ޗައިނާއިން ހޮންކޮންއަށް ދާ މީހުން 14 ދުވަހަށް ކަރަންޓީނު ކުރަނީ

ހޮންކޮންގެ ހޮސްޕިޓަލްތަކުގެ މުވައްޒަފުން ވަނީ ޗައިނާ-ހޮންކޮން ބޯޑަރު އެއްކޮށް ބަންދު ކުރުމަށް ގޮވާލާ ހަޅުތާލުކޮށްފަ -- ފޮޓޯ: އީޕީއޭ

ހޮންކޮން (ފެބްރުއަރީ 8): ހޮންކޮންގައި ނޮވެލް ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި، ޗައިނާއިން އެސަރަހައްދަށް ދާ ކޮންމެ މީހަކު 14 ދުވަހަށް ކަރަންޓީނު ކުރަން ފަށައިފި އެވެ.

ހޮންކޮންގެ ސަރުކާރުން މިދިޔަ ބުދަ ދުވަހު އިއުލާން ކުރި ގަވާއިދުގައިވާ ގޮތުން ރޭ މެންދަމުގެ ފަހުން ޗައިނާއިން އެ ސަރަހައްދަށްދާ ކޮންމެ މީހަކު އަމިއްލަ ގޭގައި ނުވަތަ ހޮޓެލް ރޫމްތަކުގައި ނުވަތަ ސަރުކާރުގެ ސެންޓަރެއްގައި ދެ ހަފްތާ ހޭދަ ކުރަން ޖެހޭނެ އެވެ. އަދި އެ ގަވާއިދާ ހިލާފުވާ މީހުން ޖޫރިމަނާކޮށް ޖަލަށްލާނެ އެވެ.

އޭގެ ސަބަބުން ރޭ ދަންވަރުވުމުގެ ކުރިން އެތައް ހާސް މީހުން ޗައިނާގެ ބޯޑަރު ހުރަސްކޮށް ހޮންކޮންއަށް ވަނެވެ. ނަމަވެސް މިއަދު އެބޯޑަރު ހުރަސް ކުރަމުން ދަނީ މަދު ބަޔެކެވެ.

މީގެ ކުރިން ހޮންކޮންއިން ވަނީ އެ ބޯޑަރުން މީހުން ހޮންކޮންއަށް އެތެރެވާ 13 ސަރަހައްދުގެ ތެރެއިން 10 ސަރަހައްދެއް ބަންދުކޮށްފަ އެވެ. އަދި ހޮންކޮންގެ ގިނަ އަދަދެއްގެ މީހުން ވަނީ އެބޯޑަރު އެއްކޮށް ބަންދު ކުރުމަށް ގޮވާލާ ހަޅުތާލުކޮށްފަ އެވެ.

ހޮންކޮންގައި 26 މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން އެކަކު މަރުވެފައިވެ އެވެ. ހޮންކޮންގެ އިތުރުން ޗައިނާއިން ބޭރުގައި 270 މީހަކަށް އެ ވައިރަސް ޖެހި، ފިލިޕީންސްގައި އިތުރު މީހަކު މަރުވެފައިވެ އެވެ. އަދި ޗައިނާގައި މިހާތަނަށް ވައިރަސް ފެތުރުނު މީހުންގެ އަދަދު 34،500އަށް އަރައި، 722 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް