ނޫމަޑިން ނުނިންމާ ހުރި ހައުސިން މަސައްކަތްތައް ބީލަމަށް

ހދ. ނޮޅިވަރަންފަރުގައި ފްލެޓު ހަދަން ކަނޑައަޅާފައިވާ ސަރަހައްދުގައި، ހައުސިންގް މިނިސްޓްރީގެ ޓީމެއް ހަރަކާތްތެރިވަނީ --- ފޮޓޯ/ މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް

ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސެސްއިން ރާއްޖޭގެ ހަތަރު ރަށެއްގައި ފަށައި، ނުނިންމާ ހުރި ހައުސިންގް މަސައްކަތްތައް އަލުން ފެށުމަށްޓަކައި ބީލަމަށް ލައިފި އެވެ.

މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ބީލަން ހުށަހެޅުމަށް އަލުން ހުޅުވާލާފައިވަނީ ނޫމަޑީގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުޅުދުއްފުށީގައި އަޅާ ޔުނިޓުތަކަކާއި ދެވަނަ ފިޔަވަހީގެ ދަށުން ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު އަދި ތ. ވިލުފުށީގައި އަޅާ ހައުސިންގް ޔުނިޓުތައް ކަމަށެވެ.

ހައުސިންގް މިނިސްޓްރީން ބުނީ ހދ. ކުޅުދުއްފުށީގައި ބީލަމަށް ހުޅުވާލީ ނޫމަޑީގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިމާރާތްކުރަން ހަމަޖެހިފައިވާ 140 ޔުނިޓުގެ ތެރެއިން ނުނިމި ހުރި 100 ޔުނިޓާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެރަށުގައި އިމާރާތްކުރަން ފެށި 25 ޔުނިޓުގެ ތެރެއިން ނުނިމި ހުރި ފަސް ޔުނިޓުގެ މަސައްކަތްތަށް ކަމަށެވެ.

ނޫމަޑީގެ ދެވަނަ ފިޔަވަހީގެ ދަށުން ހދ. ހަނިމާދޫގައި އަޅާ 100 ހައުސިންގް ޔުނިޓުގެ މަސައްކަތްވެސް ނިންމުމަށް ބީލަމަށް ހުޅުވާލާފައިވާ އިރު، މީގެ ތެރެއިން 54 ޔުނިޓުގެ ކޮންކްރީޓު ސްޓްރަކްޗާގެ މަސައްކަތް ނިމިފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން ނޫމަޑީގެ ދެވަނަ ފިޔަވަހީގެ ދަށުން ހދ. ނޮޅިވަރަންފަރުގައި 100 ހައުސިންގް ޔުނިޓު، އަދި ތ. ވިލުފުށީގައި 100 ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތްވެސް ބީލަމަށް ހުޅުވަލާފައިވެ އެވެ. މި ދެ ރަށުގެ ތެރެއިން ތ. ވިލުފުށީގެ 100 ޔުނިޓުގެ ތެރެއިން 64 ޔުނިޓެއްގެ ކޮންކްރީޓު މަސައްކަތް އޮތީ، މަޝްރޫއު ޓާމިނޭޓު ކުރެވުނު އިރު ފަށާފައި ކަމަށް ހައުސިންގް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީއާއި ހދ. ހަނިމާދޫ އަދި ހދ. ނޮޅިވަރަންފަރުގައި ހަދާ ހައުސިންގް ޔުނިޓުތަކުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ އަންނަ މާޗުމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ.

ތ. ވިލުފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން އަޅާ ހައުސިންގް ޔުނިޓުތަކުގެ މަސައްކަތަށް ބީލަން ހުށަހަޅަން ހުޅުވާލާފައިވަނީ މާޗު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.

ނޫމަޑިއާ ހަވާލުކޮށް، ނުނިމި ހުރި މަސައްކަތުގެ ތެރެއިން ހަތަރު ރަށެއްގެ މަސައްކަތްތަކެއް އަލުން ފެށުމަށްޓަކައި ބީލަމަށް ހުށަހެޅި އިރު، ހދ. ނޮޅިވަރަންފަރުގައި ނޫމަޑީގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ދަށުން އިމާރާތްކުރަން ހަމަޖެހިފައިވާ 60 ހައުސިންގް ޔުނިޓުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މިހާރު ވަނީ އަލުން ފަށާފަ އެވެ. މި 60 ޔުނިޓަކީ ހދ. އަތޮޅު ކުނބުރުދޫ، ފަރިދޫ އަދި މާވައިދޫ މީހުންނަށް އަޅާއިދޭ ޔުނިޓުތަކެކެވެ.

މި މަސައްކަތްކުރުމަށް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިންގް އަދި މާރިސް ކޮންސްޓްރަކްޝަން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކަށް، 27.8 މިލިއަން ރުފިޔާއަށެވެ. މަޝްރޫއު ހަވާލުކުރީ 2019 މެއި 16 ވަނަ ދުވަހު، 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

comment ކޮމެންޓް