ޝިދާތާއަކަށް ނުވި، އިސްތިއުފާ ދެއްވާ: މަޖިލިސް

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމިޓީގައި -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާކަން ޖެންޑާ މިނިސްޓްރީއަށް އެނގި، އޭނާއަށް އެ މަގާމާއި ގައުމީ އިނާމުތައް ދީފައިވާ މައްސަލައިގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިސްތިއުފާއަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ގޮވާލައްވައިފިއެވެ.

ހިޝާންއާ އެކު ދިރިއުޅެމުން އަންނަ ކުއްޖެއްގެ ބެލެނިވެރިކަން ހޯދުމަށް އޭނާ ކޯޓަށް ވައްދައިގެން އުޅޭ މައްސަލައިގައި ހައިކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހާމަވެފައިވާ ގޮތުގައި ހިޝާންއަށް އެމްބެސެޑަރުކަން ދިންއިރުވެސް، ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭކަން ފުލުހުން ވަނީ ޖެންޑާގެ ސަމާލުކަމަށް ގެނެސްފަ އެވެ.

އެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނެސް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ޖެންޑާގެ އިހުމާލު ބެލުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ. ކުއްލި މައްސަލައަށް ބަހުސްކުރެއްވި ހުރިހާ މެމްބަރުން ވެސް ވަނީ ޝިދާތާގެ އިސްތިއުފާއަށް ގޮވާލައްވައިފައެވެ.

"ދުނިޔޭގެ ލަދަށް ނަމަވެސް ޝިދާތާ އިސްތިއުފާ ދޭންޖެހޭ"

މައްސަލަ ހުށަހެޅުއްވި މެމްބަރު މީކާއީލް ވިދާޅުވީ ހިޝާންއަށް ތުހުމަތުތަކެއް ކުރެވޭކަން ޖެންޑާއަށް އެނގޭއިރު، އެ މައުލޫމާތުގެ މަތީގައި އަތް އަޅައިގެން، އެއްވެސް ކަމެއް ނުކޮށް މިނިސްޓްރީގެ މެންޑޭޓާ ހިލާފަށް އަތް އުރާލައިގެން ތިބުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.

އަދި އެއީ ރާއްޖޭގެ ހުރިހާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ކުޑަކުދީންނާއި، ނުރައްކަލަށް ހުށަހެޅިފައިވާ ހުރިހާ ފަރާތްތަކާމެދު ޖެންޑާ މިނިސްޓްރީން އިހުމާލުވަފައިވާކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް -- ފޮޓޯ/ މަޖިލިސް

ހަމަ އެއާއެކު، ނަފްސާނީ ބަލި ހުންނަ ޒުވާނާގެ ބެލެނިވެރިކަން ހިޝާންއަށް ނުދޭން ފެމެލީ ކޯޓުން ކުރި ހުކުމާ ހިލާފަށް، ހިޝާންގެ ބެލުމުގެ ދަށުގައި އެކުއްޖާ ގެންގުޅެމުން ދިޔައިރު، ޖެންޑާ މިނިސްޓްރީން އެކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށްފައި ނުވާކަން ވެސް މެމްބަރު ފާހަގަކުރެއްވިއެވެ.

މީކާއީލް ވިދާޅުވީ ޖެންޑާ މިނިސްޓްރީން މި މައްސަލައިގައި އިހުމާލުވެފައިވަނީ ސީދާ ޖެންޑާ މިނިސްޓަރު ޝިދާތާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ އިހުމާލު މިހާ ހިސާބަށް ދިއުމުން، އެކަމުގައި ޒިންމާ ނަގަން ޖެހޭނީ ޖެންޑާ މިނިސްޓްރީގެ ރިސެޕްޝަނިސްޓު ނޫން ކަމަށާއި އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެހުންނެވި މިނިސްޓަރު ކަމަށެވެ.

"މިއަދު އަޅުގަނޑު މި ފުރުސަތުގައި ގޮވާލަން ދުނިޔޭގެ ލަދަށްޓަކައި ނަމަވެސް މިނިސްޓަރު ޝިދާތާ އިސްތިއުފާ ދެއްވަން އެބަ ޖެހޭ. އިސްތިއުފާ ނުދެއްވައިފިނަމަ، އަޅުގަނޑު އިހުލާސްތެރިކަމާއެކު މި އިލްތިމާސް ކުރަނީ ސަރުކާރުން ވެސް ޖެންޑާ މިނިސްޓަރު ވަކި ކުރައްވަން އެބަ ޖެހޭ. އަދި އެކަން ނުވެއްޖެނަމަ މި އިއްޒަތްތެރި މަޖިލީހުން ވެސް މި އިއްޒަތްތެރި މަޖިލީހުގެ މެމްބަރުން ވެސް ކުޑަވެސް ކޮންޝަސް އެއް ހުރިނަމަ ޖެންޑާ މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ހަމައަށް ދާން އެބަ ޖެހޭ،" މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ މިފަދަ ކަންކަން އެއްފަރާތްކޮށް، އަޅާނުލެވި ދާތަން ބަލަން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށާއި، މިކަމުގައި އެންމެ ޒިންމާ އަދާކޮށްގެން މެނުވީ ބަދަލެއް ނާންނާނެ ކަމަށެވެ.

"ޖެންޑާ މިނިސްޓަރަކަށް ނުވި، އިހުމާލަށް ފަހު އިހުމާލެއް"

މައްސަލައަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ޖެންޑާ މިނިސްޓްރީން އިހުމާލަކަށް ފަހު އިހުމާލެއް ވަމުން އަންނަ ކަމަށާއި، ޝިދާތާއަށް ޒިންމާ އަދާނުކުރެވޭ ކަމަށެވެ.

އަދި އިސްތިއުފާ ނުދެއްވައިފި ނަމަ، ރައްޔިތުންގެ މަޖިލީހުން މައްސަލަ ބަލައި، ޝިދާތާ މަގާމުން ދުރުކުރަން ފެނިއްޖެނަމަ، އެކަން ކުރަން މަޖިލީހުން ފަސްނުޖެހޭނެ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މިފަދަ އެތައް މައްސަލަތަކެއް ފެންމަތިވެގެން އައި އިރު ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭން ނުވަތަ މުޖުތަމައުއަށް ހިތްހަމަޖެހުމެއް ލިބޭނެފަދަ އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާކަމަށާއި، މުޅިން ވެސް ފެނިގެން ދަނީ ޝިދާތާ ޑިފެންސިވް ވާހަކަތަކެއް ދައްކަވާ މަންޒަރު އެކަނި ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ -- ފޮޓޯ/ މަޖިލިސް

"އަޅުގަނޑު ޖެންޑާ މިނިސްޓަރަށް މި ދަންނަވާލަނީ އިސްތިއުފާ ދެއްވާށޭ. އިސްތިއުފާ ދެއްވާށޭ. މި ހިސާބަށް އައިއިރު އަޅުގަނޑުމެން މި މައްސަލަތައް ބަލަން މި ތިބީ އެކަމަކު ކަމަނާއަކަށް ނުވި. އެހެންވީމަ އިސްތިއުފާ ދެއްވަންވީ. އެހެން ނޫނީ އަޅުގަނޑުމެން އެ ހިސާބަށް ދާން ޖެހިއްޖެއްޔާ އަޅުގަނޑުމެން މި މައްސަލަ ބަލާފަ ވަކިކުރަން ޖެހިއްޖެއްޔާ މި މަޖިލީހުން އިހުމާލުވާ މިނިސްޓަރު، ޖެންޑާ މިނިސްޓަރު ވަކިކުރުމަށް ފަހަތަކަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ދެން،" އީވާ ވިދާޅުވިއެވެ.

މައްސަލައަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ މިފަދަ މައްސަލަތައް ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ އިތުރު ކުދީންނާއި މީހުން އަދި މުޅި މުޖުތަމައު ވެސް ހުރި ނުރައްކާތަކަކީ ކޮބައިކަން ބަލައި، އެފަދަ ނުރައްކާތަކުން ސަލާމަތް ކުރުމަށް ކުރެވެން ކުރި ކަންކަމަކީ ކޮބައިތޯ ބެލުން ކަމަށެވެ. އަދި ރައްކާތެރިކަމުގެ ނިޒާމުގައި ހުރި މައްސަލަތައް ބަލައި ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުން ކަމަށެވެ.

"ޝިދާތާއަކީ ގާބިލް މީހެއް ނޫން، ކޯލިޝަން ރޫޅުނަސް ހެޔޮ، ވަކިކުރޭ!"

ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ޝިދާތާއަށް މިނިސްޓްރީ ހިންގޭނަމަ މިފަދަ މައްސަލަތައް ފެންމަތި ނުވާނެ ކަމަށެވެ.

އެހެންކަމުން މިކަން ހިނގައިދިޔަ ގޮތް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ތަހުގީގުކޮށް، އޭގެ ރިޕޯޓެއް ރައީސަށް ފޮނުވަން ޖެހޭ ކަމަށާއި، މީގައި ޖިނާއީ މައްސަލައެއް އުޅޭނަމަ އެކަން ދައުލަތުގެ ތަހުގީގީ އިދާރާތަކަށް ހުށަހަޅަން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

"މިކަމާ ދޭތެރޭ އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅަން ޖެހޭ. ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު މި ގޮވާލަނީ ވަގުތުން ވަގުތަށް މިނިސްޓަރު ޝިދާތާ މަގާމުން ވަކިކުރުމަށް. އެއީ އެކަމަނާއަށް އެކަމަނާގެ މިނިސްޓްރީ ހިންގޭ ކަމުގައިވާނަމަ މިކަހަލަ މައްސަލަތަކެއް މިގޮތަކަށް ނުހިނގާނެ،" ޝަރީފް ވިދާޅުވިއެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް -- ފޮޓޯ/ މަޖިލިސް

ޝަރީފްގެ ވާހަކައިގައި ހިޝާންއާ ގުޅޭ މައްސަލަތައް ޖެންޑާ މިނިސްޓްރީއަށް އެނގުނު ނަމަވެސް، އެކަން ރައީސް އޮފީހާ ހިއްސާކޮށްފައި ނުވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ޝިދާތާ އަކީ ކަމަށް ގާބިލް، އަދި އެފަދަ މިނިސްޓްރީއެއް ހިންގުމަށް އެކަށީގެންވާ ބޭފުޅެއް ނޫންކަން ސާފުވާކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

"އަޅުގަނޑު ގޮވާލަން، ރައީސް ޖެހޭނީ އެކަމަނާ ވަކި ކުރަން. އެއީ ކޮންމެ ސިޔާސީ ޕާޓީއަކުން އައި ބޭފުޅެއް ވިޔަސް، ކޯލިޝަން ރޫޅާލަން ޖެހުނަސް އެއްގޮތަކަށް ވެސް މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" ޝަރީފް ވިދާޅުވިއެވެ.

"ތަދައްޚުލު ނުވީ ކީއްވެ؟ ބާރުގަދަ ބަޔަކު ހިމެނެނީތޯ؟"

ހިޝާންގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅިފަހުން ހިޝާން އާމެދު ނުރަނގަޅު ކަންތައްތަކެއް ފާހަގަވާން ފެށުމުން، ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް އެކަން ގެނެސް މައްސަލައަށް ތަދައްހުލްވާން އެންގެވި ކަމަށާއި އެހެން ނަމަވެސް ޖެންޑާ އިން އެކަން އެގޮތަށް ކޮށްފައި ނުވާކަން އިއްޔެ ވަނީ ހާމަވެފައެވެ.

