ހުޅުލޭގައި ސްޓެލްކޯގެ ސަބްސްޓޭޝަން އެޅުމުގެ މަސައްކަތް ފަށައިފި

ހުޅުލޭގައި ސްޓެލްކޯގެ ސަބްސްޓޭޝަން އެޅުމުގެ މަސައްކަތް ފެށުން-- ފޮޓޯ/ސްޓެލްކޯ

ގްރޭޓާ މާލެ ސަރަހައްދުގެ ކަރަންޓު، އެއް ވިއުގައަކުން ގުޅުވާލުމަށް ހިންގާ މަޝްރޫއުގެ ދަށުން ހުޅުލޭގައި ސްޓެލްކޯގެ ސަބްސްޓޭޝަނެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ގްރޭޓާ މާލެ އިންޓަކަނެކްޝަން ނުވަތަ ގުރިޑު މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި މާލެއާއި ހުޅުމާލެ ގުޅުވާލަން ނިންމާފައިވާއިރު، މި ސަބްސްޓޭޝަނުގެ މަސައްކަތް ނިމުމުން ހުޅުލެވެސް އެ ގްރިޑާ ގުޅޭނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ސަބްސްޓޭޝަން އެޅުމުގެ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މި މަސައްކަތް ނިމުމުމުން ހުޅުލޭގެ ކަރަންޓަށް މައްސަލައެއް ދިމާވުމުން ހުޅުމާލޭންނާއި މާލޭން ވެސް ހުޅުލެއަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ.

މިއީ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި ނަމަވެސް ކޮރޯނާ ވައިރަސްއާ ހުރެ މަޝްރޫއަށް ކޮންމެވެސް ވަރެއްގެ ލަސްތަކެއް އައިސްފައިވާ ކަމަށް މުޣުނީ ވިދާޅުވިއެވެ.

ހުޅުލޭގައި ސްޓެލްކޯގެ ސަބްސްޓޭޝަން އެޅުމާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ މީޑިއާއާ މައުލޫމާތު ހިއްސާ ކުރައްވަނީ-- ފޮޓޯ/ސްޓެލްކޯ

"އަޅުގަނޑުމެންގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ފަރާތެއް. ކޮރޯނާ ވައިރަސްއާ ހެދި ޗައިނާގެ ވަރަށް ގިނަ ކުންފުނިތަކުގެ މަސައްކަތްތައް މެދުކަނޑާލާފައި މިއޮތީ. އެގައުމުގައި [މި މަޝްރޫއާ ގުޅިގެން] ކުރަން ޖެހޭ ކަންކަން ކުރުމުގައި ލަސްތަކެއް އުޅުނު ނަމަވެސް، މާލެ ސަރަހައްދާއި ރާއްޖޭގައި ކުރަން ޖެހޭ ކަންކަން ވަރަށް ބާރު ސްޕީޑުގައި އެބަދޭ." މުޣުނީ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު އެއް ގްރިޑަކުން ގުޅުވާލަން ވަނީ ނިންމާފައެވެ.

ސްޓެލްކޯއިން ބުނީ މި މަޝްރޫއުގެ ފުރަތަމަ ދެ ފިޔަވަހީގެ މަސައްކަތް ނިމުމުން މާލޭގައި ހުންނަ އިންޖީނުގެ ބޭނުންކުރާނީ ހަމައެކަނި ބެކަޕެއްގެ ގޮތުގައި ކަމަށެވެ.

"އެއާއެކު މެއިން ކަނެކްޝަނުގެ ގޮތުގައި ބޭނުން ކުރާނީ ހުޅުމާލޭގައި މިއަހަރު ގާއިމު ކުރަން ފަށާ 50 މެގަވޯޓާއި، މިހާރު ބޭނުން ކުރަމުން އަންނަ 50 މެގަވޯޓާއެކު ޖުމުލަ 100 މެގަވޯޓުގެ އިންޖީނުގެއާއި ތިލަފުށީގައި ގާއިމުކުރަން ނިންމާފައިވާ 200 މެގަވޯޓުގެ އިންޖީނުގެ." ސްޓެލްކޯއިން ބުނެއެވެ.

ހުޅުލޭގައި ސްޓެލްކޯގެ ސަބްސްޓޭޝަނެއް އެޅުމުގެ މަސައްކަތް ފެށިއިރު، މާލޭގައި އަޅަމުންދާ ސަބްސްޓޭޝަންގެ ސްޓީލް ސްޓްރަކްޗާގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ ފްލޯރިންގެ މަސައްކަތް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ހުޅުމާލޭ ސަބްސްޓޭޝަންގެވެސް ސްޓީލް މަސައްކަތްތައް ނިމި، ޓްރާންސްފޯމަރު ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

comment ކޮމެންޓް