އުތުރުގެ ބައެއް ރަށްތަކަށް ލޮޅުމެއްގެ އަސަރުކޮށްފި

ރޭ ދަންވަރު އުތުރުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއްގެ އިހުސާސް ކުރެވިފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ރޭ ދަންވަރު އުތުރުގެ ބައެއް އަތޮޅުތަކުން ބިންގަނޑަށް ލޮޅުމެއް އައިކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ.

އެގޮތުން ބެލި ބެލުމުން، ހދ. ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑުކުރާ މީޓަރަށް ރޭ ރާއްޖެ ގަޑިން ދަންވަރު 01:47 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަމަށް ރިކޯޑު ކުރެވިފައިވާ ކަމަށެވެ.

ލޮޅުމުގެ އަސަރުކޮށްފައި ވަނީ ހއ އަދި ހދ ގެ ރަށްތަކަށެވެ. ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހއ. ހޯރަފުށި ބިންގަނޑަށް ރޭ 1:45 ހާއިރު ލޮޅުމެއް އައިިކަމަށް އިހުސާސް ކުރެވިގެން ގިނަ ބަޔަކު ކަންބޮޑުވެގެން ގުޅި ކަމަށެވެ. އަދި އެވަގުތު މެޓް އޮފީހުން އެކަން ސާފުކުރެއްވި ކަމަށެވެ.

"އެހާއިރު އެ ސަރަހައްދަށް ސެއިސްމޮލޮޖިކަލް ވޭވް އެއް އައިކަމަށް އޮތީ ރެކޯޑު ކުރެވިފައި. އެހާ ސީރިއަސް ކަމެއް ނެތްކަމަށް ވަނީ،" މެމްބަރު ވިދާޅުވެފައިވެ އެވެ.

މެޓް އޮފީހުން ބުނީ އެއީ ބާރުމިން ބުނެދޭ ވަރަށް ވުރެ ދަށް ލޮޅުމެއް ކަމަށާއި، މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

comment ކޮމެންޓް