މާފުށީގައި އަންހެން ފަތުރުވެރިއަކު ހައްޔަރު ކުރި ގޮތުން ސީޕީ މައާފަށް އެދިވަޑައިގެންފި

ސީޕީ މުހައްމަދު ހަމީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ ކ. މާފުށީގައި މިއަދު އަންހެން ފަތުރުވެރިއަކު ހައްޔަރު ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް އިއުތުރާފްވެވަޑައިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މައާފަށް އެދިވަޑައިގެންފި އެވެ.

ފުލުހުން ބުނީ ކ. މާފުށިން އަންހެން ފަތުރުވެރިޔަކު ހައްޔަރު ކުރަން ޖެހުނީ، މަސްތުގެ ހާލުގައި ނިވާކަން ކުޑަ ގޮތަކަށް އެ ރަށުތެރޭގައި އުޅެމުންދާ ކަމުގެ ޝަކުވާ ލިބުމުން ކަމަށެވެ.

"އޭނާ ހުއްޓުވަން މަސައްކަތް ކުރި ވަގުތު ނުކިޔަމަންތެރިކަން ދެއްކުމުން އެނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ބިޑި އަޅުވައިގެން،" ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅިގެން ސީޕީ ހަމީދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ފަތުރުވެރިއާ މެދު ފުލުހުން އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެކަމަށް އެ ފަތުރުވެރިއާގެ އިތުރުން އާންމުންގެ ފަރާތުން ވެސް މައާފަށް އެދޭ ކަމަށެވެ.

އަންހެން ފަތުރުވެރިޔާ ހައްޔަރު ކުރާ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ. ބިކިނީގައި ހުރި އެ ފަތުރުވެރިޔާ ނުކިޔަމަންތެރިކަން ދެއްކުމުން ތިން ފިރިހެން ފުލުހުން ވެގެން ފަތުރުވެރިޔާ ފަހަތަށް ބިޑި އަޅުވައި ހައްޔަރު ކޮށްގެން ގެންދާ މަންޒަރު ފެނެއެވެ. އަދި އޭނާ ކައިރީގައި އިތުރު ފިރިހެން ފަތުރުވެރިއަކު ކިޔަމަންތެރިކަމާއި އެކު ހުންނަ މަންޒަރު ވެސް ފެނެއެވެ.

ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފިރިހެން ފުލުހުން ހަރަކާތްތެރިވެފައިވަނީ އަންހެން ފުލުހުން އެ ރަށުގައި ނެތުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެފަދަ ހާދިސާއެއްގައި އެއަށް ވުރެން ރަނގަޅަށް އަމަލު ކުރެވޭނެ ކަމަށް ދެކޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"މި ހާދިސާ ހިނގައިދިޔަ ގޮތް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑްގެ ފަރާތުން ދަނީ ހަރަކާތްތެރިވަމުން،" އިޒްމިއާ ވިދާޅުވި އެވެ.

މިއަދު އިރިއޮއްސުނުއިރު ހައްޔަރުކުރި އެ ފަތުރުވެރިޔާ މިރޭ 7:10 ގައި ވަނީ ފުލުހުން ދޫކޮށްލާފަ އެވެ.

comment ކޮމެންޓް