އާ ސިޓީއެއް، ގޮނޑުވެފައި އޮންނަތާ ނުވަ އަހަރު!

ކުޅުދުއްފުށީ ކުނިގޮނޑު-- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ދާދި މިދާކަށް ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަކި ގަރާރެއްގެ ދަށުން ސިޓީއެއްގެ ދަރަޖަ ދިން ހދ. ކުޅުދުއްފުށީގެ ކުނިގޮނޑު އޮތް ހާލަތު ފޮޓޯއިން ތިޔަ ފެންނަނީ އެވެ. ބައިބޯ ކުޅުދުއްފުށީގެ އާބާދީ 10،000 ފަހަނައަޅައިދިޔައިރު، އެރަށުން ކޮންމެ ދުވަހަކު އުކާލާ 10 ޓަނުގެ ކުނި ފުނިޖެހި މިހާރު އެތަނަކީ ކުނީގެ ބޮޑު ފަރުބަދައެކެވެ.

ކުނީގެ ފަރުބަދަ، ފަރުބަދައަކަށަށް ވީ އިއްޔެ މެންދުރަކު ނޫނެވެ. މިއީ އެތައް ޒަމާންތަކެއް ވަންދަން އެއްވެސް އަޅާލުމެއް ނެތި އޮތްގޮތަށް ދޫކޮށްލައިފައި އޮތުމުގެ ނުބައި ނަތީޖާ އެެވެ. ކުޅުދުއްފުށީގެ މީހުން ބުނާގޮތުން އެ ބޮޑު ކުނީގެ ފަރުބަދަައިގެ ޝަކުވާތައްކޮށް މިހާރު އަވަދިވާން ކައިރިވެއްޖެއެވެ. ކުނި މެނޭޖްކޮށް ބެލެހެއްޓޭނެ ގޮތެއް ނެތް އިރު، ކުނީގެ މައްސަލައަކީ މިހާރު މުޅި ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައެވެ.

އެއްވެސް ބަޔަކަށް ކުނިގޮނޑު ނުބެލެހެއްޓެނު

ކުޅުދުއްފުށީގެ ކުނިކޮށީގެ ދިގު މާޒީ ފެށެނީ 1997 ހިސާބުންނެވެ. އޭރު އޮތް ކުނިކޮށި ރަނގަޅުކުރުމަށްޓަކައި ބޭރުގެ ފަރާތްތަކުގެ އެހީގައި މިހާރުގެ ކުނިކޮށި ގާއިމްކުރީ އެދުވަސްވަރުއެވެ. ކުނިކޮށި ގާއިމްކުރުމަށް ފަހު އެތަން މެނޭޖްކުރުމަށްޓަކައި އިންތިޒާމްތަކެއްވެސް ރޭވިއެވެ. އެގޮތުން ބައެއް ވެކިކަލްއާއި އެތަން ހިންގާނެ އޮފީހެއް ގާއިމްކުރުމަށް ފަހު އޭރު އޮތް ރަށު އޮފީހާ ސަރުކާރުން އެކަން ހަވާލުކުރިއެވެ.

ކުޅުދުއްފުށީގެ ކުނިގޮނޑު--- ފޮޓޯ: އުދައިޝަން

ރަށުއޮފީހާ ކޮނިގޮނޑު ހަވާލުވުމަށް ފަހު ދެން ފެނިގެން ދިޔައީ އެ މަަސައްކަތް އައުޓް ސޯސްކުރިތަނެވެެ. ކުޅުދުއްފުށީގެ ރޯ ހައުސްތައްވެސް އެޅުމުގައި އުޅުނު ވޭވްލެންތު ކުންފުނިން ކުނިގޮނޑު ދުވަސްތަކެއް ވަންދެން ބަލަހެއްޓިވެސް މެއެވެ.

" ވޭވްލެންތުން ފަހުން ބުނީ އެކަންކޮށްގެން ގެއްލުމޭ ވަނީ. ކުނިކޮށްޓަކީ އޭގެ ޒާތުގައި އެއްޗެއް ލިބޭކަމެއް ނޫނޭ. ދެން ތިމަންނަމެން މަންފާއެއް ހޯދަނީ ފާހާނާ ޖަންކްޝަން ސާފުކޮށްގެންނޭ އޭރު ގޭގޭގަ ހުންނަ ފާހާނާ ވަޅު އެއްކޮށް ފުރުނީމަ ވެހިކަލް ބޭނުންކޮށްގެން ހިއްކާނީ. އެދެން އެއީ ފީއެއް ނަގައިގެން ކޯށްދޭކަމެއް. ކުނިކޮށި ނަގައިގެން އޮތް ވޭވްލެންތުން އޭރު އެކަން ކުރާނީ" ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއް ލަތީފް ހަސަން ވިދާޅުވިއެވެ.

ވޭވްލެންތަށް ކުނިގޮނޑު ދޫކޮށްލަން ޖެހުނީ 2010 ވަނަ އަހަރު ކުޅުދުއްފުށީގައި ފެނާއި ނަރުދަމާ ގާއިމްކުރުމާ ގުޅިގެންނެވެ. ފާހަނާ ޖަންކްޝަން ސާފުކުރުމުގެ މަސައްކަތް އެހެން ކުންފުންޏަކުން ހަވާލުވުމާއެކު ގެއްލުމުގައި ކުނިގޮނޑު ބަލަހައްޓަން ބޭނުމެއް ނުވިއެެވެ.

ކުޅުދުއްފުށީގެ ކުނިގޮނޑު--- ފޮޓޯ: އުދައިޝަން

ރަށު އޮފީހަށް ކުނިގޮނޑު ނުހިންގުމުން ސަރުކާރުން ދެން އެތަން ބަލަހައްޓަށް ހަވާލުކުރީ އަތޮޅުތަކުގައި ހިންގި ޔުޓިލިޓީ ކުންފުންޏެކާއެވެ. ދެންވެސް އެތަން ނުހިންގިގެން އެތަން ދެން ބަދަލުކުރީ ފެނަކަ ކޯޕަރޭޝަންގެ ދަށަށެވެ. ކުނިގޮނޑު މެނޭޖްކޮށް އެތަނުން ނަފާ ހޯދަން އިންވެސްޓްކުރުމުގެ ގޮތުން އެބިން ހިމެނޭ ސަރަހައްދު ފެނަކައިގެ ބިމެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެންވެސް އެކަން ވާކަމަކަށް ނުވިއެވެ.

"ފެނަކައަކީވެސް ކުނި މެނޭޖްކޮށް އެކަންތައްކުރުމަށް މާބޮޑު ބަޖެޓެއް ދީފައި އޮންނަ ތަނެއް ނޫން. ދެން ކުނިތައް މާބޮޑަށް ޖަމާވީމަ އެކްސްކަވޭޓަރުން އެއްކައިރިކޮށްލަނީ" ލަތީފް ވިދާޅުވިއެވެ.

އެދުމަކީ ކުނި މެނޭޖްކުރެވޭވަރު ބަޔަކާ ސަރުކާރުން އެކަން ހަވާލުކުރަން

ކުނީގެ މައްސަަލަ ހައްލުކޮށްދިނުމަށް އެދި ކައުންސިލްއިން ކިތަންމެ ފަހަރަކު ސަރުކާރުގެ އިދާރާތަކުގައި ވަނީ އެދިފައެެވެ. އާ ސަރުކާރުން ވެރިކަމާ ހަވާލުވިތާ ކުރީކޮޅު، މިދިޔަ އަހަރު ޖެނުއަރީމަހު ކައުންސިލްއިން ރައީސްް އިބްރާހިމް މުހައްމަދު ސޯލިހްއާ އެންވަޔަރަމަންޓް މިނިސްޓަރާވެސް ބައްދަލުކޮށް ހަމަ ޝަކުވާތައް ހުށަހެޅިއެެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު(ވ) ކުނިގޮނޑުގެ ހާލަތު ބައްލަވަނީ--ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

" އޭރު މިނިސްޓަރު ވިދާޅުވީ އެއްމަސްދުވަސްތެރޭ އިންސިއުނޭޓަރު ބަހައްޓާނަމޭ. ނަމަވެސް އިންސިއުނޭޓަރު ގެނައުމަށް މިދިޔަ އޮގަސްޓްމަހު އެއްބަސްވުމެއްގައި ސޮއިކުރީވެސް. އެއްބަސްވުމުގެ ދަށުން 119 ދުވަސްތެރޭ އިންސިއުނޭޓަރު ބަހައްޓަން ޖެހޭ. އެކަމެއްވެސް ނުވި މިހާރު އިވިފައިވާގޮތުން އެކަމާ ގުޅޭ އީއައިއޭ އަދި އަދި ހަދަން އުޅެނީ" ލަތީފް ވިދާޅުވިއެވެެ.

އިންސިއުނޭޓަރު ބެހެއްޓިޔަސް އަދި އެއީ ހައްލެއް ނޫންކަމަށް ކައުންސިލްއިން ބުނެއެވެ. ކައުންސިލްގެ ނަޒަރުގައި ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އޮތީ ފެނަކައިގެ ބަދަލުގައި ވެމްކޯ ނޫނީ ބޭރުގެ ކުންފުނިތަކުގެ ތެރެއިން ކުނި މެނޭޖްކުރެވޭ ފަދަ ބޮޑު ކުންފުންޏަކަށް އެކަން ހަވާލުކޮށްގެން އެކަންކޮށްގެނެވެ.

ކުޅުދުއްފުށީގެ ކުނިގޮނޑު--- ފޮޓޯ: އުދައިޝަން

"ފުވައްމުލަކުގައިވެސް ކުނި މެނޭޖް މިކުރަނީ ވެމްކޯއިން. އެކަމު އެމީހުންނަށްވެސް އެކަމެއް ނުވޭ. ހަމަ ބޮޑު ފަރުބަދައެއްވެސް އެބަހުރި އެތަނުގައި. ދެން މާލޭގައި ވެމްކޯއިން. އައްޑޫގައި ބޭރު ބަޔަކާ މިހާރު ހަވާލުކުރީ. އެހެންވީމާ މިތަނުގެ ކުނިކޮށިވެސް އެކަން ކުރެވޭ ބަޔަކާ ހަވާލުކުރަން ކައުންސިލްއިން މިއެދުނީ. " ލަތީފް ވިދާޅުވިއެެވެ.

ކުނިގަނޑު މިހާރު އޮތް ހާލަތުން ސިއްހަތަށް ނުރައްކާ

ކުޅުދުއްފުށީގެ ބޮޑު ކުނިގޮނޑު މިހާރު އޮތް ސަރަހައްދަކީ ސިއްހީގޮތުން ބަލާއިރުވެސް އާންމުންނަށް ރައްކާތެރި ސަރަަހައްދެއް ނޫނެވެ.

ފުރަތަމަ ކަމަކަށް އެތަނާ ވަރަށް ކައިރީގައި އޮތީ އެރަށުގެ އެންމެ ބޮޑު ސްކޫލް، އަފީފުއްދީންއެވެ. އެލްކޭޖީއިން ފެށިގެން ގްރޭޑް 10 އަކަށް ކިޔަވައިދޭ ސްކޫލްގެ ދަރިވަރުންނަށް ކުނީގެ ދުމުންނާއި ދުވާ ވަހުން އިންތިހާއަށް އަސަރުކުރެއެވެ. ސްކޫލްގެ ޕްރިންސިޕަލް އަބަދުވެސް ކައުންސިލްއަށް ގުޅުމަށްފަހު ކުނީގެ ޝަކުވާ ކުރެއެެވެ.

ކޮނިގޮނޑު ކައިރީގައި ހުންނަ ކުޅުުދުއްފުށީ އަފީފުއްދީން ސްކޫލް-- ފޮޓޯ: އުދައިޝަން

ސްކޫލް އެކަންޏެއް ނޫނެވެ. ކުނިގޮނޑާ ހަމަޖެހިގެން އޮތީ ކުޅުދުއްފުށީގެ ބޮޑު ސްޓޭޑިއަމްއެވެ. ސްޓޭޑިއަމްގައި ހުރިހާ ކުޅިވަރުތަކެއް ކުޅޭއިރު އިންޓަސްކޫލް މުބާރާތތަކާއިި ގައުމީ ބޮޑެތި މުބާރާތްތައް އެތަނުގައި މިހާރުވެސް ބާއްވައެެވެ. އެތްލެޓިކްސް ކުދިންވެސް ދުވާ ޓްރެކްގައި ދުވާއިރު ރޭގަނޑު ކަސްރަތަށް ނުކުންނަ މީހުންނަށްވެސް ކުނިގަނޑުން ދުވާ ވަހުން ނޯއްދަމާލަން ނުކެރިގެން ކިތަންމެ ދުވަހަކު އުޅެއެެވެ.

ކޮނިގޮނޑާ ޖެހިގެން ހުންނަ ސްޓޭޑިއަމްގެ ކުއްޖަކު ބާސްކެޓް ކުޅެނީ--- ފޮޓޯ: އުދައިޝަން

" ވަރަށް ވަރުބަލިގެން ނޭވާލާއިރު މިއަންނަނީ ހަމަ އެންމެ ނުބައިވަސް. އަސްލު ވަރަށް އުނދަގޫވޭ ސްޓޭޑިއަމް ކުނިކޮށްޓާ އެހާކައިރީގައި އޮންނާތީއާ ސާފުނުވެ އޮންނާތީ/. ދެން ހެނދުނު ގަޑީގައި އޮންނާނެ ހަމަ ފުރެންދެން މިތާ ކާޅު. ކުޑަކުއްޖެއްވެއްޖިއްޔާ ނުވެސް ކެރޭނެ ކަންނޭނގެ އަންނާކަށް. އެ އަސްލު ކުނިކޮށި އެހާ ކައިރީގައި އޮންނާތީ ކާޅުތައް އެތަނުން އެއްޗެތި ނަގައިގެން މިތާ މިތިބެނީކާން. ވޯމްއަޕް ޖަހާގަޑީގައި ބޮލަށްވެސް ކާޅުތައް ތިރިކުރާނެ." ދުވާ ޓްރެކްގައި ދުވަން އުޅުނު ޒުވާނަކު ބުންޏެވެ.

ރައްޔިތުން ހައްލެއްގެ އިންތިޒާރުގައި

ކުޅުދުއްފުށީގެ ރައްޔިތުންގެ ހުރިހާވެސް އުއްމީދަކީ އާ ސަރުކާރެެވެ. ނިމިގެން ދިޔަ ސަރުކާރުގައި ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ނުލިބުނަސް އާ ސަރުކާރުން އެކަމަށް ހައްލެއް ހޯދަދޭނެކަމަށް ރަށުގެ ރިއްޔިތުން އުއްމީދުކުރެއެެވެ.

މިދިޔަ އަހަރުް ސަރުކާރުން ވަނީ ރަށްރަށުގައި އުފެދޭ ކުނި ތިލަފުއްޓަށާއި ރ. ވަންދޫއަށް ގެންދާނެ ބަޔަކު ހޯދަން އިއުލާންވެސް ކުރިއެެވެ. ކުޅުދިއްފުށީގެ ކުނިތައްވެސް އެގޮތަށް އެހެން ރަށަކަށް ގެންދިއުމަށް މަޝްވަރާކުރިއެވެ.

ކޮނިގޮނޑާ ޖެހިގެން ހުންނަ ސްޓޭޑިއަމްގެ ދުވާ ޓްރެކްގައި މީހަކު ދުވަނީ--- ފޮޓޯ: އުދައިޝަން

ރަށްރަށުން މިހާރުވެސް ލިބޭ އެންމެ ބޮޑު ޝަކުވާއަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތާލެވެން ނެތުންކަން ރައީސްް އިބްރާހިމް މުހައްމަދު ސޯލިހް މިއަަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވިއެެވެ. ރައީސް ވިދާޅުވީ މިއަަހަރުގެ އެއްމެ ބޮޑު އެއް އަމާޒަކީ އެ ޝަކުވާއަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމެވެ.

" އެގޮތުން ގާއުމީ ފެންވަރުގައި، އިތުބާރު ހިފޭ، ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް، ރާއްޖޭގެ 3 ސަރަހައްދެއްގައި މިހާރުދަނީ ކުރެވެމުން." ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވިއެވެ.

ކުނި މެނޭޖްކުރުމަށްޓަކައި މިއަހަރު ކުޅުދުއްފުށީ ކައުންސިލްގެ ބަޖެޓުގައި ތިން މިލިއަން ރުފިޔާވެސް ވަނީ ހާއްސަކޮށްފައެެވެ. ނަަމަވެސް ކައުންސިލްއިން ބުނާގޮތުންނަމަ އެއީ އެންމެ އެކަށީގެންވާ އަދަދެއް ނޫނެވެ. މިހާރު އޮތް ބޮޑު ކުނިގޮނޑު ހަމައަކަށް އަޅުވަން އެތަކެއް މެޝިނަރީއާއި މުވައްޒަފުން ބޭނުންވެއެެވެ. ކައުންސިލްގެ ނަޒަރުގައި އެ މައްސަލަ ހައްލުވާނީ އަދިވެސް އެތައް އަހަރަކުންނެވެ.

comment ކޮމެންޓް