ސްކޫލްތައް ދުޅަހޮޔު މާހައުލަކަށް ހަދަން ސިޔާސަތު ބަދަލުކުރާން: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ-- ފޮޓޯ: އެސްޓީއޯ

ސްކޫލްތަކަކީ ދުޅަހޮޔު މާހައުލަކަށް ހަދަން ސިޔާސަތުތަކަށް ބަދަލު ގެންނާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެެވެ.

މިނިސްޓަރު އެހެން ވިދާޅުވީ ކެންސަރާ ގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ހޭލުންތެރިކުރުމުގެ ގޮތުން ހޮޓެލް ޖެންގައި މިއަދު ފެށި ވޯކްޝޮޕްގައި ވާހަކަ ދައްކަވަމުންނެވެ.

"އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުރެ ސްކޫލް މާހައުލަކީ ދޮޅަހެޔޮ އަދި ހަރަކާތްތެރި ހަދަން ޕޮލިސީ ލެވެލްގައި ބަދަލުތަކެއް ގެންނާނަން" މިނިސްޓަރު ވިދާޅުވި އެެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވިއިރު ސްކޫލްތަކަކީ ދަރިވަރުންނަަށް ހަރަކާތްތެރި މާހައުލަކަށް ހެދުމަށް އާ ސްކޫލްތައް އިމާރާތް ކުރާނީ ކުޅިވަރުތައް ކުޅެވޭނެ ގޮތަށްކަމަށްވެސް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފަ އެެވެ.

ދަރިވަރުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހެދުމަށް، ޑރ. އައިޝަތު އަލީގެ މިނިސްޓަރުކަމުގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަަށް ވަނީ ނާސްތާވެސް ދޭން ފަށައިފައެެވެ.

މިއަދު ފެށި ވޯކްޝޮޕްއަކީ ކެންސަރު ބައްޔާ ބެހޭ ގޮތުން އެސްޓީއޯ އާއި ކެންސާ ސޮސައިޓީ އަދި "ޑރ. ރެއްޑީ" ގުޅިގެން މިދިޔަ އަހަރު ފެށި "އޮންކޯ ސްޕެކްޓްރާ" ގެ ހަރަކާތުގެ ދަށުން މި އަހަރު ކުރިއަށްދާ ހަރަކާތެކެވެ.

މިދިޔަ އާދިއްތަ ދުވަހު ފެށި އެ ހަރާކާތުގެ ދަށުން އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވާ ކޮންފަރެންސްއެއްވެސް ވަނީ ފަށައިފައެވެ.

comment ކޮމެންޓް