އިސްތިއުފާ ދިނީ އިހުމާލު އޮވެގެން ނޫން: ޝިދާތާ

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މަގާމުން އިސްތިއުފާ ދެއްވީ މިހާރު ފެންމަތިވަމުން އަންނަ މައްސަލަތަކުގައި އިހުމާލެއް އޮތުމުން ނޫން ކަމަށާއި ނަމަވެސް، އެ މައްސަލަތަކުގެ ސަބަބުން ރައްޔިތުން ސަރުކާރާއި ޖެންޑާ މިނިސްޓްރީގެ މައްޗަށް ކުރާ އިތުބާރު ކުޑަވެދާނެތީ މި ވަގުތަށް އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީ ކަމަށް ގަބޫލުކުރައްވާތީ ކަމަށް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިދާތާ މިއަދު ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ، އޭނާ މިނިސްޓަރުކަމުގައި ބަހައްޓަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ ފާސްކޮށްފައި ވަނިކޮށެވެ.

އެމްޑީޕީ ޕީޖީން އެގޮތަށް ފާސްކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކެއް ކުރެވޭ އަހުމަދު ހިޝާންއަށް، "އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން" މި ސަރުކާރުގައި ދިންއިރު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ޖެންޑާ މިނިސްޓްރީއަށް އެނގި ހުރެ އެކަން ސިއްރުކޮށްފައިވާކަން ހާމަވުމާ ގުޅިގެންނެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މިއަދު ނެރުއްވި ބަޔާނެއްގައި ޝިދާތާ ވިދާޅުވީ ވޭތުވެދިޔަ 10 ވަރަކަށް އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހު އިންތިހާއަށް ހަލަބޮލިވެ، އިޖްތިމާއީ ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކާނެ ފުރުސަތު ނުލިބި އޮތް އޮތުން ނިމުމަކަށް އައިސް، ކުރިން ހިނގަމުން އައި އެހެން ނަމަވެސް އޭރުގެ ސަރުކާރާއި ރައްޔިތުންގެވެސް ސަމާލުކަން ނުލިބިހުރި މައްސަލަތައް މިހާރު އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.

މަގާމުން އިސްތިއުފާ ދެއްވީ އެ މައްސަލަތައް އިތުރުވުމުގެ ސަބަބުން ރައްޔިތުން ސަރުކާރާއި މިނިސްޓްރީގެ މައްޗަށް ކުރާ އިތުބާރު ކުޑަވެދާނެތީ މި ވަގުތު އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީ ކަމަށް ގަބޫލުކުރައްވާތީ ކަމަށް ބަޔާނުގައިވެއެވެ.

"ނަމަވެސް އަޅުގަނޑު މި ނިންމުން މި ނިންމީ މި ދުވަސްވަރު ފެންމަތިވެފައިވާ އަދި ފެންމަތިވަމުން އަންނަ މައްސަލަތަކުގައި އަޅުގަނޑާއި އަޅުގަނޑާއެކު މަސައްކަތް ކުރެއްވި ޓީމުގެ އިހުމާލެއް ނުވާނެ ކަމާއި އެފަދަ އިހުމާލެއް ނެތްކަން އެކިއެކި ތަހުގީގުތަކާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ހޯދުންތަކުން ކުރިއަށް އޮތްތަނުގައި ވެސް ހާމަވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތުމާވެސް އެކުގައެވެ." ބަޔާނުގައި ޝިދާތާ ވިދާޅުވެފައިވެއެވެ.

ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ނަމަވެސް ކުރިއެކޭ އެއްގޮތަށް ސިޔާސީ ދާއިރާގައި ދިވެހި ގައުމާއި ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމިހުންނަވާނެކަމުގެ ޔަގީންކަން ޝިދާތާ ވަނީ ދެއްވައިފައެވެ.

"އަދި އަދާލަތު ޕާޓީ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ޕާޓީގެ އާންމު މެމްބަރުންނާއެކު ދެމިހުންނާނެ ކަންވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ. އަދި އަދާލަތު ޕާޓީގެ ސްޓޭންޑާ އެއްގޮތަށް ސަރުކާރު ހިންގާ ކޯލިޝަނާއި ރައީސަށް އަޅުގަނޑުގެ ފުރިހަމަ ތާއީދު އޮތް ވާހަކަވެސް ދަންނަވަމެވެ." ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ ޖެންޑާ މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބުމަކީ ލިބުނު ނުހަނު ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.

ޝިދާތާ ވިދާޅުވީ ވަޒީރުކަމުގެ ހުވާކުރެއްވި ދުވަހުން ފެށިގެން އިސްތިއުފާ ދެއްވުމާ ހަމައަށް ވެސް މަސައްކަތް ކުރައްވާފައި ވާނީ އޭނާއަށް ލިބިފައިވާ އިލްމާއި ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ މަތީ ދަރަޖައަކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކެބިނެޓުން އަރުވަމުން ދިޔަ މަޝްވަރާއާއެކު ހަރުދަނާ ގޮތެއްގައި ވުޒާރާ ހިންގުމަށް ކަމަށެވެ.

"ބޮޑެތި ގޮންޖެހުންތަކާ އެކުވެސް ފާއިތުވި އަހަރެއްހާ ދުވަހުގެ މުއްދަތުގައި ކުޑަކުދިންނާއި އަންހެނުންނާ އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހާލަތު ރަނގަޅު ކުރުމަށާއި ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމުގައި ގިނަ ކާމިޔާބީތަކެއް ހޯދިފައިވާކަން އުފަލާއެކު ފާހަގަކުރަމެވެ." ބަޔާނުގައިވެއެވެ.

ޝިދާތާ ވިދާޅުވީ އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދިވެހި އަންހެނުންނާއި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދިމާވަމުންދާ ބޮޑެތި މައްސަލަތައް ހުރުމާއެކު ވެސް އެފަދަ ކަންކަމާ މީގެކުރިން އަޅާލެވިފައިނުވާ މިންވަރަށް އަޅާލެވި ދެމެހެއްޓެނިވި ހައްލުތައް ހޯދުމުގެ މަސައްކަތް ފެށިފައިވުން ކަމަށެވެ.

އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ފަށާފައިވާ މަސައްކަތްތަކާޢެކު ކުރިއަށް އަޮތްތަނުގައި މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ޖެންޑާ މިނިސްޓްރީ ހިންގި، ރާއްޖޭގެ އަންހެނުންނާއި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަދި މިނިސްޓްރީއާމެދު ދައުލަތާއި ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޝިދާތާ ވަނީ ވިދާޅުވެފައެވެ.

"ވޭތުވެދިޔަ މުއްދަތުގައި ސަރުކާރާއި މިނިވަން މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއި އަދި އަމިއްލަ ވަކިވަކި ފަރުދުންގެ ފަރާތުން އަޅުގަނޑަށް ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ. އަދި ވަކިން ހާއްސަކޮށް މިނިސްޓްރީގައި އަޅުގަނޑާއެކު މަސައްކަތް ކުރެއްވި މުވައްޒަފުން ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމެވެ." ޝިދާތާ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް