އެފްއޭއެމް އިންތިހާބު: ގްރީންސްޓްރީޓްސް އާއި ޓީސީ ވެސް ބައްސާމަށް ތާއީދު ކޮށްފި

ޓީސީއާއި ގްރީންސްޓްރީޓްސް ކުޅުނު މެޗެއްގެ ތެރެއިން --- އެފްއޭއެމް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް އޮތް 45 ދުވަސް ތެރޭގައި ބާއްވަން ނިންމާފައިވާ އެ އެސޯސިއޭޝަނުގެ އިންތިހާބުގައި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްއަށް ތާއިދު ކުރުމަށް ގްރީން ސްޓްރީޓްސްއާއި ޓީސީ ސްޕޯޓްސް ކުލަބުން ވެސް ނިންމައިފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު މި އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ހަމަވާ އިރު އޭގެ ކުރިން އެފްއޭއެމްގެ އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައި ބުނެފައިވެ އެވެ. އޭގެ ކުރިން ކޮންމެ ވަގުތެއްގައި ވެސް އެ އިންތިހާބު ބޭއްވިދާނެ ކަމަށް ބައްސާމް މީގެ ކުރިން ވެސް ބުނެފައިވާ އިރު އިއްޔެގެ ވަގުތެއްގައި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ.

އިއްޔެގެ ބައްދަލުވުމަކީ ބައްސާމްގެ އެދިލެއްވުމަކާ ގުޅިގެން އިންތިހާބު ބާއްވާނެ ދުވަހެއް ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމަކަށްވާ އިރު ކުރިއަށް އޮތް 45 ދުވަސް ތެރޭގައި އިންތިހާބު ބޭއްވުމަށް ހިންގާ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ބައްސާމުގެ ކުއްލި ނިންމުމާ އެކު ފުޓުބޯޅަ އާއިލާ އެލާޓަށް އައިސްފައި ވީ ނަމަވެސް އޭނާ ފިޔަވާ އިތުރު ބޭފުޅަކު މި އިންތިހާބުގައި ބައިވެރިވާނެ ކަމަށް އަދި ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ. ނަމަވެސް މި އިންތިހާބުގައި ބައިވެރިވެވޭ ކުލަބުތަކުގެ ތެރެއިން ތިން ކުލަބަކުން ވަނީ މިހާތަނަށް ބައްސާމަށް ތާއީދު ކުރާ ކަމަށް އިއުލާން ކޮށްފަ އެވެ. އެއީ މާޒިޔާއާއި ގްރީންސްޓްރީޓްސް އަދި ޓީސީ ސްޕޯޓްސް ކްލެބެވެ.

މާޒިޔާއިން ރޭ ކުރި ޓުވީޓެއްގައި ބައްސާމަށް ތާއިދު ކުރާ ކަމަށް ބުނި އިރު ޓީސީއިން ވެސް ވަނީ ރޭގެ ވަގުތެއްގައި ބައްސާމަށް ތާއިދު އޮތް ކަމަށް ބުނެ ޓުވީޓު ކޮށްފަ އެވެ. އަދި މިއަދު ހަވީރު ގްރީންސްޓްރީޓްސްއިން ވެސް ވަނީ ބައްސާމަށް ތާއީދުކޮށްފަ އެވެ.

"ބައްސާމް އަކީ މިހާތަނަށް ރާއްޖޭގެ ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމުގެ ތަސައްވަރަކާ އެކު އެކަން ކުރެވޭނެ ކަން ސާބިތުކޮށްދިން ހަމައެކަނި ލީޑަރު. މި ކުލަބުގެ ފުރިހަމަ ތާއިދު ބައްސާމު އާ އެކު ވާނެކަން ޔަގީންކޮށްދެން." ގްރީންސްޓްރީޓްސް އިން ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ބައްސާމް އޭނާގެ ކެންޑިޑެސީ އިއުލާން ކުރައްވާނެ އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ ކުލަބުތައް އިސްނަގައިގެން އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކޮށް ބައްސާމް މަގާމުން ދުރުކުރުމަށް ބާއްވަން އުޅުނު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް މާޒިޔާ އަދި ޓީސީގެ އިތުރުން ގްރީންސްޓްރީޓްސް ވެސް ފުރަތަމަ ތާއީދު ކުރި ނަމަވެސް އެ ކުލަބުން ވަނީ ނަން އަނބުރާ ނަގައިފަ އެވެ.

comment ކޮމެންޓް