އިދްލިބްގެ ހަނގުރާމައިގާ ސޫެރިޔާ ސިފައިން ބޮޑު ކާމިޔާބީއެއް ހޯދައިފި

ސޫރިޔާ ސިފައިން އިދްލިބްގައި ހަރަކާތްތެރިވަނީ

އިދްލިބް (7 ފެބްރުއަރީ 2020): ސޫރިޔާ ހުޅަނގު އުތުރުގެ ޕްރޮވިންސެއްކަމަށްވާ އިދްލިބް މިނިވަން ކުރުމަށް ސޫރިޔާ ސިފައިން ފަށާފައިވާ ހަނގުރާމައިގާ އެޕްރޮވިންސްގެ އިތުރު ރަށަކަށް ސޫރިޔާ ސިފައިން ވަދެއްޖެއެވެ.

ތުރުކީގެ އަނަތޯލިއާ ނޫސް އެޖެންސީ ބުނީ އިދްލިބްގެ ސަރާގިބް އަވަށް ސޫރިޔާ ސިފައިން މިއަދު ވަދެ އެރަށުގެ ކޮންޓްރޯލް ނަގާފައިވާ ކަމަށާއި އެއަވަށުގައިތިބި އިދިކޮޅު ހަނގުރާމަވެރިން އެއަވަށުން ފާބައިފިކަމުގައެވެ. މީގެކުރިން ސޫރިޔާ ސިފައިންވަނީ އިދްލިބް ބައެއް ވިލެޖްތަކާއި ޓައުންތަކުން ހަނގުޜާމަވެރިން ބޭރުކޮށް އެތަންތަން ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށްގެނައުމުގައި ކާމިޔާބު ހޯދާފައެވެ. އިދްލިބުން ސޫރިޔާ ސިފައިން މިހާތަނަށް މިނިވަންކުރި އަވަށްތަކުގެ ތެރޭގައި އިދްލިބްގެ ސްޓްރެޓީޖިކް ސަރަހައްދެއްކަމަށްވާ މަޢައްރަތުއްނުޢްމާން ވެސް ހިމެނެއެވެ.

މިއަދު މިނިވަންކުރި ސަރާގިބް އަވަށަކީ ސޫރިޔާ ހުއްދައަކާނުލައި އިދްލިބްއަށް ވަދެގެންއުޅޭ ތުރުކީ ސިފައިން އިދްލިބްގައި ގާއިމްކޮށްފައިވާ ޗެކް ޕޮއިންޓްތަކުގެ ދެކުނުގައިވާ އަވަށެކެވެ. ސޫރިޔާ ސިފައިން އެ އަވަށް މިނިވަންކުރީ ރަޝިޔާގެ ހަނގުރާމަމަތީ ބޯޓުތަކުން ދިން ހަމަލާތަކާއި ސޫރިޔާ ސިފައިންނަށް ވާގިވެރިވާ މިލީޝިއާ ތަކުގެ އެހީތެރިކަމާއެކުގައި ކަމަށް ތުރުކީގެ އަނަތޯލިއާ ނޫސްއެޖެންސީ ބުނެއެވެ.

ސޫރިޔާ ސިފައިން ސަރާގިބްއަށް ވަދެފައިމިވަނީ އެއަވަށަށް ދޭ ޙަމަލާތައް ހުއްޓާލައި އެއަވަށާ ދުރަށް ދިޔުމަށް ތުރުކީން އިންޒާރު ދީފައިވަނިކޮށެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާންވަނީ ތުރުކީ ސިފައިން އިދްލިބަށް ވަދެ އިދްލިބްގައި ގާއިމްކޮށްފައިވާ ޗެކްޕޮއިންޓްތަކާ ދުރުރަށް ދިޔުމަށް ސޫރިޔާ ސިފައިންނަށް އިންޒާރު ދެއްވައި ޗެކްޕޮއިންޓްތަކުގެ ކައިރީގައިވާ ސަރަހައްދުތަކުން މި މަހުގެ ނިޔަލަށް ފޭބުމަށް ސޫރިޔާ ސިފައިންނަށް ސުންގަޑިއެއްވެސް ދެއްވާފައެވެ. ސުންގަޑިއަށް އިހްތިރާމް ނުކޮށްފިނަމަ ނަތީޖާ ގޯސްވާނެކަމުގެ އިންޒާރުވެސް އެރުދުޣާންވަނީ ސޫިރޔާ ސިފައިންނަށް ދެއްވާފައެވެ.

ނަމަވެސް ސޫރިޔާއިން ވަނީ ސޫރިޔާގެ ބިމަށް ހުއްދައަކާނުލައި ތުރުކީސިފައިން ވަދެ ސޫރިޔާ ސިފައިންނަށް އިންޒާރު ނުދެވޭނެކަން ހާމަކޮށް އެރުދުޣާންގެ އިންޒާރަށް ގޮންޖެހުމަށްފަހު ހަނގުރާމަ ކުރިޔަށް ގެންގޮސް ސަރާގިބް އަވަށް މިނިވަންކޮށްފައެވެ.

ސޫރިޔާ ސިފައިންގެ ޙަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ އިދްލިބްގެ އާންމުން

ސަރާގިބް މިނިވަން ކުރިނަމަވެސް ސޫރިޔާ ސިފައިން ގެ ޙަމަލާތަކުގެ ސަބަބުން އިދްލިބްގެ އާންމުންގެ އެތަށް ބަޔަކު މަރުވެ އެތަށް ހާސްބައަކުވަނީ ހާލުގައިޖެހިފައެވެ. އަދި ގަދަ ފިނީގައި ވަރަށް ނިކަމެތި ހާލުގައި ރެފިއުޖީންގެ ގޮތުގައި އިދްލިބްގެ އާންމުންގެ އެތަށް ހާސްބައަކުވަނީ ރައްކާތެރި ތަންތަނަށް ދާންފަށާފައެވެ. ސޫރިޔާ ސިފައިންގެ ޙަމަލާތަކާ ގުޅިގެން އިދްލިބްގެ އާންމުންގެ އެތަށް ބަޔަކު އިންސާނީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފައިވާކަމަށް އދ. ން ނާއި އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ސިފަކޮށްފައެވެ.

އިދްލިބަކީ ސޫރިޔާ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ބާޣީ ޖަމާއަތްތަކުގެ ތެރެއިން ތުރުކީއާއި ޔޫރަޕާއި ގަތަރުފަދަ ގަލްފުގެ ބައެއް ގައުމުތަކުގެ މަދަދުލިބޭ ޖަމާއަތްތަކުގެ ހަނގުރާމަވެރިންނާ އަދި އައިއެސް އާއި ޖަބްހަތުއްނުސްރާފަދަ ހަރުކަށި ޖަމާއަތްތަކުގެ ހަނގުރާމަވެރިންވެސް މިހާރު ތިބި ހަމައެކަނި ސަރަހައްދެވެ. ސޫރިޔާ ސިފައިންވަނީ ހަނގުރާމަވެރިން ގެ ކިބައިން އެ ސަރަހައްދު މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގާ އާންމުންނަށް ކުރިމަތިވަމުންދާ ގެއްލުންތަކާއި އިންސާނީ މުސީބާތްތަކަށް ބެލުމެއްނެތި އިދްލިބް އެ ހަނގުރާމަ ފަށާފައެވެ.

އިދްލިބްގެ ހަނގުރާމައިގާ ސޫރިޔާސިފައިންނަށް އެހީތެރިވަނީ ރަޝިއާއާއި އީރާނުގެ މަދަދުލިބޭ އަސްކަރީ މިލީޝިއާ ތަކުންނެވެ. އިދްލިބް މިނިވަންކުރުމުގެ ހަނގުރާމަ ސޫރިޔާ ސިފައިން ފަށާފައިމިވަނީ އެހަނގުރާމަ ނުފެށުމަށް 2017 ވަނަ އަހަރު ރަޝިއާއާއި ތުރުކީން ސޫރިޔާގެ މައްސަލާގައި ވެފައިވާ އެއްބަސްވުންތަކާ ޚިލާފަށްކަމަށް ތުރުކީ ބުނެއެވެ. އިދްލިބްގެ ހަނގުރާމަ މިހާ ވަރުގަދަ ގޮތެއްގައި ކުރިޔަށް ގެންދަން ސޫރިޔާ ސިފައިންނަށް ކެރެނީ ރަޝިއާގެ އަސްކަރީ އެހީތެރިކަން ލިބުމުގެ އިތުރުން ރަޝިއާގެ ރުހުންވެސް ލިބޭތީކަމަށް ތުރުކީން ބުނެއެވެ.

