އެމްބެސެޑާ އެޓް ލާޖްގެ މަގާމަަށް ސަލީމް އައްޔަންކުރައްވައިފި

އެމްބެސެޑާ އެޓް ލާޖްގެ މަގާމުގެ ފަތްކޮޅު އަހުމަދު ސަލީމްއަށް އަރުވަނީ--- ފޮޓޯ: ރައީސް އޮފީސް

އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް މ. މާހުރާ، އަހްމަދު ސަލީމް (ނަންރީތި ސަލީމް) އައްޔަނުކުރައްވައިފިއެވެ.

މީގެ ކުރިން ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައި ހުންނެވި ސަލީމް އެމްބެސެޑަރ އެޓް ލާޖުގެ މަގާމަށް އައްޔަނުކުރެއްވީ މިއަދު ރައީސް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.

އޭނާއަށް ފަތްކޮޅު ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޚާރިޖީ ދާއިރާއާ 1968 ވަނަ އަހަރު ގުޅިވަޑައިގެންނެވި ސަލީމް ގިނަ ހިދުމަތްތަކެއް އަދާކުރެއްވިއެވެ. އެގޮތުން އެމެރިކާގައި ހުންނަވާ ރާއްޖޭގެ ޕާމަމަންޓް މިޝަންގެ އިތުރުން ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި މަސައްކަތްކުރެއްވިއެވެ.

މީގެ އިތުރުން ސާކްގެ އިދާރާގައި ރާއްޖޭގެ ފަރާތުން މަސައްކަތްކުރެއްވި ފުރަތަމަ ޑިރެކްޓަރަކީވެސް ސަލީމެވެ. އެއީ 1990 އިން 1993 ގެ ނިޔަލަށެވެ.

އދއާއި ސާކް ފަދަ ޖަމިއްޔާތަކުގެ ބައްދަލުވުންތަކުގައި އޭނާ ރާއްޖެ ތަމްސީލުކުރައްވައި ބައިވެރިވެވަޑައިގެންނެވި އިރު، 2012 އިން 2014 އަށް ސާކްގެ 11 ވަނަ ސެކްރެޓަރީ ޖެނެރަލްކަންވެސް ފުރުއްވިއެވެ.

ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރުކަމަށް ސަލީމް އައްޔަނުކުރެވުނީ 2015 ވަނަ އަހަރުއެވެ. އަދި ނޭޕާލަށް ކަނޑައަޅުއްވާ ނޮން ރެޒިޑެންޓް ސަފީރުކަންވެސް އޭނާ ގެންދެވީ ކުރައްވަމުންނެވެ.

ދެހާސް ތިންވަނަ އަހަރު ރާއްޖޭގައި އެންމެ ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދި އިރު، އެ ކޮމިޝަނުގެ މެމްބަރުކަން ސަލީމް ކުރެއްވިއެވެ. އަދި 2006 ވަނަ އަހަރުން 2010 އަށް ކޮމިޝަނުގެ ރައީސްކަން ކުރެއްވިއެވެ.

comment ކޮމެންޓް