ދީނުގެ ނަމުގައި އަނިޔާވެރިވުމަށް ޖާގައެއް ނެތް، ފިޔަވަޅު އަޅާނަން: ޕީޖީ

ޕީޖީ ޝަމީމް -- ސަން ފައިލް ފޮޓޯ

އިސްލާމްދީނުގެ ނަމުގައި އަނިޔާވެރިވުމާއި މީހުންނަށް ހަމަލާ ދިނުމަށް މި ދިވެހި އިސްލާމީ މުޖުތަމައުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވެފައި މިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލައާ ގުޅިގެންނެވެ.

ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ޓޫރިސްޓުންނަށް އަމާޒުކޮށް ދިން ކަމަށް ބެލެވޭ އެ ހަމަލާގައި ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލީ ޗައިނާގެ ދެ ފިރިހެނަކާއި އޮސްޓްރޭލިއާގެ މީހެކެވެ. އެ މީހުންގެ ހާލު މިހާރު ރަނގަޅު އިރު، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ވާގިވެރިވާ ޓެލެގްރާމް ޗެނަލެއްގައި އެ ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެ، ބަޔަކު ވާހަކަ ދައްކާ ވީޑިއޯއެއް ރޭ ވަނީ އާންމުކޮށްފަ އެވެ.

އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ، މޫނު ނިވާކޮށްގެން ތިބޭ ތިން މީހެކެވެ. އޭގެ ތެރެއިން އެ ވީޑިއޯގައި ވާހަކަ ދައްކަނީ މެދުގައި ހުންނަ މީހާ އެކަންޏެވެ. އޭނާ ވާހަކަ ދައްކަމުން ބުނެފައި ވަނީ، އެ ހަމަލާގެ މަގުސަދަކީ ރާއްޖެއަކީ ކާފަރުންނަށް ސުވަރުގެއެއް ކަމަށް ހީވެފައި އޮންނަ ހީވުން ބަދަލުކޮށްލުން ކަމަށެވެ. ދިވެހި އަދި އަރަބި އިނގިރޭސި ބަހުން ވާހަކަ ދައްކަމުން އޭނާ ވަނީ، ޖިހާދު ކުރުމާ ގުޅޭގޮތުންވެސް ވާހަކަދައްކައި އިންޒާރުދީފަ އެވެ.

މި މައްސަލައާ ގުޅިގެން ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި، އަނިޔާވެރިވެ، މީހުންނަށް ހަމާލާ ދީ ހެދުމަކީ އިސްލާމް ދީނާ ބީރައްޓެހި ކަމެއް ކަމަށެވެ.

އަދި އެފަދަ ކަންކަމަށް ދިވެހި އިސްލާމީ މުޖްތަމައުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި ޖިިނާއީ އަދުލުގެ ނިޒާމުން، އެމީސްމީހުންނާމެދު ފިޔަވަޅު އަޅައި، އަމަން އަމާންކަން ގާއިމުކޮށްދެއްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޓޫރިސްޓުންނަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައ ހުޅުމާލޭ މަގުމަތިން ދިޔަ އެ ޓޫރިސްޓުންނަށް ހަމަލާދިނީ ހެލްމެޓް އަޅައި މޫނު ފޮރުވައިގެން ތިބި ބައެކެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު އާންމުކޮށްފައިވާ ވީޑިއޯގެ ސައްހަކަން ބަލަމުން އަންނަ ކަމަށާއި ގުޅުން ހުރި އެހެން އިދާރާތަކާ އެކު ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ވީޑިއޯއާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ، ދިވެހިންނާއި ރާއްޖޭގައި އުޅެމުންދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ފުލުހުން ކުރަމުންދާނެކަމުގެ ޔަގީންކަން އާންމުންނަށް ދޭ ކަމަށެވެ.

comment ކޮމެންޓް