަކަށް ފިނޭންސުން ފައިސާ ދޫކޮށްފައި ނުވުމުން ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިނޭންސް މިނިސްޓްރީއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 145.2 މިލިއަން ރުފިޔާގެ ބަޖެޓް ތައްޔާރުކޮށްފައި ވަނީ އެމްބީސީގެ މައްސަލާގައި ހައި ކޯޓްގެ ހުކުމް އެބޭފުޅުންގެ ކޮޅަށް ބުރަވާނެ ކަމަށް ބަލައިގެން ކަމަށެވެ. އެ ގޮތުން ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމް އެމްބީސީއަށް ލިބޭނެ ކަމަށް ބަލައިގެން ކަމަށެވެ.

އެމްބީސީން ހުށަހެޅި ބަޖެޓްގައި 145.2 މިލިއަން ރުފިޔާގެ ތެރެއިން މުވައްޒަފުންނަށް ހިނގާނެ ހަރަދުގެ ގޮތުގައި 70،026،111ރ. ހަރަދުވާނެ ކަމަށް އަންޒާދާކޮށްފައިވެ އެވެ. އޮފީސް ހިންގުމަށް ބޭނުންމަށް ހޯދާ ތަކެއްޗަށް 4،542،000 ރ. ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު