ހިޝާންއާއެކު ދިރިއުޅެމުން ދިޔަ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ސަން ފައިލް ފޮޓޯ

ފެމިލީ ކޯޓުން ކުރި ހުކުމާ ހިލާފަށް ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާންގެ ބެލުމުގެ ދަށުގައި ހުރި ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުންނަ ޒުވާނާ މިވަގުތު ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރާކަމުގެ ތުހުމަތު ކުރެވިފައިވާ ހިޝާންގެ ބެލުމުގެ ދަށުގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ހުރި މައްސަލައިގައި އިއްޔެ ހައިކޯޓުން ވަނީ ޖެންޑާ މިނިސްޓްރީއާ ސުވާލުކޮށްފައެވެ.

ނަވާރަ އަހަރުގެ ފިރިހެނެއްގެ ގާނޫނީ ބެލެނިވެރިކަން ހިޝާނަށް ދެވެން ނެތް ކަމަށް ފެމެލީ ކޯޓުން 2018 ވަނަ އަހަރު ވަނީ ހުކުމް ކޮށްފަ އެވެ. ފެމެލީ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެގޮތަށް ނިންމީ ދައުލަތުން ހިޝާންއާ ގުޅޭ ގޮތުން ހުށަހެޅި އެސެސްމެންޓް ރިޕޯޓަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ.

އެމައްސަލަ ހިޝާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ފާހަގަކޮށްފައިވަނީ ފެމެލީ ކޯޓުން ކުއްޖާގެ ބެލެނިވެރިކަން ހިޝާން އާ ހަވާލުކޮށްދެވެން ނެތް ކަމަށް ހުކުމް ކޮށްފައި ވަނިކޮށް ވެސް، 2018 ވަނަ އަހަރުން ފެށިގެން އެ ޒުވާނާ ހިޝާންގެ ގޭގައި ދިރިއުޅެމުން ދާ ކަމެވެ.

ޖެންޑާ މިނިސްޓްރީގައި ހިޝާންއާ މެދު ތުހުމަތު ކުރެވޭ ރިޕޯޓުތަކާއި މައުލޫމާތު ހުރި އިރު، ނަފްސާނީ މައްސަލަތަކެއް ހުންނަ މީހަކު ހިޝާންގެ ހަވާލުގައި ބެހެއްޓިޔަ ދިނީ ކީއްވެތޯ ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.

މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ވެސް އައިސްފައެވެ. އަދި އެކަމާ ގުޅިގެން ޖެންޑާގެ އިހުމާލު ބެލުމަށް މިއަދި ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފައެވެ. އަދި އެކުއްޖާ އަދިވެސް ހިޝާންގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ބުނެ މިއަދު މަޖިލީހުގައި ގިނަ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

މި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލަ ދައުލަތުގެ ސަމާލުކަމަށް އައިއިރު ވެސް މައްސަލައިގައި ހިމެނޭ މީހާއަށް 18 އަހަރު ފުރިފައިވާ ކަމަށާއި އެހެންކަމުން ޖެންޑާއިން އޭރު ނިންމީ އޭނާއާމެދު ވެސް އެހެން ބޮޑެތި މީހުންނާ މެދު އަމަލުކުރާ އުސޫލުން އަމަލު ކުރުމަށް ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ފެމިލީ ކޯޓުގައި ހިނގަމުންދިޔަ މައްސަލައާ ގުޅިގެން މައްސަލައިގައި ހިމެނޭ ހާއްސަ އެހީއަށް ބޭނުންވާ މީހާގެ ސިއްހީ އަދި ނަފްސާނީ އެއްވެސް ބާވަތެއްގެ އެސެސްމެންޓެއް އެ މިނިސްޓްރީން ހަދާފައި ނުވާނެ ކަމަށެވެ.

"ނަމަވެސް އެއިރު އޭނާއާ ގުޅޭގޮތުން މިމިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ނިންމާފައިވަނީ އޭނާއަކީ "އުމުރުން 18 އަހަރު ފުރިފައިވާ ފަރާތެއްކަމާއި، އޭނާއާ ގުޅޭގޮތުން ލިބިފައިވާ ސިއްހީ އަދި އެހެނިހެން މައުލޫމާތުން އޭނާއަކީ ތަސައްރަފު ނުފުދޭ މީހެއްކަން ފާހަގަކުރެވިފައިނުވާތީ، މިނިސްޓްރީގެ ފަރާތުން އޭނާއާމެދު ޢަމަލުކުރަމުންދާނީ 18 އަހަރު ފުރިފައިވާ އެހެނިހެން ފަރާތްތަކެކޭ އެއްގޮތަށެވެ." ޖެންޑާގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ ފަހުން 2018ވަނަ އަހަރުގެ ޖުލައި މަހު މައްސަލައާ ގުޅޭ ބައެއް އިތުރު ކަންކަން ފެންމަތިވަފައިވީ ނަމަވެސް އެއިރު އެ މައްސަލަ އިތުރަށް މުރާޖާކޮށްފައި ނުވާތީ، 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދެވޭ، އެ މީހެއްގެ އަމިއްލަ ކަންކަން އަމިއްލަ އިހުތިޔާރުގައި ނިންމުމާއި އެ ފަދަ އެންމެހައި ހައްގުތަކާއި މިނިވަންކަން މިއަދާ ހަމައަށް ވެސް އޭނާއަށް ލިބިދީފައިވާ ކަމަށް ޖެންޑާއިން ބުންޏެވެ.

