މާލޭގައި ހިނގާފައި ނޫޅެވެންވީ ސަބަބެއް ނުވިސްނޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މާލޭގައި ދުއްވާ އެއްގަމު އުޅަނދުފަހަރު ގިނަވެގެން އުޅޭ ސަބަބު ވިސްނިވަޑައިނުގަންނަވާ ކަމަށާއި، ހިނގާފައި އެއް ތަނުން އަނެއް ތަނަށް ދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގެ ބަހުސް ފެށުމުގެ ކުރިން ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެ ބިލަކީ ފަސޭހަކަމާއެކު ނިންމާލެވޭނެ ބިލެއް ނޫން ކަމަށެވެ.

މާލޭގެ މަގުތަކުގައި ދުއްވާ އެއްޗެހި އިންތިހާއަށް ގިނަކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ، މާލެއަށް އެހާ ގިނައަދަދެއްގެ އުޅަނދު ބޭނުންވާ ސަބަބެއް އެއް ގޮތަކަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އެއްވެސް ހާލެއްގައި ހަމަ ބުއްދިއަށް ނުވިސްނޭ ކިހިނެތް ވެގެން ކަމެއް މާލޭގައި އެއްތަނުން އަނެއް ތަނަށް ދާން އެހާ ބައިވަރު ކާރުތަކެއް ހުންނަންވީ ސަބަބެއް. މިތަނުގައި ހިނގާފައި އެއް ތަނުން އަނެއް ތަނަށް ނުދެވެންވީ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެ. ހަމައެކަނި ސަބަބެއް ކަމަށް އަޅުގަނޑަށް ފެންނަނީ ފަހަރުގައި ވެދާނެ ޕޭވްމަންޓްގައި ހިނގަން ފަސޭހަ ނުވާތީ ކަމަށް. އެވެސް ދެން ސަބަބެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޕޭވްމަންޓުގެ ގާތައް ނެއްޓިފައި ހުރުމާއި، މަތިން އެއްޗެހި ވެއްޓުން ފަދަ ކަންކަމުގެ ވާހަކަތައް އަޑުއައްސަވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނަކީ ވެސް ހިންގަވާފައި އުޅުއްވާ ބޭފުޅެއް ކަމަށާއި، އަދި އެފަދަ ނުރައްކާތެރި ކަމަކާ ދިމާނުވާ ކަމަށެވެ.

"އެކަމަކު އަޅުގަނޑަށް ޔަގީން އެތައް ބައެއްގެ ހަނދާނުގައި ހުންނާނެ ކަނޑައެޅިގެން ކަކުލާ ހަމައަށް ޗަކަ، މީގެ ކުރީގައި މާލޭ މަގުމަތީގައި ވެސް އޮތީ. ދެން މިއަދު އެތާ މަތިން ހިނގާނުލެވިގެން މި އުޅެނީ ގާކޮޅެއް ދިއްވެފައި އޮންނާތީ. ދެން އެވެސް ރަނގަޅު. ގާކޮޅެއް ދިވެއްފައި އިންނާކަށް ވެސް ބޭނުމެއް ނުވޭ. އެއްޗެހިވެސް ވެއްޓެނީ މަތިން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މާލޭގެ މަގުތަކުގެ ކާރޫބާރޫ ބޮޑުވުމުގެ މައްސަލައަށް ހައްލު ގެނެވޭނީ ގިނަބަޔަކު ފައިމަގުގައި ނުވަތަ ބައިސްކަލުގައި އުޅެން ފެށުމުން ކަމަށެވެ.

މާލޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދެނީ އެ އުޅަނދެއް ބާއްވާނެ ތަނެއް ދެއްކުމުން ކަމަށް ވާއިރު، ގަވާއިދާ އެއްގޮތަށް އަމަލު ކުރާނަމަ، އެތަކެތިމަގުތައް މަތީގައި ހުންނަން ނުޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އެހެން ނަމަވެސް ކޮބާ ކޮންމެ މަގެއްގެ ދެ ފަރާތުގައި، އެންމެ ހަނި މަގުވެސް ދެ ފަރާތުގައި ސައިކަލުތައް ބެހެއްޓި ބެހެއްޓީނުން ކުނި ކެހެނީކީއެއް ނޫން މަގެއް، އަދި އެއިން މަގެއްގައި ހިނގާބިނގާވެ އުޅެވެނީއެއް ވެސް ނޫން،" ނަޝީދު ވިދާޅުވިއެވެ.

ސައިކަލު ގަތުމަކީ "ރޯދައަށް ކަދުރު ކިލޯއެއް ގަތުން" ކަހަލަ ކަމަކަށް ވެފައިވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ގަނެ ވިއްކާ އުސޫލަށް ވެސް ފާދުވިދާޅުވެފައެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން ކޮންމެ ރަށަކަށް ވެސް އުޅަނދު އެތެރެކުރެވޭނެ އަދަދު ކަނޑައަޅަން ޖެހެއެވެ. ނަޝީދު ވިދާޅުވީ މިއީ ރަށްރަށުގެ މުސްތަގުބަލާ ގުޅިފައިވާ ބިލެއް ކަމަށެވެ. އަދި މި ބިލާ ގުޅިގެން ވަރަށް ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރެއްވުމަށް ނަޝީދު ވަނީ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

comment ކޮމެންޓް