މިކަމާ ގުޅިގެން މެމްބަރު އީވާ ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި ސުވާލު އުފައްދަވައިފައެވެ. އިވާ ވިދާޅުވީ ހައިކޯޓުން އެގޮތަށް އެންގުމުން ވެސް ޖެންޑާއިން ތަދައްޚުލު ނުވީ، މީހަކު ސަލާމަތް ކުރަންތޯ ސުވާލު އުފައްދަވައިފައެވެ. އަދި ޖެންޑާއިން މި މައްސަލައިގައި ތަދައްޚުލު ނުވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އީވާ ވިދާޅުވިއެވެ.

"މިކަމާ ވަރަށް ބިރުވެރި ސުވާލުތަކެއް އަޅުގަނޑުގެ ހިތުގައި އުފެދޭ. ކިހާ ބާރުގަދަ މީހުންތަކެއް މިކަމުގައި ހިމެނޭތީތޯ ޖެންޑާ މިނިސްޓްރީން ތަދައްޚުލު ނުވީ؟" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ހިޝާންއަށް ސަރުކާރުން އެމްބެސެޑަރުކަން ދިން އިރު، ރައީސް އޮފީހާއި ޖެންޑާ މިނިސްޓްރީން ވެސް ވެޓިން ޕްރޮސެސް އެއް ހިންގިކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އެހެން ކަމަށް ވާނަމަ އަލުން ހިޝާންއަށް އެމްބެސެޑަރުކަން ލިބުނީ ފުލުސް އޮފީހުން، ނުވަތަ ޖެންޑާ މިނިސްޓްރީން ނުވަތަ ކޯޓުތަކުން ކޮންކޮން މައުލޫމާތުތަކެއް ފޮރުވުމުންތޯ އީވާ ވަނީ ސުވާލު އުފައްދަވައިފައެވެ.

"މީނައަށް އެމްބެސެޑަރުކަން ލިބުމުގައި އަމުރުމައުރޫފުގެ ތަރުތީބު އަޅުގަނޑު ބަލާލަން ބޭނުން،. އަދި އިހުމާލުގެ ތަރުތީބު ވެސް އަޅުގަނޑު ބަލާލަން ބޭނުން. ޗެއިން އޮފް ކޮމާންޑާއި ނެގްލިޖެންސްގެ ތަރުތީބު އަޅުގަނޑު ބަލާލަން ބޭނުން. މި ޒުވާނާ މިހާރު ވީ ކޮންތާކު ކަމެއް ވެސް އަޅުގަނޑަކަށް ނޭނގޭ، ޖެންޑާ މިނިސްޓްރީއަށް ވެސް އަދި އެކަމާ ހަވާލުވެ ތިބި އެހެން މީހަކަށް ވެސް އެނގޭ ކަމެއް ނޭނގޭ،" އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު މައްސަލައަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ވަނީ ހިޝާން އަކީ ނައިބު ރައީސް ފައިސަލް ނަސީމާއި ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށް ވިދާޅުވެފައެވެ. އަދި ހިޝާންއަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، ތުހުމަތުވާ ކަންކަން ހުއްޓައި އޭނާއަށް އަލުން އެމެބެސެޑަރުކަން ދިނީ ނައިބު ރައީސް ދެކެ ބިރުންތޯ ވެސް ބައެއް މެމްބަރުން ވަނީ ސުވާލު އުފައްދަވައިފައެވެ.

މައްސަލައަށް ބަހުސް ކުރެއްވި ހުރިހާ އެމްޑީޕީ މެމްބަރުން ވެސް ވަނީ މިނިސްޓަރު ޝިދާތާގެ އިސްތިއުފާއަށް ގޮވާލައްވައިފައެވެ. އަދި ޝިދާތާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕުން ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް