ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކަބް ޒޫމާ ހައްޔަރު ކުރަން ކޯޓު އަމުރު ނެރެފި

ޒޫމާގެ މައްޗަށް ވަނީ ކޮރަޕްޝަނާ ގުޅުން ހުރި 16 ދައުވާއެއް އުފުލާފައި -- ފޮޓޯ: އޭޕީ

ޖޮހަނަސްބާގް (ފެބްރުއަރީ 4): ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކަބް ޒޫމާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ދައުވާތައް ބެލުމަށް ކުރިއަށްގެންދާ ޝަރީއަތަށް އޭނާ ހާޒިރު ނުވުމުން، ޒޫމާ ހައްޔަރު ކުރަން ކޯޓު އަމުރެއް ނެރެފި އެވެ.

ދެކުނު އެފްރިކާގެ ހައި ކޯޓަކުން ޒޫމާ ހައްޔަރު ކުރުމަށް އަމުރު ނެރުނީ އެގައުމުގެ ނެޝަނަލް ޕްރޮސެކިއުޓިން އޮތޯރިޓީ (އެންޕީއޭ)ގެ އެދުމުގެ މަތިން ކަމަށް ދައުލަތުގެ މީޑިއާއިން ބުންޏެވެ.

ޒޫމާ ވަނީ އޭނާއަށް ކޯޓަށް ހާޒިރު ނުވެވެނީ ބަލި ހާލަތު ހުރި ގޮތުން ކަމަށް ވިދާޅުވެފަ އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ޒޫމާ ގެންދަވަނީ ކިއުބާގެ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވަމުންނެވެ. ނަމަވެސް އޭނާގެ ހާލުކޮޅާ ބެހޭ ގޮތުން އިތުރު މައުލޫމާތު ދީފައި ނުވެ އެވެ.

އެހެންކަމުން އެންޕީއޭ އިން ވަނީ ޒޫމާގެ މެޑިކަލް ރެކޯޑުތައް ހުށަހެޅުމަށް ކޯޓުގައި އެދިފަ އެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހު ޒޫމާގެ މައްޗަށް ވަނީ ކޮރަޕްޝަނާ ގުޅުން ހުރި 16 ދައުވާއެއް އުފުލައިފަ އެވެ. އެއީ 1990ގެ އަހަރުތަކުގައި ޒޫމާ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އިރު ސަރުކާރުން ހަތިޔާރު ގަތުމަށް ހެދި އެއްބަސްވުމެއްގައި ރިޝްވަތު ނެންގެވުމުގެ ތުހުމަތުގައި އެވެ.

މީގެ ކުރިން ވެސް އެންޕީއޭ އިން ވަނީ ޒޫމާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށްފަ އެވެ. ނަމަވެސް 2009 ވަނަ އަހަރު ޒޫމާ ވެރިކަމަށް ވަޑައިގެތުމުގެ ކުރިން އެދައުވާތައް ވަނީ އަނބުރާ ގެންގޮސްފަ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޒޫމާ ރައީސް ކަމުން އިސްތިއުފާ ދެއްވީ އޭނާގެ ޕާޓީ، އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭއެންސީ)އިން އެކަމަށް ޕްރެޝަރު ކުރަމުން ދިޔުމުގެ ސަބަބުންނެވެ.

comment ކޮމެންޓް