އިދްލިބްގައި ސޫރިޔާ ސިފައިން ކުރިޔަށްގެންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި ތުރުކީގެ މަސްއޫލުވެރިން ގެންދަވަނީ ރަޝިޔާގެ މަސްއޫލުވެރިންނާ ބައްދަލުކުރުމަށް ތައްޔާރުވަމުންނެވެ. މަސްއޫލުވެރިންގެ ބައްދަލުވުންތަކުން މައްސަލަ ހައްލުނުވެއްޖެނަމަ މިކަމާބެހޭގޮތުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާން އާއި ރަޝިޔާގެ ރައީސް ވްލްޑިމީރު ޕޫޓިންގެ ސަމިޓް ބައްދަލުވުމެއް ބޭއްވުމަކީވެސް ގާތްކަމެއްކަމަށް ތުރުކީ ގެ ޚާރިޖީ ވަޒީރުވަނީ ވިދާޅުވެފައެވެ.

ތުރުކީ ކަންބޮޑުވަނީ އިދްލިބް މިނިވަން ކުރުމަށް ސޫރިޔާ ސިފައިން ފަށާފައިވާ ހަނގުރާމައާ ގުޅިގެން ސޫރިޔާގެ އާންމުންގެ އެތަށް ލައްކަ ބަޔަކު ރެފިއުޖީންގެ ގޮތުގައި ތުރުކީއަށް ވަންނަމުންދާތީއެވެ. ރެފިއުޖީންގެ އިތުރުން އިދްލިބްގައި ތިބި އައިއެސް އާއި ޖަބްހަތުއްނުސްރާފަދަ ހަރުކަށި ޖަމާއަތްތަކުގެ ހަނގުރާމަވެރިންވެސް ސޫރިޔާގެ ޙަމަލާތަކާ ގުޅިގެން ސަރަހައްދީ ރޮނގުހުރަސްކޮށް ތުރުކީއަށް ވަންނަމުންދާ ކަމުގެ ބިރު ތުރުކީ އިޙްސާސްކުރެއެވެ.

ނަމަވެސް ބައްޝާރުލް އަސަދު ގެ ސަރުކާރު ގަދަބާރުން ވައްޓާލުމަށްޓަކައި އައިއެސް އާއި ޖަބްހަތުއްނުސްރާފަދަ ހަރުކަށި ޖަމާއަތްތަކަށް ކުރިން އެހީތެރިވިކަމުގެ ތުހުމަތު ތުރުކީގެ މައްޗަށްވަނީ ކުރެވިފައެވެ. އަދި ސޫރިޔާ ސަރުކާރު ގަދަބާރުން ވައްޓާލުމަށްޓަކައި ސޫރިޔާގެ ބާޣީ ޖަމާއަތަކަށް ހަތިޔާރާއި އަސްކަރީ މަދަދު ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައިވެސް ތުރުކީ ހިމެނެއެވެ. ސޫރިޔާ ގައި ދާޚިލީ ހަނގުރާމަ ފެށުނީ އެކަމުގެ ސަބަބުންނެވެ.

ޖިހާދުގެ ނަމުގައި އެ ޖަމާއަތްތަކާ ބައިވެރިވެރިވުމަށް ދުނިޔޭގެ އެކި ގައުމުތަކުން ހަނގުރާމަވެރިން ސޫރިޔާއަށް ގޮސްފައިވަނީ ތުރުކީއަށް ގޮސް ތުރުކީ ސަރުކާރުގެ އެއްބާރުލުމާއެކު އެގައުމުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ކަމަށް ސޫރިޔާއިން ތަކުރާރުކޮށް ބުނެފައިވެއެވެ. ނަމަވެސް ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމުގައި އެ ހުރިހާ ފަރާތްތަކެއްވެސް ނާކާމިޔާބުވުމުން އެޖަމާއަތްތަކުގެ ނުރައްކާ ޚުދު ތުރުކީއަށްވެސްވަނީ ކުރިމަތިވެފައެވެ. (ރޮއިޓާސް + ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް