އެމެރިކާއާ ވާހަކަ ދެއްކުމަށް އީރާން އަނެއްކާވެސް ދެކޮޅު ހަދައިފި

ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރު އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް އާ ތެހެރާންގައި ބައްދަލުކުރައްވަނީ

ތެހެރާން (4 ފެބްރުއަރީ 2020): ނިއުކްލިޔާ މައްސަލާގައި އެމެރިކާއެކު ސީދާ ގޮތެއްގައި ވާހަކަ ނުދައްކާނެެކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވީ އެގައުމުގެ ނިއުކްލިޔާ މައްސަލާގައީ އީރާނުން އެމެރިކާއާ އެކަނި ވާހަކަ ނުދައްކާނެކަމަށާ ވާހަކަ ދައްކާނީ ބޮޑެތި ބާރުތައް ބައިވެރިވާ ބައިނަލްއަގްޥާމީ ބައްދަލުވުމެއްގެ ތެރެއިންނެވެ. އެގޮތަށްވެސް މިހާރު އޮތް އެއްބަސްވުން ބަދަލުކުރުމަށް ނޫނީ އައު އެއްބަސްވުމެއް އެކުލަވާލުމާބެހޭގޮތުން ވާހަކަ ނުދައްކާނެކަމަށް ޒަރީފް ވިދާޅުވިއެވެ.

އަނެއްކޮޅުން އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވެފައިވާތީ އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ޖޯސެޕް ބޮރެލް އީރާނަށް ވަޑައިގެންފިއެވެ.

ތެހެރާންގެ އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ދެއްވި ބަޔާނެއްގައި ބޮރެލް ވިދާޅުވީ އޭނާގެ ދަތުރުގެ ބޭނުމަކީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވުމާގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމާބެހޭގޮތުން އީޜާނުގެ ލީޑަރުންނާ މަޝްވަރާކުރެއްވުމެވެ.

ބޮރެލް ތެހެރާނަށް ވަޑައިގަތުމުގެ ކުރިން ޔޫރަޕްގެ ބޮޑު ތިންބާރުކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އަދި ޖަރުނަމުންވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގެ ގިނަ ބައިތަކަށް އަމަލުނުކުރުމަށް އީރާނުން ނިންމި ނިންމުން މުރާޖަޢާ ކުރުމަށް ގޮވާލާފައެވެ. އީރާނުގެ ނިންމުން މުއާޖަޢާ ނުކުރާނަމަ އެއެއްބަސްވުމުގައި ހިމެނޭ ކޮންފްލިކްޓް ރެޒޮލިއުޝަން ގެ މެކޭނިޒަމަށް އަމަލުކުރަން ފަށާނެކަމުގެ އިންޒާރުވެސް އެގައުމުތަކުންވަނީ އީރާނަށް ދީފައެވެ.

ޔޫރަޕުން އިންޒާރު ދިނުމާއެކު އީޜާނުންވަނީ ނިއުކްލިޔާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާއިން ވަކިވެދާނެކަމުގެ އިންޒާރު ދީފައެވެ. ނިއުކްލިޔާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާއިން ވަކިވެއްޖެނަމަ އެގައުމުގެ ނިއުކްލިޔާ މަރުކަޒުތައް ބަލައި ފާސްކުރުމުގެ ފުރްސަތު އދ. ގެ ކަމާބެހޭ އިދާރާއަށާއި ބައިނަލްއަގްވާމީ މުޖްތަމައަށް ގެއްލިގެންދާނެއެވެ.

މިފަދަ ހާލަތެއްގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ފުރްސަތު އީރާނަށް ތަނަވަސްވެގެންދާނެއެވެ. މިގޮތަށް އަމަލުކޮށްފިނަމަ އދ. ގެ ސަލާމަތީ މަޖިލީހުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ފުރްސަތު ބޮޑުވެގެންދާނެއެވެ. ނަމަވެސް އދ. ނޫންގޮތަށް އެމެރިކާ އިން ވެސް އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައި އީރާނާއެކު ވިޔަފާރީގެ މުއާމަލާތް ކުޜާ ގައުމުތަކާ ދެކޮޅަށްވެސް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅަމުން ގެންދާތީ ސަލާމަތީ މަޖިލީހުން ފިޔަވަޅު އެޅިނަމަވެސް މިހާރު ވާވަރަށްވުރެ އިތުރު ދަތިކަމެއް ކުރިމަތިނުޥާނެކަމަށް އީރާން ދެކެއެވެ.

އެމެރިކާ ދަތިކުރުމުގެ ފިޔަވަޅުތައް ކިތަންމެ ހަރުކަށި ކުރިނަމަވެސް އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވިފައެއް ނުވެއެވެ. އަދި އިގްތިސާދީ ގޮތުން އީރާން އިނދަޖައްސާލުމުގައި އެމެރިކާވަނީ ނާކާމިޔާބުވެފައެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އީރާން އުޅޭތާ 40 އަހަރުވަނީ ވެފައެވެ. އީރާނުން ނިއުކްލިޔާ ޓެކްނޮލޮޖީއާއި ރޮކެޓް ސައެންސާއި މިސައިލް ޓެކްނޮލޮޖީ ތަރައްގީކޮށްފައިވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އޮއްވައެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގައި ޝާމިލްވާ ގައުމުތަކަކީ އީރާނުގެ އިތުރުން ރަޝިއާ ޗައިނާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނެވެ. މީގެއިތުރުން ޔޫރަޕްގެ އިއްތިހާދަކީވެސް މިކަމުގައި ޝާމިލްވާ ފަރާތެކެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޒަރީފް ކުރެއްވި ޓްވީޓެއްގައިވަނީ މިހާރުއޮތް އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގެ ބަދަލުގައި އައު އެއްބަސްވުމެއްގައި ސޮއިކުރުމަށް އެމެރިކާ ގޮވާލި ގޮވާލުމަށް ދެކޮޅު ހައްދަވާފައެވެ. މިހާރުއޮތް އީރާނުގެ ނިއުކްލިޔާ އެއްބަސްވުން ޓްރަމްޕްގެ ސަރުކާރަށް ކަމުނުދަނީ އޭގައި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު ހުއްޓާލުމުގެ އިތުރުން އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓާލުން ހިމެނިފައިނުވާތީއެވެ. މިސައިލް ޕްރޮގްރާމަކީ މުސްލިމުންގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ އިސްރާއީލަށް ނުރައްކާތެރި ޕްރޮގްރާމަކަށް ވެފައި އީރާނުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އަސްކަރީ ގޮތުން އެހީތެރިވުމާއި ފަލަސްތީނުގެ ބިމުން އިސްރާއީލު ނައްތާލަން އީރާން ގޮވާލާ ގޮވާލުމަކީ އީރާނުގެ ހަތިޔާރުގެ ހުރިހާ ޕްރޮގްރާމް ހުއްޓުވުމަށް އެމެރިކާ މަސައްކަތްކުރާ މައިގަނޑު ސަބަބެވެ.

އެހެންކަމުން އައު އެއްބަސްވުމެއް އެކުލަވާލަން ޓްރަމްޕްގެ ސަރުކާރުން ބޭނުންވަނީ އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓާލުންވެސް އޭގައި ހިމެނޭގޮތަށެވެ. މިގޮތަށް އީރާން އެއްބަސްވެއްޖެނަމަ އެމެރިކާއާއި އެމެރިކާގެ ބައިވެރިންކަމަށްވާ އިސްރާއީލާއި ސައޫދީ އާއި ޔޫއޭއީ ގެ ކުރިމަތީގައި އަމިއްލަ ނަފްސު ދިފާއު ކުރުމުގެ އަސްކަރީ ގާބިލްކަން އީރާނަށް ގެއްލޭނެއެވެ. މިސައިލް ޕްރޮގްރާމް ހުއްޓުވުމަށް އީރާން އެއްބަސް ކުރުވަން އެމެރިކާއަށް ބާރުއަޅަނީ އީރާނުގެ ދުޝްމަނުން ކަމަށްވާ އިސްރާއީލާއި ސައޫދީ އަރަބިއާއި ޔޫއޭއީންނެވެ. މި ތިން ގައުމަކީ އެމެރިކާއާ ގުޅިގެން އިއްލާން ނުކުރާ އިއްތިހާދެއްގެ ގޮތުގައި މަސައްކަތްކުރާ ތިން ގައުމެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގައި އޮބާމާގެ ސަރުކާރުން ސޮއިކުރިނަމަވެސް ޓްރަމްޕްގެ ވެރިކަމުގައި އެ އެއްބަސްވުމުން އެމެރިކާ ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެ ފިޔަވަޅުތައް އެޅީ އީރާނާދެކޮޅަށް މަސައްކަތްކުރާ އިސްރާއީލާއި ސައޫދީ އަރަބިއާއި ޔޫއޭއީ ގެ ފިއްތުންތަކުގެ ސަބަބުންކަމަށް ވަނީ ބެލެވިފައެވެ. އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމުގެ އިތުރުން މިސައިލް ޕްރޮގްރާމް ހުއްޓާލުން ހިމެނޭގޮތަށް އައު އެއްބަސްވުމެއްގައި އީރާން ސޮއިކޮށްފިނަމަ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް ނައްތާލާނެކަމާއި އީރާނަކީ އެމެރިކާގެ ގާތް ގައުމެއްގެ ގޮތުގައި ބަލައި އީރާނާއެކު ގުޅުންތައް އުފައްދާނެކަމަށް ޓްރަމްޕްވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އީރާނަށް ވަޑައިގެން އުޅުއްވާ ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ޖޯސެޕް ބޮރެލް އެގައުމުގެ ރައީސް ހަސަން ރޫހާނީ އާ ބައްދަލުކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)

comment ކޮމެންޓް