ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ މިރެއިން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލު އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24ގެ ނިޔަަލަށް އޮންނާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އޭޕްރިލް މަހުގެ ހަތަރެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު އިންތިހާބު ކަމަށާއި އިންތިހާބުގައި ދެ އިންތިހާބެއް ކުރިއަށްދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރުން ހޮވުމުގެ އިންތިހާބެވެ.

އަކްރަމް ވިދާޅުވީ މިއަހަރުގެ އިންތިހާބުގައި 6،000 ކެނޑިޑޭޓުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވަނީ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ފުރާއިރު ސަމާލުކަމެއް ދޭން ޖެހޭ ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން ކުށުގެ ރިކޯޑާއި ދަރަނީގެ ބަޔަށް ބޮޑު ސަމާލުކަމެއް ދެއްވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ހަބީބް ވިދާޅުވީ މި ދުވަސްވަރަކީ އިލެކްޝަންސް ކޮމިޝަނާ ދޭތެރޭގައި ރައްޔިތުންގެ މެދުގައި އިތުބާރު ހޯދުމަށް ސިޔާސީ ޕާޓީތަކުންވެސް މަސައްކަތްކުރަން ޖެހޭ ދުވަސްވަރެއް ކަމަށެވެ.

"މިދުވަސްވަރު އިލެކްޝަންސް ކޮމިޝަނާ މެދު ނުބައި ތަސައްވުރެއް އުފެއްދުމަށް މަސައްކަތްކުރުމަކީ މުނާސަބު ނޫން ކަމެއް،" އޭނާ ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިދިޔަ ހުކުރު ދުވަހު ވަނީ ޕްރައިމަރީ ބާއްވާފައެވެ. ގއ. އަތޮޅު އެމްޑީޕީ ޕްރައިމަރީގައި ޖެހުނު ހަމަނުޖެހުންތަކާ ގުޅިގެން އެ އަތޮޅުގެ މުޅި ޕްރައިމަރީ ބާތިލްކޮށް އަންނަ ހުކުރު ދުވަހު ބާއްވަން ވަނީ ނިންމާފައެވެ.

މީގެއިތުރުން އިދިކޮޅު ޕީޕީއެމްގެ ޕްރައިމަރީ ވެސް އަންނަ ހުކުރު ދުވަހު ބާއްވަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް