ކައުންސިލް އިންތިހާބަށް ކުށުގެ ރެކޯޑު ސާފުކުރަން ލުއި ގޮތްތަކެއް

ދަށު ކޯޓުތަކުން ސާފުކުރަން ޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ޑިޕާޓްމެންޓް އޮފް ޖުޑީޝަރީ އެޑްމިނިސްޓްރޭޝަނުން ސާފުކޮށްދިނުމަށް ވަނީ ނިންމާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ މަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރުމަށް ފަސޭހަގޮތެއް ހަމަޖައްސައި ފުރުސަތު ހުޅުވާލައިފި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ދަށުކޯޓުތަކުން ސާފުކުރަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ހަފްތާގެ ކޮންމެ ދުވަހަކު އެ އެޑްމިނިސްޓްރޭޝަނުން ކުރާނެ ކަމަށެވެ.

ޑީޖޭއޭއިން ބުނެފައިވަނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް އެ ހިދުމަތް ލިބެން ހުންނާނީ ހެނދުނު 8:00 އިން ހަވީރު 4:30 އަށް ކަމަށެވެ.

ހުކުރު ދުވަހު 2:30 އިން ހަވީރު 5:00 އަށް އެ ހިދުމަތް ފޯރުކޮށްދޭއިރު ހޮނިހިރު ދުވަހު އެ ހިދުމަތް ފޯރުކޮށްދޭނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:30 އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ކައުންސިލު އިންތިހާބު އަދި އަންހެނުން ކުރިއަރުވާ ކޮމިޓީގެ އިންތިހާބު ލޯންޗުކޮށް އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބަަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާއިރު އަންހެނުން ކުރިއަރުވާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24ގެ ނިޔަލަށް ހުޅުވާލާފައި ހުންނާނެއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ މިއަހަރުގެ އިންތިހާބުގައިބ 6،000 އެއްހާ ކެނޑިޑޭޓުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

comment ކޮމެންޓް