ޝިދާތާގެ ތަރި ސިޔާސީ އުދަރެހުން އޮއްސެން ގާތްވެސް ނުވޭ: އިމްރާން

އަދާލަތު ޕާޓީގެ މެމްބަރު ޝިދާތާ ޝަރީފް، މީގެ ކުރިން ބޭއްވި ސިޔާސީ ހަރަކާތެއްގައި -- ސަންފޮޓޯ/ ޔޫސުފް ސޮފްއާން

ޖެންޑާ މިނިސްޓަރ ކަމުން އިސްތިއުފާ ދެއްވި ޝިދާތާ ޝަރީފުގެ ތަރު ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން އަދި ގާތްވެސް ނުވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހާއި އާންމުންގެ ފާޑުކިޔުންތަކާއެކު ޝިދާތާ މިއަދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެކަމާ ގުޅިގެން ޝީދާތާ ނިސްބަތްވާ އަދާލަތު ޕާޓީގެ ރައީސްކަން ކުރައްވާ އިމްރާން މިއަދު ކުރެއްވި ޓްވީޓުގައި ވަނީ ޝިދާތާއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. އިމްރާން ވިދާޅުވީ، ޝިދާތާއަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އުފެދުނު ހިތްވަރުގަދަ ކަނބަލެއް ކަމަށެވެ. އަދާލާތު ޕާޓީގެ މުގޫއަކީވެސް ޝިދާތާ ކަމަށާއި އެ ޕާޓީއަށާއި އޭނާ ކުރެއްވި މަސައްކަތް އަގު ނުކުވެރެވޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ﷲ ގެ ވާގިފުޅާއެކު ޝިދާތާގެ ތަރި ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން ގާތްވެސް ނުވޭ! ސިޔާސީ ހަރަކާތުގައި ޝިދާތާއަކީ އަދާލަތު ޕާޓީގެ އެއް މުގޫ،" އިމްރާން ވިދާޅުވިއެވެެ.

"އޭޕީއަށާއި ހުދު އަޅުގަނޑަށް އެކަމަނާ ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި ވެވަޑައިގެންނެވި ގުރުބާނީ މިންކުރެވޭވަރަށްވުރެ ބޮޑު. އަދި އެއީ ގެއްލިގެން ދާނެ ކަމެއްވެސް ނޫން އިންޝާﷲ."

ޝިދާތާ މިއަދު އިސްތިއުފާ ދެއްވި އިރު، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އިއްޔެ ވަނީ ޝިދާތާ މަގާމުގައި ބެހެއްޓުމަށް ނުފެންނަ ކަމަށް ނިންމާފައެވެ.

އެމްޑީޕީން ޕީޖީން އޭނާގެ މަގާމުގައި ބެހެއްޓުމަށް ނުފެންނަކަމަށް ނިންމީ ޖިންސީ އަނިޔާ ކުރުމުގެ ތުހުމަތުތަކެއް ކުރެވޭ އަހުމަދު ހިޝާންއަށް، "އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން" މި ސަރުކާރުގައި ދިންއިރު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ޖެންޑާ މިނިސްޓްރީއަށް އެނގި ހުރެ އެކަން ސިއްރުކޮށްފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކާ އެކުއެވެ. އެކަމާ ގުޅިގެން އިއްޔެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހެޅިއެވެ.

ކުއްލި މައްސަލައިގައި ބަހުސްގައި ވެސް އެމްޑީޕީގެ ހުރިހާ މެންބަރުންހެން ވަނީ ޝިދާތާ ވަގުތުން އިސްތިއުފާދެއްވުމަށް ގޮވާލައިފައެވެ. އަދި އިސްތިއުފާ ނުދީފިނަމަ، މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރާނެކަމަށްވެސް ބައެއް މެންބަރުން އިއްޔެ ވިދާޅުވިއެވެ.

އޭގެ އިތުރުން، ދާދި ފަހުން، ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުވެސް ނުވާ ކުއްޖަކަށް، އޭނާގެ ކާފައާއި މުނިކާފަ ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މައްސަލައިގައި ޖެންޑާއިން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާކަމަށް ބުނެވެސް ޝިދާތާއަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ޝިދާތާ އިސްތިއުފާ ދެއްވުމާއެކު މިއަދު ރައިސުލްޖުމްހޫރިއްޔާ ވަނީ އެމަގާމަށް އިންޑިއާގައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީ އަޔަންކޮށްފައެވެ. އޭނާއަކީ ކުރިން ރައީސް މައުމޫން ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

comment ކޮމެންޓް