އަބިދާލް ދެކެ ރުޅި އައުމުގެ ހައްގު މެސީއަށް އެބައޮތް: ރިވާލްޑޯ

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ// ޖޯ ރައިޓް

ސްޕެއިނުގެ ގަދަ ބާރެއް ކަމަށްވާ ބާސެލޯނާގެ ޓެކްނިކަލް ޑިރެކްޓަރު އެރިކް އަބިދާލް ދެކެ ރުޅިއައުމުގެ ހައްގު އެ ކުލަބުގެ ކެޕްޓަން ލިއޮނެލް މެސީއަށް އެބައޮތް ކަމަށް އެ ޓީމުގެ ކުރީގެ ފޯވާޑް ރިވާލްޑޯ ބުނެފި އެވެ.

ބާސެލޯނާގެ ކުރީގެ ކޯޗު، އާނެސްޓޯ ވަލްވާޑޭ މަގާމުން ވަކި ކުރަން ކުލަބަށް މަޖުބޫރުވީ ޓީމުގެ ނަތީޖާގެ އިތުރުން ބައެއް ކުޅުންތެރިންގެ ފަރާތުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ފެންނާތީ ކަމަށް އަބިދާލް ވަނީ މިދިޔަ ހަފްތާ ސްޕެއިނުގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ. އެއާ އެކު ޓީމުގެ ކެޕްޓަން މެސީ ވަނީ މަސައްކަތް ނުކުރަނީ ކޮން ކުޅުންތެރިންތަކެއް ކަމެއް ބުނަން ޖެހޭ ކަމަށް ބުނެ އަބިދާލްގެ ވާހަކަތަކަށް ނުރުހުމާ އެކު ރައްދު ދީފަ އެވެ.

އެކަންތައް ގަނޑުގެ ސަބަބުން ބާސެލޯނާގެ އެތެރޭގައި ބޮޑެތި މައްސަލަތަކެއް އުފެދިފައި ވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ޓީމު ވަނީ ސްޕެނިޝް ކޮޕާ ޑެލް ރޭގެ ކުއާރޓާ ފައިނަލުގައި އެތުލެޓިކޯ ބިލްބާއޯ އަތުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. އަދި އެއާ އެކު ޓީމުގެ ހާލަތު ގޯސްވެ ދެބަޔަކަށް ކުލަބު ބައިބައި ވަމުންދާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކުރަން ފަށައިފަ އެވެ.

އެހެން ނަމަވެސް އަލުން އަނބުރާ ރަނގަޅު މޮޅެއް ހޯދައި ޓީމުގެ ކުޅުން ރަނގަޅުވާ ހިސާބުން އެކަހަލަ ކަންތައްތައް ހަނދާން ނެތޭނެ ކަމަށް އެ ޓީމުގެ ލެޖެންޑް ރިވާލްޑޯ ވަނީ ބުނެފަ އެވެ.

"މިކަހަލަ ދަނޑިވަޅެއްގައި އަބިދާލް އެ ދެއްކި ވާހަކަ އަކީ ކުލަބަށް ބުނެވުނު ބަދު ބަހެއް. އޭގެ ސަބަބުން މެސީއަށް ވެސް ރުޅި އައުމުގެ ހައްގު އެބައޮތް. އެކަމަކު މި ހުންނަނީ އާދައިގެ ކަންކަން. ރަނގަޅު މޮޅެއް ހޯދައި ޓީމުގެ ކުޅުން ރަނގަޅުކޮށްލުމުން އެކަހަލަ ކަންކަން ހަނދާން ނެތިދާނެ،" ރިވާލްޑޯ ބުންޏެވެ.

ރިވާލްޑޯ ބުނީ ހަގީގަތުގައި ސޯޝަލް މީޑިއާގައި މިކަން ބޮޑު ކަމަކަށް ވެގެން އެއުޅެނީ މެސީގެ ފަރާތުން އެފަދަ ރައްދެއް އައުމުން ކަމަށެވެ. މެސީ އަކީ ބާސެލޯނާގެ ކެޕްޓަން ކަމަށް ވެފައި އޭނަ އަކީ ޓީމުގެ އެންމެ ވިދުން ގަދަ ތަރި ކަމުން ގިނަ ބަޔަކު އެކަން ބޮޑު ކޮށްލަނީ ކަމަށް ރިވާލްޑޯ ބުންޏެވެ.

"އަބިދާލް އާއި މެސީ އެއް މޭޒަކަށް އަރައި މިކަން އަވަހަށް ހައްލު ކުރުމަށް ގޮވާލަން. އަހަރެން ދެކޭ ގޮތުގައި އަބިދާލްއަށް އެ މޭރުމަކުން ވާހަކަ ދެއްކުނީ އޮޅިގެން. އެކަމަކު އޭގެ ސަބަބުން ޓީމަށް ބޮޑު އަސަރެއް ކޮށްފި."

comment ކޮމެންޓް