ގެއްލުނު ލޯންޗު ފެނިއްޖެ، އެންމެންގެ ހާލު ރަނގަޅު

ގެއްލިގެން ހޯދަމުން ދިޔަ ލޯންޗު އަދި ކޯސްޓްގާޑުގެ އުޅަނދު --- ފޮޓޯ/ އެމްއެންޑީއެފް

ގދ. ފިޔޯރީން ނައްޓާލައިގެން އައްޑޫ ސިޓީއަށް ދަތުރުކުރަނިކޮށް ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ލޯންޗު ފެނިއްޖެއެވެ. ލޯންޗު ފެނުނީ މިއަދު ފަތިހުއެވެ.

ފިޔޯރީން ގަނެގެން އައްޑޫ ސިޓީއަށް ގެންދިޔަ "މިހޯ ޕެލަސް" ނަމަކަށް ކިޔާ ލޯންޗު އިއްޔެ އިރުއޮއްސުނު ވަގުތު ފުރި ފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ ރޭ 10:33 ހާއިރުއެވެ.

ހަތަރު ދިވެހީންނާއެކު ދަތުރުކުރި މި ލޯންޗާ ރޭ މެންދަމު 12:05 ހާ އިރު ގުޅުނު ކަމަށާއި ނަމަވެސް ރޭންޖު ކެނޑުނުކަމަށް އެމްއެމްޑީއެފުން ބުންޏެވެ.

މި ލޯންޗު ހޯދުމަށް ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓިން ކްރާފްޓް (އެފްއައިސީ) ދޮށިމޭނާ އައްޑޫ ސިޓީގެ ކޯއްޓޭ ސަރަހައްދު ބަލަމުން ދަނިކޮށް، ލޯންޗު ފެނިފައިވަނީ ފަތިިހު 4:00 ހާއިރު، އެ ސިޓީގެ ކަނޑިހެރައިގެ އުތުރުން 15 މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ

އަދި އޭގައި ތިބި ހަތަރު ދިވެހީންގެ ވެސް ހާލު ރަނގަޅުކަމަށާއި، މިހާރު އެ ލޯންޗު އައްޑޫ ސިޓީ ހިތަދޫއަށް ގެންދެވިފައިވާކަމަށް ބުންޏެވެ.

comment ކޮމެންޓް