ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން އަންގައިފި

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: ފިނޭސް މިނިސްޓަރު އަމީރު ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ކޮރޯނާވައިރަހާ ގުޅިގެން އިގްތިސާދަށް އަސަރު ކުރާނެތީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ގިނަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ނެރުނު ސާކިއުލާއެއްގައި ހަރަދު ކުޑަކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުވަ ފިޔަވަޅެއް އަޅަން ވަނީ އަންގައިފައެވެ.

އެގޮތުން ފިނޭންސްގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ކުންފުނީގެ އިދާރީ އޮނގަނޑަށް އަދި މުސާރައިގެ އޮނިގަނޑަށްވެސް އެއްވެސް ބަދަލެއް ނުގެންނަން ވަނީ އަންގައިފައެވެ.

ހަމަ އެއާއެކު ބަޖެޓުގައި ހިމަނާފައި ވީނަމަވެސް، މިހާރު ނުދޭ އެއްވެސް އެލަވަންސެއް މި އަހަރު ތެރޭގައި އަލަށް ދޭން ނުފަށަންވެސް ވަނީ އަންގައިފައެވެ.

ކުންފުނީގެ ހަރަދުގައި ރާއްޖެއިން ބޭރަށް ކުރަން ޖެހޭ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމާއި އަދި ރާއްޖޭން ބޭރަށް ދަތުރު ކުރުމުގައި ކުންފުނިތަކުގެ އިސްވެރިންގެ ދަތުރުފަތުރުތައް ހަމަޖެއްސުމުގެ އުސޫލަށް އަމަލުކުރުމަށް ސާކިއުލާގައި ބުނެފައިވެއެވެ.

އަދި މި އަހަރު ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ނޫނީ ނުކުރުމަށާއި ކާޕެޓް ބަދަލު ކުރުމާއި ޕާޓިޝަން ޖެހުން ފަދަ މަސައްކަތްތަކަށް ކުރާ ހަރަދު ކުޑަ ކުރުން ވެސް ހިމެނެއެވެ.

https://sun.mv/131101

ފިނޭންސުން ވަނީ، ގައުމީ ފެންވަރުގައި ފާހަގަކުރަންޖެހޭ ދުވަސްތައް ފިޔަވައި ކުންފުނީގެ ބަޖެޓުން ހަރަދު ކޮށްގެން ފާހަގަނުކުރުމަށާއި، ކުންފުނީގެ އަހަރީ ދުވަސްވެސް ފާހަގަ ނުކުރުމަށާއި ފޯނާއި އިންޓަނެޓާއި ފެން އަދި މިނޫންވެސް އޮފީސް ހިންގުމުގެ ހަރަދުތައް ވީހާވެސް ހަރަދު ކުޑަކޮށް ހަމަޖެއްސުމަށް އަންގާފައެވެ.

އިތުރު ފިޔަވަޅު ތަކުގެ ތެރޭގައި އޮފީހުގައި ކަރަންޓު ބޭނުންކުރާ މެޝިނަރީތައް ބޭނުންނުކުރާ ވަގުތުތަކުގައި ނިއްވާލާފައި ބެހެއްޓުމަށާއި އެތެރޭގެ މުއާމަލާތްތަކަށް ވީހާވެސް މަދުން ކަރުދާސް ބޭނުން ކުރުމަށާއި ކުންފުނިން ދެމުންގެންދާ ހިދުމަތްތައް މެދުނުކެނޑި ދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކެޕިޓަލް ހަރަދުތައް ފިޔަވައި ހުރިހާ ކެޕިޓަލް ހަރަދެއް ހުއްޓާލުން ހިމެނެއެވެ.

އަދި މުވައްޒަފުންގެ އޯވާޓައިމް ލިމިޓްކުރުމަށްވެސް އަންގައިފައިވެއެވެ.

ކޮރޯނާ ވައިރަސް ފެތުރެމުން ދިޔުމާ ގުޅިގެން ރާއްޖެއާއި ޗައިނާއާ ދެމެދު ކުރާ ސީދާ ވައިގެ ދަތުރުތައް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފައެވެ. އަދި ޗައިނާއިން ސީދާ ރާއްޖެއަށް މީހުން އެތެރެވުން ވެސް ވަނީ މަނާކޮށްފަ އެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމަށް ވާއިރު، މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އަސަރު ކުރާނެތީ ދައުލަތުގެ މުއައްސަސާތަކުން އާ ވަޒީފާތައް އުފެއްދުމާއި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ރާއްޖެއިން ބޭރަށް ނުކުރުމަށް، ފިނޭންސުން ވަނީ އަންގައިފައެވެ.

comment ކޮމެންޓް