ބްރުނާއި ސަރުކާރު ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ބްރޫނާއި --- ފޮޓޯ : ފިއުޗާ ޓްރެވެލާ

ރާއްޖޭގެ ދަރިވަރުންނަށް ބްރުނާއި ސަރުކާރުން ދޭ މަތީ ތައުލީމުގެ ސްކޮލާޝިޕް އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ބްރުނާއި ސަރުކާރުން ވަނީ ބެޗެލާސް ޑިގްރީ އަދި މާސްޓާސް އަށް ކިޔަވަން ބޭނުންވާ ދިވެހީންނަށް ސްކޮލާޝިޕްގެ ފުރުސަތު ފަހިކޮށްދީފައި ކަމަށެވެ.

އެ ސްކޮލާޝިޕްގެ ދަށުން ބްރުނާއިގެ ހަތަރު ޔުނިވާސިޓީއަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. އެއީ ޔުނިވާސިޓީ ބްރުނާއި ދާރުއްސަލާމް އާއި ޔުނިވާސިޓީ އިސްލާމް ސުލްތާން ޝަރީފް އަލީ އާއި ޔުނިވާސިޓީ ޓެކްނޮލޮޖީ ބްރުނާއި އަދި ޕޮލިޓެކްނިކް ބްރުނާއި އެވެ.

މިނިސްޓްރީއިން ބުނެފައި ވަނީ އެ ސްކޮލާޝިޕަށް ހުށަހެޅުމުގެ ފުރުސަތު މާދަމާގެ މެންދުރު ފަހުގެ 1330ގެ ނިޔަލަށް ހުންނާނެ ކަމަށެވެ.

ޔުުނިވާސިޓީތަކުގެ ކޯސްތަކަށް ކުރިމަތިލާއިރު އެ ޔުނިވާސިޓީތަކުގެ ޝަރުތުތައް ހަމަވާން ޖެހޭނެ ކަމަށް މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފަ އެވެ.

ބެޗެލާސް ޑިގްރީއަށް ކުރިމަތިލާ ފަރާތެއް ނަމަ އެމީހަކީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހޭނެ އެވެ. އަދި މާސްޓާސް ޑިގްރީއަށް ކުރިމަތި ލެވޭނީ އުމުރުން 35 އަހަރު ނުވާ ފަރާތްތަކަށް ކަމަށްވެސް ހަޔާ އެޑިއުކޭޝަނުން ބުނެ އެވެ.

ސްކޮލާޝިޕް އަށް ހުށަހެޅުމުގެ ސުންގަޑިއަކީ މާދަމާގެ މެންދުރު ފަހަށްވާއިރު އެ ސްކޮލާޝިޕް އަށް ހުށަހަޅާނީ ހަޔާ އެޑިއުކޭޝަނުން އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕޯޓަލް އަށެވެ.

comment ކޮމެންޓް