ޖެންޑާއިން ބުނީ ހިޝާން ދިރިއުޅޭ އެޕާޓްމަންޓުގައި އެ ޒުވާނާ އުޅެމުން އަންނަނީ އޭނާގެ މަންމަ ވެސް ހިމެނޭގޮތަށް އާއިލާގެ ރުހުމާއެކު އޭނާގެ "އަމިއްލަ އިހްތިޔާރުގައި" ކަމަށެވެ.

ނަމަވެސް މިހާރު ހިޝާންއާ ގުޅުންހުރި ސީރިއަސް މައްސަލަތަކެއް ފުލުހުން ތަހުގީގުކުރަން ފަށާފައިވާތީއާއި މައްސަލައިގައި ހިމެނޭ ހާއްސަ އެހީއަށް ބޭނުންވާ މީހާގެ ވަށައިގެންވާ ކަންކަމާއި، އަދި އޭނާގެ ހާލަތާ ގުޅޭގޮތުން މި ވަގުތު މިނިސްޓްރީގައި އެއްކުރެވިފައިވާ މައުލޫމާތުގެ މައްޗަށް ރިއާޔަތްކޮށް، އޭނާއަކީ އަމިއްލަ އިހުތިޔާރުގައި ކަންކަން ނިންމުމުގެ ގާބިލުކަން ލިބިފައިވާ މީހެއްތޯ ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ފަންނީ ތަހުލީލުތައް ކުރުމުގެ މަސައްކަތް ފުލުހުންނާއި ކަމާ ގުޅުންހުރި އެހެން އިދާރާތަކާ ކުރަމުން އަންނަ ކަމަށް ޖެންޑާގެ ބަޔާނުގައިވެއެވެ.

"އަދި މި ވަގުތު އޭނާ ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައެވެ." ޖެންޑާއިން ބުންޏެވެ.

މިމަހު 22 އަހަރު ފުރޭ އެ ޒުވާނާ، ހިޝާންއާ އެންމެ ފުރަތަމަ ބައްދަލުވީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް ޖެންޑާ އިން ބުންޏެވެ.

އަދި އޭނާގެ ގާނޫނީ ބެލެނިވެރިކަމުގެ މައްސަލައެއް ދައުލަތުގެ މުއައްސަސާތަކުގެ ސަމާލުކަމަށް އައިސްފައިވަނީ 2017ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށެވެ.

އެ މައްސަލަ ދައުލަތުގެ މުއައްސަސާތަކުގެ ސަމާލުކަމަށް އައިސްފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހާގެ މަންމަ، އޭނާގެ އަމިއްލަ އިސްނެގުމުގެ މަތިން އޭނާގެ 18 އަހަރު ފުރިފައިވާ ދަރިފުޅުގެ ގާނޫނީ ބެލެނިވެރިކަން ހިޝާންއާ ހަވާލުކުރުމަށް އެދި ފެމިލީ ކޯޓަށް ހުށަހެޅި ހިސާބުންނެވެ.

ޖެންޑާއިން ބުނީ ސަރުކާރުގެ ސިޔާސަތަކީ ކުރީއްސުރެ ހިނގަމުން އަންނަ މިފަދަ މައްސަލަތަކާ ގުޅޭގޮތުން ކުރިން ނިންމައިފައިވާ ނިންމުންތަކުގެ ސަބަބުން ހާއްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ރައްކާތެރިކަމަށް ނުވަތަ ހައްގަކަށް އުނިކަން ލިބޭކަން ފާހަގަކުރެވޭނަމަ، އެ މައްސަލައެއް އަލުން މުރާޖާކޮށް އިތުރަށް އަޅަންވާ ފިޔަވަޅެއް އޮތްނަމަ ލަސްނުކޮށް އެ ފިޔަވަޅެއް އެޅުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީއަށް، ހާއްސަކޮށް މިނިސްޓަރު ޝިދާތާ ޝަރީފަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވަނީ ޝިދާތާ މިނިސްޓަރު ކަމުގައި ބަހައްޓަން ނުފެންނަ ކަމަށް މިއަދު ފާސްކޮށްފައެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދެއްކެވި ގިނަ އެމްޑީޕީ މެމްބަރުން ވަނީ ޝިދާތާގެ އިސްތިއުފާއަށް ގޮވާލައިފައެވެ. އަދި އިސްތިއުފާ ނުދެއްވައިފިނަމަ، މަޖިލީހު މައްސަލަ ބަލައި މިނިސްޓަރު ކަމުން ޝިދާތާ ވަކިކުރާނެ ކަމަށް ވެސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް