ކޮމަންވެލްތު އޮފީހުގައި ދިވެހި ދިދަ ނަގަން ޝާހިދާއި އާޒިމް ލަންޑަނަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ ކޮމަންވެލްތުގައި އަލުން ބައިވެރިވުމާއެކު ކޮމަންވެލްތުގެ އިދާރާގައި ރާއްޖޭގެ ދިދަ ނެގުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެންބަރު އަލީ އާޒިމް ލަންޑަނަށް ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމަންވެލްތުގެ ބޯޑް އޮފް ގަވަނާސްގެ ބައްދަލުވުމެއްގެ ހަވާސާގައި ރާއްޖެ ކޮމަންވެލްތުގައި އަލުން ބައިވެރިވުމުގެ މުނާސަބަތުގައި ކޮމަންވެލްތު އިދާރާގައި ދިވެހި ދިދަ ނެގުން އޮންނާނެ ކަމަށެވެ.

ކޮމަންވެލްތުގެ އިދާރާ ހުންނަނީ ލަންޑަނުގައި ހުންނަ މަލްބޮރޯ ހައުސްގަ އެވެ.

ފޮރިން މިނިސްޓަރު ޝާހިދުއާއެކު ރައްޔިތުންގެ މަޖިލީހުގެ ތަމްސީލުކުރެއްވުމުގެ ގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރާއްޖެ ކޮމަންވެލްތާ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގަ އެވެ. އެ ސަރުކާރުން ބުނަމުން ދިޔައީ ކޮމަންވެލްތުން ރާއްޖެއަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމަށްވެސް ނުފޫޒުފޯރުވަން މަސައްކަތްކުރި ކަމަށާއި އެކަމުގެ ނޭދެވޭ އަސަރުތައް ރާއްޖޭގެ އިގްތިސާދާއި އިޖުތިމާއީ ހަމަޖެހުމަށް ކުރިމަތިވަމުން ދިޔަކަމަށް އެ ސަރުކާރުން ނިންމި އެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައުމަށްފަހު އެންމެ ފުރަތަމަ ކުރެވުނު އެއް މަސައްކަތަކީ ރާއްޖެ އަލުން އެ ޖަމިއްޔާއާ ގުޅޭން ނިންމައި، ރައްޔިތުންގެ މަޖިލީހުންވެސް އެކަން ފާސްކުރުމެވެ.

https://sun.mv/130915

ރާއްޖެ ކޮމަންވެލްތުގައި އަލުން ބައިވެރިކޮށް، ކޮމަންވެލްތުގެ 54 ވަނަ މެމްބަރުގެ ގޮތުގައި ހަމަޖެހިގެން ދިޔަކަން އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރީޝާ ސްކޮޓްލެންޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކުރެއްވީ މި އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

comment ކޮމެންޓް