ލޭނު އެޅުމާއި، މިޔަރާއި ކަހަނބު ހިފުން ހުއްދަކުރަން ގޮވާލައި ޖާބިރު ގަރާރެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު - ފޮޓޯ/ މަޖިލިސް

ފަންސާސް މޭލު އެތެރޭ ސަރަހައްދުގައި ލޭނު އެޅުމުގެ މަސްވެރިކަން ކުރުން ދިވެހި މަސްވެރިންނަށް މަނާކޮށްފައި އޮންނަ އޮތުމަށް ނިމުމަކަށް ގެނެސް ރާއްޖޭގައި ލޭނު އެޅުމުގެ މަސްވެރިކަން ކުރުމުގެ ހުއްދަ އަލުން ދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

މަޖިލީހަށް ގަރާރު ހުށަހަޅުއްވާފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

ލޭނުއެޅުމުގެ މަސްވެރިކަން ކުރުމުގެ ހުއްދަ އަލުން ދިނުމުގެ އިތުރުން އެއްވެސް ހުރަހެއް ނެތި ރާއްޖޭގެ ނޫ އިގްތިސާދުގެ ނަފާ އެންމެހާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ގޮތުގެމަތިން، ވަކި ގަވާއިދެއް ހަދައި، އެ ގަވާއިދުގެ ދަށުން މިޔަރާއި ކަހަނބާއި އެންދެރި ނެގުމަކީވެސް ދިވެހި މަސްވެރިކަމުގެ ތެރޭގައި ހިމެނޭ ހުއްދަ ކަމެއްގެ ގޮތުގައި ހަމަޖައްސައި އެ ހުއްދަ ދިވެހި މަސްވެރިންނަށް ދިނުމަށް ވެސް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ 50 މޭލާއި 70 މޭލު ބޭރުގައި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދިވެހި މަސްވެރިންނަށާއިއެން ހިފަން ފީނާ މަސްވެރިންނަށް މިޔަރުގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބޭކަމުގެ ޝަކުވާތައް ގިނަވަމުން އަންނަ ކަމަށެވެ.

ޖާބިރު ވިދާޅުވީ އެކަމުގެ ހަގީގަތް ބެލުމަށް އަމިއްލަފުޅަށް ދިރާސާއެއް ކުރެއްވި ކަމަށާއި، އެ ދިރާސާއިންނާއި މަސްވެރިންގެ ސީދާ ވާހަކަތަކުން، ރާއްޖޭގެ ކަނޑުތަކުގައި ގިނަވެ، މަސްވެރިންނަށް ގެއްލުންދޭ މިޔަރުތަކަކީ، ރާއްޖެއާއި އެތައް ސަތޭކަ މޭލު ބޭރުން ދަތުރުކުރަމުން އައިސް ރާއްޖޭގެ ސަރަހައްދަށް ވަދެގެން އުޅޭ މިޔަރުތަކެއް ކަމާއި، އެ މިޔަރުތަކަކީ ރާއްޖޭގެ ޓްރޮޕިކަލް ގާޑަންގެ ތެރޭގައި ހިމެނޭ ވައްތަރުގެ މިޔަރެއް ނޫންކަން އެނގި ކަށަވަރު ވެފައިވާ ކަމަށެވެ.

ރާއްޖޭގެ ޓެރިޓަރީގައި ދިރިއުޅޭ މިޔަރުތަކަކީ އިންސާނުންނަށް ގެއްލުންދޭ މިޔަރުތަކަކަށް ނުވިކަމުގައި ވިޔަސް، ރާއްޖޭގެ ސަރަހައްދަށް މިހާރު ވަދެގެން އުޅޭ މިޔަރުތަކަކީ އެތަކެތީގެ ސަބަބުން އިންސާނުންނަށާއި، ކަނޑުގެ މަސްމަހާމެއްސަށް ނުރައްކަލަކަށް ވެފައިވާ މިޔަރުތަކެއްކަން ފާހަގަކުރެވިފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެ މިޔަރުތަކުގެ ސަބަބުން މަސްވެރިންނާއި ފަތުރުވެރިންނަށް ލިބޭ އަނިޔާ ބޮޑުވެ، މީގެ ދުވަސްކޮޅެއް ކުރިން ފަތުރުވެރިއެއްގެ އަތެއްވެސް މިޔަރު ކާލާފައިވާ ކަމަށާއި، މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ފ. ބިލެތްދޫ މީހެއްގެ ފައި ވެސް މިޔަރު ކާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ގަރާރުގައި ޖާބިރު ވިދާޅުވެފައިވެއެވެ.

އެހެންކަމުން ރާއްޖޭގެ އިގްތިސޯދުގެ ދެ ސިނާއަތް ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބެމުންދާ އަނިޔާތަކާއި ގެއްލުންތަކުން ސަލާމަތް ކުރުމަށް ޖެހިފައިވާ ކަމަށް ވިދާޅުވެ ފިޔަވަޅުތަކެއް އެޅުމަށް ޖާބިރު ވަނީ ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ގޮވާލައްވައިފައެވެ.

އެ ފިޔަވަޅުތަކަކީ:

1. ދިވެހިކަނޑުތަކުގައި އުޅޭ އިންސާނުންނަށް ހަމަލާދޭ ނުރައްކާތެރި މިޔަރުގެ ބާވަތްތައް ދެނެގަތުމުގެ މަސައްކަތް މި ހިނދުން މި ހިނދަށް ފެށުން.

2. އެތަކެތީގެ ސަބަބުން މަސްވެރިންނާއި ފަތުރުވެރިންނަށް ކުރިމަތިވާ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މިހިނދުން މި ހިނދަށް އެޅުން.

3. ފަންސާސް މޭލު އެތެރޭ ސަރަހައްދުގައި ލޭނު އެޅުމުގެ މަސްވެރިކަން ކުރުން ދިވެހި މަސްވެރިންނަށް މަނާކޮށްފައި އޮންނަ އޮތުމަށް މިހިނދުން މިހިނދަށް ނިމުން ގެނެސް، ރާއްޖޭގައި ލޭނު އެޅުމުގެ މަސްވެރިކަން ކުރުމުގެ ހުއްދަ އަލުން ދީ، އަދި އެއްވެސް ހުރަހެއް ނެތި ރާއްޖޭގެ ނޫ އިގްތިސޯދުގެ ނަފާ އެންމެހާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ގޮތުގެމަތިން، ވަކި ގަވާއިދެއް ހަދައި، އެ ގަވާއިދުގެ ދަށުން މިޔަރާއި ކަހަނބާއި އެންދެރި ނެގުމަކީވެސް ދިވެހި މަސްވެރިކަމުގެ ތެރޭގައި ހިމެނޭ ހުއްދަ ކަމެއްގެ ގޮތުގައި ހަމަޖައްސައި އަދި އެ ހުއްދަ ދިވެހި މަސްވެރިންނަށް ދިނުން.

comment ކޮމެންޓް