ޓޫރިސްޓުންނަށް ހަމަލާދިން މައްސަލައިގައި ތިންވަނަ މީހަކު ހައްޔަރުކޮށްފި

މީގެ ކުރިން ހުޅުމާލޭގައި ހިނގި ހާދިސާއަކަށްފަހު ފުލުހުންގެ ޓޭޕް ދަމާފައި - ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ތިން ޓޫރިސްޓަކަށް ހަމަލާދީ ޒަހަމްކޮށްލުމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ ތިންވަނަ މީހަކު ހައްޔަރުކޮށްފިއެވެ.

ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ޓޫރިސްޓުންނަށް އަމާޒުކޮށް ދިން ކަމަށް ބެލެވޭ އެ ހަމަލާގައި ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލީ ޗައިނާގެ ދެ ފިރިހެނަކާއި އޮސްޓްރޭލިއާގެ މީހެކެވެ. އެ މީހުންގެ ހާލު މިހާރު ރަނގަޅު އިރު، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ފުލުހުން އިނގިރޭސިބަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިން މީހުންވެސް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބޭ ވަރަކުން ހާމަކުރާނެ ކަމަށެވެ.

މި ތިން މީހުންގެ ތެރެއިން ފުރަތަމަ ދެ މީހުން ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ މިއަދު ހެނދުނު 7:50 ހާ އިރު ކުރި ޓްވީޓެއްގައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައ ހުޅުމާލޭ މަގުމަތިން ދިޔަ އެ ޓޫރިސްޓުންނަށް ހަމަލާދިނީ ހެލްމެޓް އަޅައި މޫނު ފޮރުވައިގެން ތިބި ބައެކެވެ.

ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ވާގިވެރިވާ ޓެލެގްރާމް ޗެނަލެއްގައި އެ ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެ، ބަޔަކު ވާހަކަ ދައްކާ ވީޑިއޯއެއް ރޭ ވަނީ އާންމުކޮށްފަ އެވެ. ފުލުހުން ބުނެފައި ވަނީ އެ ވީޑިއޯގެ ސައްހަކަން މިހާރު ބަލަމުން އަންނަ ކަމަށާއި ގުޅުން ހުރި އެހެން އިދާރާތަކާ އެކު ތަހުގީގު ކުރިއަށްދާ ކަމަށެވެ.

އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ، މޫނު ނިވާކޮށްގެން ތިބޭ ތިން މީހެކެވެ. އޭގެ ތެރެއިން އެ ވީޑިއޯގައި ވާހަކަ ދައްކަނީ މެދުގައި ހުންނަ މީހާ އެކަންޏެވެ. އޭނާ ވާހަކަ ދައްކަމުން ބުނެފައި ވަނީ، އެ ހަމަލާގެ މަގުސަދަކީ ރާއްޖެއަކީ ކާފަރުންނަށް ސުވަރުގެއެއް ކަމަށް ހީވެފައި އޮންނަ ހީވުން ބަދަލުކޮށްލުން ކަމަށެވެ. ދިވެހި އަދި އަރަބި އިނގިރޭސި ބަހުން ވާހަކަ ދައްކަމުން އޭނާ ވަނީ، ޖިހާދު ކުރުމާ ގުޅޭގޮތުންވެސް ވާހަކަދައްކައި އިންޒާރުދީފަ އެވެ.

އެ ވީޑިއޯއާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ، ދިވެހިންނާއި ރާއްޖޭގައި އުޅެމުންދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ފުލުހުން ކުރަމުންދާނެކަމުގެ ޔަގީންކަން އާންމުންނަށް ދޭ ކަމަށެވެ.

ރޭ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީން އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މުދަލާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށެވެ.

އަދި ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާކޮށް، ގޮންޖެހުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް