ސްޓެމް ވަޒީފާތަކުގައި އަންހެނުންގެ ދައުރު އިތުރުކުރަން ގޮންޖެހުން އެބަހުރި: މިނިސްޓަރު

ސްޓެލްކޯގެ އިލެކްޓްރިޝަން ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަ ދައްކަވަނީ-- ފޮޓޯ: ސްޓެލްކޯ

ސައިންސާއި ޓެކްނޯލޮޖީ އާއި އެންޖިނިއަރިން އާއި މެތަމެޓިކްސް( ސްޓެމް)ގެ ދާއިރާތަކުގައި، އަންހެނުންގެ ދައުރު އިތުރުކުރުމުގައި ގޮންޖެހުން އެބަހުރިކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެެވެ.

ސްޓެލްކޯއިން ކުރިއަށް ގެންދާ ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރީޝަން ކޯސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ގައުމީ ތަރައްގީއަށް އޮތް އެންމެ ބޮޑު ހުރަހަކީ އަތުން ފައިން އަމަލީ މަސައްކަތްކުރަން ދަންނަ މީހުން މަދުވުން ކަމަށެެވެ. ވަކިން ހާއްސަކޮށް އަންހެނުންގެ ތެރޭގައި އެ ނިސްބަތް މަދުކަން މިނިސްޓަރު ފާހަގަކުރެއްވިއެެވެ.

މިނިސްޓަރު ވިދާޅުވީ އެއްވެސް ގައުމެއް، އަންހެނުންނާއި ފިރިހެނުން އަމަލީ މަސައްކަތް ކޮށްގެން ނޫނީ ކުރިއަކަށް ނުދާނެ ކަމަށެވެ.

މުޅި ރާއްޖޭގައިވެސް ސްޓެމް ދާއިރާތަކުގައި، އަންހެނުން ބައިވެރިވާ މިންވަރު ވަރަށް މަދުކަމަށް މިނިސްޓަރު ވިދާޅުވިއެެވެ. އަދި ވިދާޅުވީ ސްޓެމް ވަޒީފާތަކުގައި އަންހެނުންގެ ދައުރު އިތުރުކުރެވޭނީ، އެކަމަށް ހުރި ހުރަސްތައް ނައްތާލައިގެން ކަމަށެެވެ.

"އަޅުގަނޑަށް ލަފާކުރެވޭ ގޮތުން، ރާއްޖޭގައި މިކަން ފެށިގެން އައި އެއްސަބަބަކީ، އަންހެންކުދީންނަށް ކިޔެވުމުގެ ފުރުސަތުތައް ހަނިވެފައިވުން. ނަމަވެސް މިހާރު، ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ގިނަ ކުދިންނަކީ، އަންހެންކުދީން." މިނިސްޓަރު ވިދާޅުވިއެެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސްކޫލްތަކުގައި މިހާރުވެސް ގިނައިން ކިޔަވައިދެނީ އަންހެނުން ކަމަށާއި އެންމެ ރަނގަޅު ނަތީޖާތައް ސްކޫލްތަކުން ހޯދަނީވެސް އަންހެން ދަރިވަރުން ކަމަށެެވެ. އެހެންނަމަވެސް ސްޓެމް މާއްދާތައް ކިޔަވައިދޭ އަންހެނުން ވަރަށް މަދުކަން މިނިސްޓަރު ފާހަގަކުރެއްވިއެެވެ.

ސްޓެމް ދާއިރާއިން އަންހެނުން ނުފެނުމުގެ އެންމެ ބޮޑު ހުރަހެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވީ އެ ދާއިރާއިން މިސާލީ ނުވަތަ ރޯލް މޮޑެލް އަންހެނުން ނުފެނުމެވެ. އޭގެ އިތުރުން މަސައްކަތުގެ މާހައުލަކީ، އަންހެނުންނާ ރަހުމަތްތެރި އަދި އެމީހުންނަށް ރައްކާތެރި ތަނަކަށް ނުވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެެ.

"އަޅުގަނޑުގެ ނަޒަރުގައި، ރާއްޖެ ތަރައްގީވާނީ އަންހެނުންގެ ދައުރު ސްޓެމް ވަޒީފާތަކުގައި އިތުރުވެގެން. އުދުހިގަންނަން ދެފިޔަ ދޫންޏަކަށް ބޭނުންވާ ފަދައިން، އެއް ޖިންސަކަށް ބަރޯސާވެގެން، އެއް ފިޔައަކުން ދޫންޏަކަށް އަދި ގައުމަކަށް އުސްމިނަކަށް ނޭރޭނެ." މިނިސްޓަރު ވިދާޅުވިއެެވެ.

އަންހެނުން ސްޓެމް ދާއިރާތަކުގައި އިތުރުކުރަން މިނިސްޓަރު ހުށަހެޅުއްވި ބައެއް ކަންތައްތައް

  • ބޮޑެތި ކުންފުނިތަކުގައި، އަންހެނުންނާ ރައްޓެހި، ގޯނާކުރުން ހުއްޓުވާ ސިޔާސަތުތަކާއި ގަވާއިދުތައް ހެދި، އެ ތަންފީޒުކުރަން
  • އިސް މަގާމުތަކުގައި، އަންހެނުން ހަރަކާތްތެރިވެ، ޒުވާން އަންހެންކުދީންނަށް ރޯލް މޮޑެލްތަކެއް ފެނިގެން ދިޔުން
  • ދެ ޖިންސުގެ މެދުގައި މުސާރައާއި މަސައްކަތުގައި ހުންނަ ތަފާތުތައް ނައްތާލުން
comment ކޮމެންޓް