ޓްރަމްޕާ ދެކޮޅަށް ހެކިބަސް ދިން ދެ އޮފިޝަލުން ވަޒީފާއިން ވަކިކޮށްފި

ޓްރަމްޕާ ދެކޮޅަށް ހެކިބަސް ދިން އީޔޫގެ މަންދޫބު ގޯޑަން ސޮންޑަލޭންޑާއި (ކ) ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ޑިރެކްޓާ ފޯ ޔޫރަޕިއަން އެފެއާޒް ލެފްޓެނެންޓް ކާނަލް އެލެގްޒެންޑާ ވިންޑްމަން ވަނީ މަގާމުން ދުރުކޮށްފައި -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ފެބްރުއަރީ 8): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރުމާ ބެހޭ ގޮތުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ބޭއްވި އަޑުއެހުންތަކުގައި ރައީސާ ދެކޮޅަށް ހެކިބަސް ދިން ދެ އޮފިޝަލުން ވަޒީފާއިން ވަކިކޮށްފި އެވެ.

އެމެރިކާއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ގޯޑަން ސޮންޑަލޭންޑާއި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ޑިރެކްޓާ ފޯ ޔޫރަޕިއަން އެފެއާޒް ލެފްޓެނެންޓް ކާނަލް އެލެގްޒެންޑާ ވިންޑްމަން މަގާމުން ދުރުކުރީ ޓްރަމްޕް މަގާމުން ދުރުކުރަން ނުފެންނަ ކަމަށް ސެނެޓުން ބުދަ ދުވަހު ނިންމި ފަހުންނެވެ.

ސޮންޑަލޭންޑްގެ ބަޔާނެއްގައިވާ ގޮތުން ރައީސް ޓްރަމްޕް އޭނާ މަގާމުން ދުރުކުރަން ނިންމާފައިވާކަން އެންގީ އިއްޔެގަ އެވެ. އަދި އޭނާ ވަނީ އެ މަގާމަށް އޭނާ އައްޔަން ކުރުމުން، ޓްރަމްޕަށާއި ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯއަށާއި އީޔޫގެ ޔޫއެސް މިޝަންއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މީގެ އިތުރުން ކާނަލް ވިންޑްމަންގެ ވަކީލު ވިދާޅުވި ގޮތުގައި އިއްޔެ ވިންޑްމަން ވަނީ ވައިޓް ހައުސްއިން ބޭރުކޮށްފަ އެވެ. އަދި އޭނާ "މަގާމުން ދުރުކޮށްފައި ވަނީ ކޮން ސަބަބަކާ ހެދިކަން އެމެރިކާގެ ހުރިހާ ރައްޔިތުންނަށްވެސް އެނގޭނެ" ކަމަށާއި އެއީ އޭނާ "ހަގީގަތް ހާމަ ކުރުމުން" ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ޓްރަމްޕް މަގާމުން ދުރުކުރަން މަސައްކަތް ކުރީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުމުގެ ތުހުމަތުގަ އެވެ.

ޑިމޮކްރެޓިކް ޕާޓީން ތުހުމަތު ކުރާ ގޮތުގައި ރައީސް ޓްރަމްޕް ވަނީ އެޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންގެ ތަހުގީގެއް ހިންގުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއާ ޒެލެންސްކީ ގާތުގައި އެދިލައްވާފަ އެވެ. އަދި ޒެލެންސްކީއަށް ޕްރެޝަރު ކުރުމުގެ ގޮތުން ޔޫކްރެއިންއަށް އެމެރިކާއިން ދޭ އެހީ ހިފެހެއްޓި ކަމަށް ޑިމޮކްރެޓިކް މެމްބަރުން ވިދާޅުވެ އެވެ.

އެ މައްސަލައިގައި ކޮންގްރެސްގައި ހެކިބަސް ދެއްވަމުން ސޮންޑަލޭންޑް ވަނީ ޓްރަމްޕް، ޒެލެންސްކީއަށް ވައިޓް ހައުސްއަށް ވަޑައިގަންނަވަން ދައުވަތު އެރުވީ ޔޫކްރެއިންގައި ބައިޑެން ތަހުގީގު ކުރުވުމުގެ ގޮތުން ކަމަށް ދެކޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިންޑްމަން ވަނީ ޓްރަމްޕާއި ޒެލެންސްކީ ދެއްކެވި ވާހަކައާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ސެނެޓުގައި ބުދަ ދުވަހު ނެގި ވޯޓުގައި ޓްރަމްޕް މަގާމުން ދުރުކުރަން 100 މެމްބަރުންގެ ތެރެއިން 48 މެންބަރުން ވޯޓުދެއްވި އިރު އެއާ ދެކޮޅަށް 52 މެމްބަރުން ވޯޓު ދެއްވި އެވެ.

އެމެރިކާގެ ރައީސަކު މަގާމުން ދުރު ކުރެވޭނީ ސެނެޓުގެ ތިންބައިކުޅަ ދެބައި ކަމަށްވާ 67 މެންބަރުންގެ ވޯޓުގެ ބޮޑު އަގުލަބިއްޔަތުންނެވެ.

comment ކޮމެންޓް