ހިޝާންގެ މައްސަލައިގައި ޖެންޑާގެ އިހުމާލަށް ފިޔަވަޅު އަޅަން މަޖިލީހަށް މައްސަލައެއް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް: ޖެންޑާ މިނިސްޓްރީގެ އިހުމާލުގެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންނެވި -- ފޮޓޯ/ މަޖިލިސް

ދަރުމަވެރިޔާ އަހުމަދު ހިޝާންއަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭކަން އެނގިތިބެ، އޭނާއަށް "އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑާ"ކަން ދިން މައްސަލައިގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

ހިޝާންއާ އެކު ދިރިއުޅެމުން އަންނަ ކުއްޖެއްގެ ބެލެނިވެރިކަން ހޯދުމަށް އޭނާ ކޯޓަށް ވައްދައިގެން އުޅޭ މައްސަލައިގައި ހައިކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހާމަވެފައިވާ ގޮތުގައި ހިޝާންއަށް އެމްބެސެޑަރުކަން ދިންއިރުވެސް، ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭކަން ފުލުހުން ވަނީ ޖެންޑާގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މި މައްސަލަ ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައި ވަނީ، ހިޝާންއަށް އެމްބެސެޑަރުކަމާއި ގައުމީ އިނާމު ދިންއިރުވެސް އޭނާއާ މެދު ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭކަން ޖެންޑާ މިނިސްޓްރީއަށް އެނގޭތީ، އެ މިނިސްޓްރީގެ އިހުމާލު ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް ގެނައުމެވެ.

މެންބަރު މީކާއީލް އޭނާ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ، ކުއްޖެއްގެ ބެލެނިވެރިކަން ހިޝާންއަށް ހަވާުލު ކުރަން ނުފެންނަ ކަމަށް ފެމިލީ ކޯޓުން 2018 ވަނަ އަހަރު ހުކުމް ކުރީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއްގެ މައްސަލަ، ފުލުހުން ޖެންޑާގެ ސަމާލުކަމަށް ގެނެސްފައިވާތީ، ޖެންޑާއިން އެކުލަވާލައި ކޯޓަށް ހުށަހެޅި ރިޕޯޓަކަށް ރިއާޔަތްކޮށް ކަމަށެވެ.

އެހެން ނަމަވެސް، ހާއްސަ އެހީއަށް ބޭނުންވާ އެ ޒުވާނާގެ ބެލެނިވެރިކަން ހިޝާންއާ ހަވާލުނުކުރަން ފެމިލީ ކޯޓުން ހުކުމް ކުރުމުން ވެސް، ޖެންޑާއިން އެ ކުއްޖާއަށް ރައްކާތެރިކަން ދީފައި ނުވާތީ، މި މައްސަލައިގައި ޖެންޑާގެ އިހުމާލު ވަރަށް ބޮޑު ކަމަށް ވެސް މީކާއިލް ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.

"ހާއްސަ އެހީއަށް ބޭނުންވާ އެޒުވާނާގެ ބެލެނިވެރިކަން އަހުމަދު ހިޝާނަށް ދެވެންނެތްކަމަށް ފެމެލީ ކޯޓުން ހުކުމްކުރި ނަމަވެސް އޭރުންފެށިގެން މިއަދާއި ހަމައަށްވެސް އެޒުވާނާ އުޅެނީ އަހުމަދު ހިޝާނާއިއެކު ކަމަށް ހައިކޯޓަށް މައުލޫމާތު ލިބިފައިވީ ހިނދު، ޖެންޑާ މިނިސްޓްރީން އެކަމާއި އަޅާނުލާއޮތްކަމީ، އެމިނިސްޓްރީގެ އިހުމާލު އިންތިހާއަށް ހާމަވާ ކަމެކެވެ،" މައްސަލައިގައިވެ އެވެ.

އެ މައްސަލައިގައި މީކާއިލް އެދިވަޑައިގެންފައި ވަނީ، މަޖިލިހުގެ ކަމާ ބެހޭ ކޮމެޓީން މައްސަލަ ބަލާ ހާއްސަ އެހީއަށް ބޭނުންވާ ޒުވާނާއާއިމެދު އިހުމާލުވީ ވަކިވަކި ފަރާތްތައް ދެނެގަނެ އެފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށެވެ.

ހިޝާންގެ ޖިންސީ ގޯނާގެ ޝިކާރައަކަށްވީ ފަރާތްތަކެއް މިފަހުން ވަނީ ފުލުހުންނަށް މައްސަލަތަކެއް ހުށަހަޅައިފަ އެވެ. އެކަމާ ގުޅިގެން ފުލުހުން އަންނަނީ، އޭނާގެ މައްސަލަތަކެއް މިހާރު ތަހުގީގު ކުރަމުންނެވެ. އެ ތުހުމަތުތަކާ އެކު، އޭނާ ރާއްޖެއިން ބޭރަށް ފުރަން އުޅެނިކޮށް ހުއްޓުވާ އެކަމާ ސުވާލުކުރުމަށް އޭނާ ފުލުހަށް ހާޒިރުކުރި އެވެ. އަދި އޭނާގެ ޕާސްޕޯޓްވެސް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.

އެ މައްސަލަތައް ފެންމަތިވުމާ އެކު، ޖެންޑާ މިނިސްޓްރީއިން ވަނީ އޭނާ އެމްބެސެޑަރުކަމުން ވަކިކޮށްފަ އެވެ.

comment ކޮމެންޓް