ގްރީންސްޓްރީޓުން ސުޒޭން ދޫކޮށްލައިފި، އޭނާ އަކަށް އެކަމެއް ނޭނގެ

ގްރީންސްޓްރީޓްސްގެ ކޯޗުކަށް ހުރި އަލީ ސުޒޭން --- ފޮޓޯ// އެފްއޭއެމް

މިފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ހަތަރު ވަނަ ހޯދި ގްރީންސްޓްރީޓްސްއިން އެ ޓީމުގެ ކޯޗު އަލީ ސުޒޭން ދޫކޮށްލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

ގްރީންސްޓްރީޓްސްގެ ކޯޗަކަށް ވޭތުވެ ދިޔަ ދެ ސީޒަނުގައި ވެސް މަސައްކަތް ކުރި ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗު ކަމަށްވާ އަލީ ސުޒެއިނަށް ރިލީޒް ދީފައިވާ ކަމަށް އެ ކުލަބުގެ އޮފިޝަލް ޓްވިޓާގައި މިއަދުގެ ހަވީރުގެ ވަގުތެއްގައި ވަނީ ބުނެފަ އެވެ.

ގްރީން ސްޓްރީޓްސް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމަށްފަހު 2018 ވަނަ އަހަރުގެ ފެބްރުއަރީގައި އެކުލަބުގެ ކޯޗުކަމާއި ސުޒެއިން ހަވާލުވުމަށްފަހު ފުރަތަމަ ސީޒަނުގައި އެ ކުލަބުން ލީގު ނިންމާލީ ތާވަލުގެ ފަސްވަނައިގަ އެވެ. ނަމަވެސް ޓީމު ވަރުގަދަކޮށް މިދިޔަ ސީޒަން އެ ޓީމުން ތަށްޓަށް އަމާޒުކޮށްގެން ނުކުމެ މޮޅު ކުޅުމެއް ވަނީ ދައްކައިފަ އެވެ. އެކަމަކު ސީޒަނުގެ މެދަކާ ހަމައިން ޓީމުގެ މާލީ ހާލަތު ދަށްވެ މުހިއްމު ކުޅުންތެރިންތަކެއް ޓީމު ދޫކޮށްލުމާ ގުޅިގެން ލީގުގެ ފަހު ބުރަށް އަޅާލި އިރު ހާލަތު ވަނީ ބަދަލުވެފަ އެވެ.

"ޓީމުގެ މެނޭޖްމެންޓާއި ކޯޗާއި ދެމެދުގައި ވާހަކަ ދެކެވުމަށްފަހު ޓީމުގެ ހެޑް ކޯޗުގެ މަގާމުން އަލީ ސުޒެއިންއަށް ރިލީޒް ދޭން ވަނީ ނިންމާފަ. ސުޒެއިންގެ އިރުޝާދާ އެކު މި ކުލަބު ވަނީ ރާއްޖޭގެ ފުޓުބޯޅައިގެ ގަދަ ބާރަކަށް ވެފައި. އަދި އޭނާ ވަނީ މިދިޔަ ސީޒަނުގައި ކުލަބު ތާވަލުގެ ހަތަރު ވަނައިގައި ނިންމާލުމަށް އެހީތެރިވެފަ. ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭ ޓީމަށާއި ކުޅުންތެރިންނަށް ހޯދައިދިން ކުރިއެރުމަށް ޝުކުރު ދަންނަވަން،" ގްރީންސްޓްރީޓުން މިއަދު ކުރި ޓްވީޓުގައި ބުނެފައިވެއެވެ.

ގްރީންސްޓްރީޓުގެ އޮފިޝަލް ޓްވިޓާ އެކައުންޓާއި އޮފިޝަލް ވައިބާ ގުރޫޕުގައި ސުޒެއިން ޓީމުން ވަކިވިކަން އިއުލާން ކުރި ނަމަވެސް "ސަން" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ޓީމުން އެކަހަލަ ނިންމުމެއް ނިންމިކަން ނޭނގޭ ކަމަށެވެ.

"އަދި އަޅުގަނޑަށް ގްރީންސްޓްރީޓަކުން ނާންގާ ތިކަހަލަ ވާހަކައެއް. ރަސްމީކޮށް އެކަހަލަ ނިންމުމެއް ނިންމި ކަމެއް އެނގިފައެއް ނެތް،" ސުޒެއިން ބުންޏެވެ.

ވިކްޓަރީ އަށް ގިނަ ދުވަސްތަކެއްގައި ކުޅެ އަދި ވެލެންސިއާގައި ވެސް ދުވަސްތަކެއް ހޭދަކުރި ސުޒޭން ކޯޗިން ފަށާފައިވަނީ ވިކްޓަރީގެ ބެންޗުންނެވެ. އެ ޓީމަށް އެކި ގޮތްގޮތުން އިރުޝާދު ދިނުމުގައި 10 ވަރަކަށް އަހަރު ހޭދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނެވެ. ވިކްޓަރީން 2012 ވަނަ އަހަރު އިސްތިއުފާ ދިނުމަށް ފަހު އެފްއޭއެމްގައި މަސައްކަތްކުރިއިރު، އެނބުރި ކޯޗިންގެ ތެރެއަށް ވަނީ 2014 ވަނަ އަހަރު މާޒިޔާ އިންނެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގައި ކާމިޔާބު ސީޒަންތަކެއް ހޭދަކޮށްފައިވާ ސުޒެއިން ވަނީ ގައުމީ ފުޓުބޯޅަ ޓީމުގެ ޑިރެކްޓަރުކަމާއި މެނޭޖަރުކަންވެސް ކޮށްފައެވެ. އަދި ކުޅުންތެރިން ބިނާކުރުމަށް އެކި ގޮތްގޮތުން ސުޒެއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެެވެ. އެގޮތުން އޭނާ ވަނީ ކޯޗެއްގެ ގޮތުގައި 10 ތަށި ހޯދައިފަ އެވެ.

comment ކޮމެންޓް