މިނިސްޓަރު ޝިދާތާ އިސްތިއުފާ ދެއްވަން ނިންމަވައިފި

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވަނީ --- ފޮޓޯ/ މަޖިލިސް

ޖެންޑާ މިނިސްޓަރު، ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

އޭނާ މިއަދު ވަނީ އެކަން މުވައްޒަފުންނާ ހިއްސާ ކުރައްވާފައިކަން "ސަން"އަށް ވަނީ ކަށަވަރުވެފަ އެވެ. އެނގިފައިވާ ގޮތުގައި ޝިދާތާ އިސްތިއުފާ ދެއްވަން ނިންމަވާ، މިނިސްޓްރީގެ މުވައްޒަފުންނާ އެކު މިއަދު ހެނދުނު ވަނީ ބައްދަލުވުމެއް ބާއްވަވައިފަ އެވެ.

ޝިދާތާ އިސްތިއުފާ މި ދެއްވަނީ، ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ ތުހުމަތުތަކެއް ކުރެވޭ ދަރުމަވެރިޔާ އަހުމަދު ހިޝާންއަށް، "އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން" މި ސަރުކާރުގައި ދިންއިރު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ޖެންޑާ މިނިސްޓްރީއަށް އެނގި ހުރެ އެކަން ސިއްރުކޮށްފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކާ އެކު އެވެ.

އެ މައްސަލަ ހޫނުވެ، ޝިދާތާ މިނިސްޓަރު ކަމުގައި ހުންނަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ އިއްތިފާގުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ހިޝާންގެ މައްސަލައިގައި މަޖިލީހަށް އިއްޔެ ހުށަހެޅި ކުއްލި މައްސަލައިގައި ބަހުސްގައި ވެސް އެމްޑީޕީގެ ހުރިހާ މެންބަރުންހެން ވަނީ ޝިދާތާ ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފަ އެވެ. އަދި އިސްތިއުފާ ނުދީފި ނަމަ، މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރާނެ ކަމަށް ވެސް ބައެއް މެންބަރުން އިއްޔެ ވިދާޅުވި އެވެ.

މީގެ އިތުރުން، މިފަހުން ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުވެސް ނުވާ ކުއްޖަކަށް، އޭނާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މައްސަލައިގައި ޖެންޑާއިން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ، މިނިސްޓަރު ޝިދާތާއަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

އެ މުޒާހަރާތަކުގެ ތެރެއިން މިނިސްޓަރު ޝިދާތާގެ އިސްތިއުފާއަށް ގޮވާލުމުން އޭނާ ވިދާޅުވެފައި ވަނީ، އޭނާ އިސްތިއުފާ ދީގެން ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރާއްޖޭގައި ހުއްޓޭނ ެކަމުގެ ޔަގީކަން ދޭ ނަމަ، އޭނާ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

comment ކޮމެންޓް