މެރާކީ ކެފޭއަށް ހަމަލާ ދިން ދެ މީހުންގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

މެރާކީގެ ބިއްލޫރިގަނޑު ބަޔަކު އެއްލި ގާބުރިއަކުން ޖެހި ތަޅައިގެން ގޮސްފައި: އެ މައްސަލައިގައި ދެ މީހަކަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީއަށް ފޮނުވާފައި --- ސަން ފައިލް ފޮޓޯ

"މެރާކީ ކޮފީ ރޯސްޓާސް" ކެފޭއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ދެ މީހުންގެ ތަހުގީގު ނިންމައި ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވައިފި އެވެ.

އަންހެނުން ފިރިހެން ހެނދުން ނޭޅުމަށް އަދި ފިރިހެނުން އަންހެން ވެގެން ނޫޅުމަށް އިންޒާރުދީ ނޯޓެއް ހަރުކުރުމަށް ފަހު އެތަނުގެ ބިއްލޫރިގަނޑުގައި ގަލަކުން ޖަހާ ތަޅާލީ، މިދިޔަ އަހަރުގެ ނޮވެމްބަރު 23 ވަނަ ދުވަހު އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުން މިހާރު ވަނީ ބަންދުން ދޫކޮށްލާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ކެފޭގައި ތިބި މަންޒަރު ދުށް ބައެއް މީހުން ބުނެފައިވާ ގޮތުގައި ސައިކަލުތަކެއްގައި އައި ގުރޫޕެއްގެ ތެރެއިން ކުރީ ސައިކަލުގައި ތިބި ދެމީހުން އެތަނަށް ގާބުރި އެއްލި އެވެ. އަދި ފުރަތަމަ އެއްލި ގާބުރިން ބިއްލޫރިގަނޑު ތަޅައިގެން ނުދިޔުމުން އަނެއްކާވެސް އެހެން ގާބުރިއެއް އެއްލައި އެތާނުގެ ބޭރު ބިއްލޫރިގަނޑު ތަޅާލި އެވެ.

މެރާކީގެ ބިއްލޫރިގަނޑު ބަޔަކު ތަޅާލީ އެތަނުގެ މުވައްޒަފެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި އަންހެނަކު ފިރިހެނުން ހެދުން އަޅާ ގޮތަށް ހެދުން އަޅައިގެން އުޅޭ ކަމަށް ބުނެ އޭނާއަށް ސޯޝަލް މީޑިއާގައި ފާޑުކިޔައި ރުޅިވެރިކަން އަމާޒުވެފައި ވަނިކޮށެވެ.

comment ކޮމެންޓް