އެފްއޭއެމްގެ އިންތިހާބު ކުރިއަށް އޮތް 45 ދުވަހުގެ ތެރޭ ބާއްވަނީ

އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: އެފްއޭއެމްއިން މިއަހަރަށް 65 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެދިލެއްވުމުގެ ދަށުން އެ އެސޯސިއޭޝަންގެ ކުއްލި އެކްސްކޯ މީޓިންގްއެއް ބާއްވައި، ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް ފާސްކޮށްފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު މި އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ހަމަވާ އިރު އޭގެ ކުރިން އެފްއޭއެމްގެ އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައި ބުނެފައިވެ އެވެ. އޭގެ ކުރިން ކޮންމެ ވަގުތެއްގައި ވެސް އެ އިންތިހާބު ބޭއްވިދާނެ ކަމަށް ބައްސާމް މީގެ ކުރިން ވެސް ބުނެފައިވާ އިރު މިއަދުގެ ވަގުތެއްގައި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ.

މިއަދުގެ އެ ބައްދަލުވުމަކީ ބައްސާމްގެ އެދިލެއްވުމަކާ ގުޅިގެން އިންތިހާބު ބާއްވާނެ ދުވަހެއް ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމަކަށްވާ އިރު ކުރިއަށް އޮތް 45 ދުވަސް ތެރޭގައި އިންތިހާބު ބޭއްވުމަށް ވަނީ އެކްސްކޯއިން ފާސްކޮށްފަ އެވެ.

"އަހަރެން ގަބޫލު ކުރަނީ ފުޓުބޯޅައަކީ ވަކި ވަކި ފަރުދުންގެ އެއްޗަކަށް ވުރެން މާ ހާއްސަ ކުޅިވަރެއް. އިންތިހާބަށް ޝައުގުވެރިކަން ހުރި ކޮންމެ ފަރާތެއް ވެސް ބައިވެރިވުމަށް އެދެން. އެންމެ ގުޅިގެން ޑިމޮކްރެސީގެ ރީތި ހަމަތަކުގެ މަތިން އިންތިހާބު ބޭއްވޭތޯ މަސައްކަތް ކޮށްދެއްވާ،" ބައްސާމް މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވެ އެވެ.

ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އާ ވާދަކޮށް އެފްއޭއެމް ގެ ރައީސްގެ މަގާމަަށް އަދީލް ޖަލީލް އިންތިހާބުވެ ވަޑައިގަތީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އޭރު އޭނާ ގެންދެވީ އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކެއްޓަރީގެ މަގާމު ފުރުއްވަމުންނެވެ.

ކްލަބް ވެލެންސިއާ ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި އަދީލް ޖަލީލްގެ ބޭފުޅެއް ކަމަށްވާ ބައްސާމް ފުޓްބޯޅައިގެ ތެރެއަށް ވެންނެވީ ވެލެންސިއާގެ ތެރެއިންނެވެ. އެގޮތުން އެ ކްލަބަށް ކޮންމެވެސް ވަރަކަށް ކުޅުއްވި އިރު އޭގެ ފަހުން އެ ކްލަބުގެ ވައިސް ޗެއާމަންގެ މަގާމް އަދާކުރެއްވި އެވެ.

އިންތިހާބުގެ މުއްދަތު ހަމަވުމުގެ ނުވަ މަސް ކުރިން އައު އިންތިހާބެއް ބޭއްވުމަށް ރާއްޖޭގެ ފުޓުބޯޅަ އާއިލާއަށާއި ކުލަބުތައް ގާތުން އެދެން. ފީފާއާއި އޭއެފްސީގެ ބެލުމުގެ ދަށުން ބާއްވާ މި އިންތިހާބު ވެގެން ދާނީ ދެފުށް ފެންނަ އަމާން އޮމާން އިންތިހާބަކަށް." ބައްސާމްގް ޓްވީޓުގައި ބުނެފައިވެ އެވެ.

އެފްއޭއެމްގައި ކުރިން ވަޒީފާއަދާކުރައްވާފައިވާ ބައްސާމް އެތަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އެންމެ ފުރަތަމަ ގެނައީ ޑިސެމްބަރު 2014 ގައި ނޯމަލައިޒޭޝަން ކޮމިޓީން ހަވާލުވުމަށް ފަހު އެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު މަގާމުން ދުރުވުމުން، ކޮމިޓީގެ ޗެއާމަންގެ މަގާމަށް ބައްސާމް ވަނީ ވާދަކުރައްވާފަ އެވެ.

އޭނާ ދެ ވަނަ ފަހަރަށް ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވީ، 2016 ވަނަ އަހަރުގެ މޭ މަހު އެފްއޭއެމްގެ ރައީސްގެ މަގާމަށް ތޯރިގް އިންތިހާބުވުމުންނެވެ. އެކަމަކު ވަކި ހިސާބަކުން ތޯރިގް ވަނީ އެ މަގާމުން ބައްސާމް ވަކިކުރައްވައިފަ އެވެ. އެ މައްސަލަގަނޑުގެ ތެރެއިން ބައްސާމަށް ތާއީދުކުރާ އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާ ދިނުމާ އެކު އެކްސްކޯ އުވި އަލުން އިންތިހާބެއް ބާއްވަން ޖެހުނީ އެވެ.

ބައްސާމް މަގާމުން ދުރުކުރުމަށް ދާދި ފަހުން ރާއްޖޭގެ ބައެއް ކުލަބުތަކުން ވަނީ ތެދުވެފަ އެވެ. އޭގެ ތެރޭގައި މިހާރު ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ ނިއުރޭޑިއަންޓް އަދި ވިކްޓްރީ ހިމެނެ އެވެ. އެކަމަކު ބައްސާމް ބޭރު ކުރުމަށް އޭރު ކުލަބުތަކުން ބާއްވަން އުޅުނު އިންތިހާބުގެ ކުރިން ބައެއް ކުލަބުތަކުން ހިޔާލު ބަދަލުވުމުން އެކަން ވާގޮތް ނުވީ އެވެ.

comment ކޮމެންޓް